10 އަހަރު ތެރޭ "ލާނިން ޕަވަޓީ" ދެބައިކުޅަ އެއްބައި މަދުކުރަނީ

ދެހާސް ތިރީސްވަނަ އަހަރުގެ ކުރިން "ލާނިން ޕަވަޓީ"ގެ ނިސްބަތް އެންމެ މަދުވެގެން ދެބައިކުޅަ އެއްބައި މަދުކުރުމަށްޓަކައި އުނގެނުމާ ގުޅޭ ވަރަށް މުހިންމު އަމާޒެއް ވޯލްޑް ބޭންކުން މިއަދު ތައާރަފްކޮށްފި އެވެ.

"ލާނިން ޕަވަޓީ" އަކީ އުމުރުން 10 އަހަރު ފުރިފައިވާ ކުދިންގެ ތެރެއިން އާދައިގެ ވާހަކައެއް ކިޔާލުމަށް އަދި ފަހުމުވުމަށް ނުކުޅެދިފައިވާ ކުދިންގެ ނިސްބަތަށް ދެވިފައިވާ ނަމެކެވެ.

ޔުނެސްކޯ އިންސްޓިޓިއުޓް އޮފް ސްޓެޓިސްޓިކްސްއާ ގުޅިގެން ތަރައްގީކޮށްފައިވާ ޑޭޓާބޭސްއެއްގެ މައްޗަށް ބިނާކޮށް، ވާލްޑް ބޭންކް އިން އަންދާޒާކޮށްފައިވާ ގޮތުގައި ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން 53 ޕަސެންޓު ކުދިންނަކީ ޕްރައިމަރީ ތައުލީމް ނިމޭއިރު އާދައިގެ ވާހަކައެއް ކިޔާލުމަށް އަދި ފަހުމުވުމަށް ނުކެޅެދިފައިވާ ކުދިންނެވެ.

ފަގީރު ގައުމުތަކުގައި މި ނިސްބަތް އުޅެނީ 80 ޕަސެންޓުގައި ކަމަށާއި ލާނިން ޕަވަޓީގެ ނިސްބަތް އެހާ މަތީގައި އުޅުމަކީ، ތައުލީމީ ރޮނގުން ހާސިލުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި އެ ދާއިރާއާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ ކަމުގެ އިންޒާރެއް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

"އަޅުގަނޑުމެންގެ މިޝަން ހާސިލްކުރުމަށްޓަކައި އުނގެނުމާ ގުޅޭ މި މުހިންމު އަމާޒަށް ކާމިޔާބުކަމާ އެކީ ވާސިލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ވާލްޑް ބޭންކް ގްރޫޕްގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާނިން ޕަވަޓީ އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި، ގައުމުތަކުގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކެއް ގާއިމްކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށާއި މި އަމާޒުން އަންގައިދޭ ކަމަކީ، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރަށް، އުނގެނުމާއި އުނގަންނައިދިނުމުގައި އިސްކަންދޭ ކަންކަން ހަރުދަނާކުރުމަށްޓަކައި އަވަސް އިންވެސްޓްމަންޓްތަކެއް ކުރަންޖެހިފައިވާކަމަށެވެ.

މި އާ އަމާޒަކީ، މީހުން ބިނާކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކޮށް އަދި ފުޅާކުރުމުގައި ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި ހިއުމަން ކެޕިޓަލް ޕްރޮޖެކްޓް އިން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅިފައިވާ އަމާޒެކެވެ.

ވޯލްޑް ބޭންކުން ބުނީ ހިއުމަން ކެޕިޓަލް އިންޑެކްސް ނުވަތަ ސިއްހީ، ތައުލީމީ އަދި ދިރިތިބުމުގެ ކަންކަމުގައި ގައުމުތަކުން ހޯދަމުން އަންނަ ކުރިއެރުންތައް ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑުގައި އުޅޭ ފަރަގުތަކުގެ އެންމެ ބޮޑު ސަބަބަކީ ތައުލީމީ ދާއިރާގައި އުފެދިފައިވާ ތަފާތުތައް ކަމަށެވެ.

އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިދެވޭކަން ކަށަވަރުކުރުމުގައި ތައުލީމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވާއިރު ވަރަށް ގިނަ ގައުމުތަކަކުން ލާނިން ޕަވަޓީ ގާތްގަނޑަކަށް އެއްކޮށް ނައްތާލާފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

އެހެން ނަމަވެސް، އެހެން ގައުމުތަކުގައި އެ ނިސްބަތް ވަރަށް ބޮޑަށް މަތީގައި އުޅުމުގެ ސަބަބުން ޅަ ދަރިންގެ މުސްތަގުބަލް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށާއި މިއީ އިންސާނީ ގޮތުންނާއި އިގްތިސޯދީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ގަބޫލުކުރާ ގޮތުގައި އުނގެނުމާ ގުޅޭ މި އަމާޒަކީ ވަރަށް ބޮޑު އަމާޒެކެވެ. އެހެން ނަމަވެސް އެ އަމާޒަށް ވާސިލުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށް ގޮސްފިނަމަ، ހާސިލު ކުރެވޭނެ މުހިންމު އަމާޒެއް ކަމަށެވެ.

އުނގެނުމުގެ ދާއިރާގައި ގިނަ ގައުމުތަކުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތައް ހޯދަމުން އައި ނަމަވެސް ބައެއް އެހެން ގިނަ ގައުމުތަކުގައި، ކުރިއެރުން ހާސިލްކުރެވޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް ދަށްކަން ވޯލްޑް ބޭންކުން ފާހަގަ ކުރެއެވެ.

އެހެންކަމުން މިދިޔަ 20 އަހަރުދުވަހުގެ ތެރޭގައި ފެނިގެންދިޔަ އެންމެ ބާރު މިނުގައި ލާނިން ޕަވަޓީގެ ނިސްބަތް ގައުމުތަކުން މަދުކުރެވުނު ކަމުގައި ވިޔަސް، 2030 ވަނަ އަހަރުގެ ކުރިން ލާނިން ޕަވަޓީ ނައްތާލުމަށް ކަނޑައަޅާފައި އަމާޒަށް ވާސިލް ނުވެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

"ލާނިން ޕަވަޓީގެ ނިސްބަތް އެންމެ މަދުވެގެން ވެސް ދެބައިކުޅަ އެއްބައި މަދުކުރުމަކީ ދެކޮޅުޖެހޭ އެހެނަސް ސިޔާސީ، މާލީ އަދި ހިންގުމުގެ ދާރިއާ އިން ފުޅާދާއިރާއެއްގައި އެއްބާރުލުން ބޭނުންވާ އަދި މުޅި ސަރުކާރުގެ ވިސްނުން ބައްޓަންކުރަންޖެހޭ ކަމެއް. ލާނިން ޕަވަޓީގެ ނިސްބަތް ސުމަކަށް ގެންދިއުމަކީ – ހުރިހާ ކުދިންނަށް ކިޔަން އެނގޭކަން ކަށަވަރުކުރުމަކީ – ފަގީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުމާ އެއްގޮތަށް، ތަރައްގީގެ މުހިންމު އަމާޒެއް. ކިޔަން އެނގުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހައްގެއް. ލާނިން ޕަވަޓީ ނައްތާލާނެ ގޮތާއި ވަގުތު ކަނޑައެޅުމަށާއި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާ އަމާޒުތައް ބަޔާންކުރުމަށްޓަކައި ކޮންމެ ގައުމެއްގައި ވެސް ގައުމީ ފެންވަރުގެ ހިޔާލާއި މަޝްވަރާކުރެވެންޖެހޭ،" ވޯލްޑް ބޭންކް ގްރޫޕްގެ ގްލޯބަލް އެޑިއުކޭޝަން ޑިރެކްޓަރު، ހައިމީ ސާވެޑްރާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ބުނީ ފުޅާ ދާއިރާއެއްގައި އަދި އަވަސް މިނެއްގައި، ބޮޑެތި އާބާދީތަކަށް ފެތޭ ގޮތަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށާއި ޓެކްނޮލޮޖީއާ ނުލައި އެކަން ހާސިލް ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން ހުރިހާ މުދައްރިސުންނާއި ދަރިވަރުން އަދި ސްކޫލްތަކަށް ވަސީލަތްތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް، ހުވާލެވިފައިވާ ޑިޖިޓަލް ވަސީލަތްތަކާއި އިންފޮމޭޝަން ސިސްޓަމްތައް ބޭނުންކުރެވިގެންދާނެ ކަމަށެވެ.

ކުރިއަރާ މިންވަރު ވަޒަންކުރުމުގައި، އުނގެނުމުގެ މިންވަރު ދެނެގަތުމުގެ ގާބިލުކަން، ހާއްސަކޮށް ދަށް ފަންތީގެ އާމްދަނީ ލިބޭ ގަުއުމުތަކުގައި، ވަރަށް ބޮޑަށް އިތުރުކުރަން ޖެހިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކް އާއި ޔުނެސްކޯ އިންސްޓިޓިއުޓް އޮފް ސްޓެޓިސްޓިކްސްއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ދަށުން، މިހާރަށް ވުރެ ރަނގަޅަށް އަދި ބައިނަލްއަގުވާމީ ގޮތުން އަޅާކިޔާލެވޭނެ ފަދަ ގޮތަކަށް ވަޒަންކުރުމަށްޓަކައި، އުނގެނުމުގެ މިންވަރު ދެނެގަތުމަށް ގައުމުތަކުން ގެންގުޅޭ ނިޒާމްތައް ހަރުދަނާކުރުމަށާއި އެނގުނުމާ ގުޅޭ ގޮތުން ގައުމުތަކުން އެއްކުރާ މައުލޫމާތުގެ ފެންވަރު މަތިކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ދަރިވަރުންގެ އުނގެނުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރުމުގައި ވޯލްޑް ބޭންކް އިން އަލަށް ތައާރަފްކޮށްފައިވާ ލާނިން އެސެސްމަންޓް ޕްލެޓްފޯމް ވެސް އެހީތެރިވެދޭނެ އެވެ.

comment ކޮމެންޓް