ދަތުރުމަތީގައި ކޮކްޕިޓަށް މީހަކު ވެއްދުމުން ޕައިލެޓުގެ ލައިސަންސް މިސްރުން އަތުލައިފި

މިސްރުގެ އެކްޓަރު މުހައްމަދު ރަމަޟާން ފްލައިޓުގެ ކޮކްޕިޓުގައި -- ފޮޓޯ: ޓުވިޓާ

ގާހިރާ (އޮކްޓޯބަރު 19): މިސްރުގެ ސްމާޓް އޭވިއޭޝަން އެއާލައިންގެ ފްލައިޓެއް މަތީ ކޮކްޕިޓަށް ފަސިންޖަރަކު ވެއްދި މައްސަލައިގައި އެބޯޓު ދުއްވަން އިން ޕައިލެޓުގެ ލައިސެންސް އަތުލައިފިއެވެ.

މިސްރުގެ އެކްޓަރެއް އަދި ލަވަކިޔުންތެރިއެއް ކަމަށްވާ މުހައްމަދު ރަމަޟާން، މިމަހުގެ 13އިގައި ޓުވިޓާ އާއި އިންސްޓަގްރާމުގައި ހިއްސާ ކުރި ވީޑިއޯއެއްގައި އޭނާ ފްލައިޓުގެ ކޮކްޕިޓަށް ވަދެ، ކޯޕައިލެޓުގެ ސީޓުގައި އިށީނދެގެން އިންނަ ތަން ފެނެއެވެ.

އަދި ފްލައިޓުގެ ކޮންޓްރޯލް ވީލްގައި ހިފާ، ބޯޓު ދުއްވަނީ އޭނާ ކަމަށްވެސް ވީޑިއޯގައި ރަމަޟާން ބުނެއެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ މިސްރުން ސައުދީ އަރަބިއާއަށް ކަމަށާއި އެއީ ޕްރައިވެޓް ފްލައިޓެއް ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރިއެވެ.

މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެ މައްސަލައިގައި ޕައިލެޓުގެ ލައިސަންސް އަތުލީ އެ ޕައިލެޓު ސިވިލް އޭވިއޭޝަން ގާނޫނުތަކާ ހިލާފުވުމުގެ ސަބަބުންނާއި މުސްތަގުބަލުގައި އެފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައެވެ. އެ މައްސަލައިގައި ކޯޕައިލެޓުވެސް ވަނީ އެއް އަހަރުގެ މުއްދަތަކަށް ސަސްޕެންޑުކޮށްފައެވެ.

އަދި ސްމާޓް އޭވިއޭޝަންގެ ސީއީއޯ މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި ކަމަށް އެ އެއާލައިނުގެ އޮފިޝަލުން ވިދާޅުވިއެވެ.

މިސްރުގެ އޭވިއޭޝަން ގާނޫނުތަކުގައިވާ ގޮތުން މަތިންދާބޯޓެއްގެ ދަތުރުމަތީގައި ފަސިންޖަރުން ކޮކްޕިޓަށް ވަނުމަކީ މަނާކަމެކެވެ.

comment ކޮމެންޓް