އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ރައީސް ނަޝީދު ފޯމު ހުށަހަޅުއްވައިފި

ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހިންގި ކެމްޕޭނުގެ ހަރަކާތެއްގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް މުހައްމަދު ޝިފާޒްގެ މަގާމުގެ ދައުރު ހަމަވެފައިވާ އިރު، އެ ދެ މަގާމަށް އަލުން ބޭފުޅުން އިންތިހާބުކުރުން އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދު މިއަދު ވަނީ، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ ފޯމު ހުށަހަޅުއްވާފައެވެ. ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

ފޯމު ހުށަހެޅުއްވުމަށް އެމްޑީޕީގެ އޮފީފަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ފޯމާއެކު، ޕާޓީގެ ގިނަ މެމްބަރުންތަކެއްގެ ސޮއި ވެސް ހިމެނޭ ކަމަށެވެ.

"އެއީ އެބޭފުޅުން، އަޅުގަނޑު ރައީސްކަމަށް ކުރިމަތިލުމަށް ދޭ ރުހުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު، އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވިއިރު ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަގާމުގައި ހުންނެވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. އޭނާ ވެސް ވަނީ މިއަދު ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލާ ކަމުގެ ފޯމު ހުށަހަޅުއްވާފައެވެ.

ނައިބު ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވެސް ވަނީ ކުރިމަތިލެއްވުމަށް ނިންމަވާފައެވެ.

އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ.

comment ކޮމެންޓް