އަފްޣާނިސްތާނުގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއްދީ، 62 މީހަކު މަރާލައިފި

އަފްޣާނިސްތާނުގެ މިސްކިތަކަށް ދިން ހަމަލާގައި 62 މީހަކު މަރުވި -- ފޮޓޯ: އީޕީއޭ

ކާބުލް (އޮކްޓޯބަރު 19): އަފްޣާނިސްތާނުގެ މިސްކިތެއްގައި އިއްޔެ ހުކުރު ނަމާދު ކުރަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި 62 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެއެވެ.

އަފްޣާނިސްތާނުގެ ނަންގަހާރު ޕްރޮވިންސުގައި ހުންނަ މިސްކިތަކަށް ދިން އެހަމަލާގެ ބާރުގަދަ ކަމުން، މިސްކިތުގެ ފުރާޅުވެސް ވެއްޓުނު ކަމަށް އޮފިޝަލުން ބުންޏެވެ. އަދި އެހާދިސާގައި 100 މީހުންނަށް އަނިޔާވި ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ޕްރޮވިންޝަލް ކައުންސިލުން ބުންޏެވެ.

އަފްޣާނުގެ ނޫހަކުން ބުނި ގޮތުގައި މިސްކިތަށް ހަމަލާ ދިނުމަށް ގިނަ އަދަދެއްގެ ގޮވާ ތަކެތި ބޭނުން ކުރި ކަމަށް ލަފާ ކުރެވެ އެވެ. އަދި ރައީސް އަޝްރަފް ޣަނީގެ ތަރުޖަމާނު ވަނީ އެއީ ތާލިބާނުން ދިން ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ތާލިބާނުން ވަނީ އެތުހުމަތު ދޮގުކޮށްފައެވެ. އަދި މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ސަރުކާރުގެ ފައުޖުތަކުން ދިން މޯޓަރު ހަމަލާއެއް ކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގައި އެހަމަލާ ދިނީ އެގައުމުގައި މިދިޔަ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދޭތެރޭ އެކި ފަރާތްތަކުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،174 އަށް އެރި ކަމަށް އދއިން ބުނި ފަހުންނެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު 42 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މަރުވި މީހުންގެ ތެރެއިން 40 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދއިން ބުންޏެވެ.

comment ކޮމެންޓް