ވިލާ ކޮލެޖުން ޕްލާސްޓިކާ ދުރަށް!

ވިލާ ކޮލެޖުގެ މުވައްޒަފުން، ޕްލާސްޓިކާ ދުރުވުމުގެ އިގުރާރުވަނީ -- ފޮޓޯ/ ވިލާ ކޮލެޖް

އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދުކުރުމަށް ވިލާ ކޮލެޖުން ޕްރޮގްރާމެއް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ވިލާ ކޮލެޖަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އެއްފަހަރު ބޭނުންކޮށްފައު އުކާލާ ޕްލާސްޓިކް ފުޅިތައް މަނާކުރުމަށް އެ ޕްރޮގްރާމް ފެށީ ކޮލެޖުގެ "ގްރީން އިނިޝިއޭޓިވް"ގެ ދަށުން ކަމަށް އެ ކޮލެޖުން ބުނެއެވެ.

އެ ޕްރޮގްރާމުގެ ދަށުން ވިލާ ކޮލެޖުގެ މުވައްޒަފުންނަށް އެ ކޮލެޖުގެ ފަރާތުން ވަނީ ބިއްލޫރި ފުޅި ރޭގައި ހަވާލުކޮށްފައެވެ.

ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމުގެ ދަށުން އެ ކޮލެޖުގެ މުވައްޒަފުންނާއި ޓީޗަރުން ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމަށް ވަނީ އެއްބަސްވެފައެވެ.

އަދި ވިލާ ކޮލެޖުގެ ކެމްޕަސްތަކުގައި އާރުއޯ ފިލްޓަރުތައް ހަރުކޮށް ސާފު ފެން ލިބޭނޭ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވިލާ ކޮލެޖުން ވަނީ ބުނެފައެވެ.

ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ރޭގައި ޕްރޮގްރާމެއް ލޯންޗުކުރި އިރު ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުން ވަނީ "ސޯލާ އެނާޖީ ޕްރޮޖެކްޓް" ރިިޕޯޓެއްވެސް ނެރެފައެވެ. އެއީ ތިމާވެށްޓާ އެކުވެރި ގޮތަކަށް ހަކަތަ އުފެއްދުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

comment ކޮމެންޓް