ބިދޭސީން ރީރެޖިސްޓްރީ ކުރަން އެޕޮއިންޓްމެންޓު ދޫކުރުން މިއަދުވެސް ކުރިއަށްދަނީ

މިއަދު ހެނދުނު ގިނަ އަދަދެއްގެ ބިދޭސީން، ގަލޮޅޫ ދަނޑަށް ވަނުމަށް ކިއު ހަދާލާފައި -- ސަން ފޮޓޯ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި، ރިރަޖިސްޓްރީވުމަށް އެޕޮއިންޓްމެންޓު ހެއްދުން މިއަދުވެސް ގަލޮޅު ދަނޑުގައި ފަށައިގެން ކުރިއަށް އެބަދެ އެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރީރަޖިސްޓްރީވާންގޮސް ގަލޮޅު ދަނޑު ފުރާލައިފައެވެ. މިއަދު ހެނދުނު 7:30 އެހާކަން ހާއިރުން ފަށައިގެން އަނެއްކާވެސް އެ މަސައްކަތް ގަލޮޅު ދަނޑުގައި ވަނީ ފަށައިފައެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނީމި މަހުގެ ފަސްވަނަ ދުވަހު ގަލޮޅު ދަނޑުގައި 3،200 މީހުންނަށް އެޕޮއިންޓްމެންޓު ހައްދައިދީފައިވާނެ ކަމަށެވެ. މިއަދު ދަނޑަށް މީހުން ވެއްދުން ހުއްޓާލާފައިވީ ނަމަވެސް، އެދުވަހަށް ވުރެ މާ ގިނަ ބިދޭސީން ދަނޑަށް މިއަދު ވައްދާފައިވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އެކަމަކު، އެޕޮއިންޓެމެންޓު ހައްދާނީ މިއަދު ހަވީރު 17:00 އާ ހަމައަށެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި، އެޕޮއިންޓްމެންޓު ދޫކުރުމުންވެސް ހަދަންވީ ގޮތް ނޭނގިގެން ބައެއް ބިދޭސީން އުޅޭ ކަމަށެވެ. އެފަދަ މީހުންނަށް މައުލޫމާތު ދިނުމަށް މިހާރު ތަރުޖަމާނުންގެ ގޮތުގައި ބިދޭސީންގެ އެހީ ހޯދަމުންދާކަމަށް މިނިސްޓްރީއިން ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި އިތުރަށް އެ މަސައްކަތް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދާނީ ކިޔޫގައި ޖެހޭ މިންވަރު ބެލުމަށްފަހު ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަނީ ރަޖިސްޓްރީވުމަށް އެޕޮއިންޓްމަންޓު ހެދުމުގެ މަސައްކަތެވެ. އެތަނުން ދޫކުރަމުން ދަނީ މިނިސްޓްރީއަށް ބިދޭސީން ހާޒިރުވެ، ރީރަޖިސްޓާވުމުގެ އެޕޮއިންޓްމެންޓެވެ. އެ އެޕޮއިންޓްމެންޓު އޮންނަ ދުވަހާއި ގަޑި ބިދޭސީންނަށް އަންގާނީ އެސްއެމްއެސް މެދުވެރިކޮށެވެ.

މިއަދު ކިއުގައި ޖެހި ގަލޮޅު ދަނޑަށް ވަނުމަށް ރޭ ދަންވަރުން ފެށިގެން ގިނަ އަދަދެއްގެ ބިދޭސީން ވަނީ ބަނަފްސާ މަގު ފުރާލައިފައެވެ. މިއަދު ގަލޮޅު ދަނޑަށް ބިދޭސީން ވައްދައި އެތަން ފުރުނު އިރުވެސް، ބޭރުގައި ގިނަ އަދަދެއްގެ ބިދޭސީން އެތަނަށް ވަންނަން ކިއު ހަދާލާފައި ތިއްބެވެ. ދެން ގަލޮޅު ދަނޑަށް ނުވަދެވޭނެކަން އެ މީހުންނަށް އެންގުމަށް ފުލުހުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ގިނަ ބަޔަކު ބަނަފްސާ މަގާއި ބޮޑުަރަސްގެފާނު މަގު ގުޅޭ ހިސާބުގައި އެއްވެގެން ތިއްބެވެ.

ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމަށް ކުރިއަށްގެންދާ "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީވާން ކިޔޫ ނަންބަރު ދޫކުރަމުން ދިޔައީ ކުރީގެ ޕީޖީ އޮފީސް ހިންގި އިމާރާތުގައި ހުންނަ، އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓްގައެވެ. އެތަނުން ދޫކުރަމުން ގެންދިޔައީ ދުވާލަކަށް 100-150 ކިއު ނަންބަރެވެ.

އެ ޔުނިޓުގެ ބޭރުގައި ބިދޭސީން ރޭގަނޑުން ފެށިގެން ދިގު ކިޔޫތައް ހަދައި، އެމީހުން އެތަނުގައި ކޮޅަށް ތިބެންޖެހޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ކިޔޫ ނަންބަރު ދޫކުރުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކުރަން ނިންމީ މި މަހުގެ ތިންވަނަ ދުވަހުއެވެ.

comment ކޮމެންޓް