އާ އެމްޕަރާ ތަހުތަށް އިސްކުރުމުގެ ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ޖަޕާނަށް

ރައީސްގެ ދެކަނބަލުން ޖަޕާނަށް ފުރާވަޑައިގަންނަވަނީ --

ޖަޕާނުގެ އައު އެމްޕަރާ ތަހުތަށް އިސްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މިރޭ ޖަޕާނަށް ފުރާވަޑައިގެންފި އެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރައީސްގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޖަޕާނުގެ އައު އެންޕަރާ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅުގައިޖަޕާނުން ރާއްޖެއަށް އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން ޖަޕާނު ސަރުކާރުގެ އިސްފަރާތްތަކާއި އަމިއްލަ ބައެއް ޖަމިއްޔާތަކާއި އަދި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ބުންޏެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ 14 ނޮވެންބަރު 1967ގައި އެވެ. އެ ގައުމަކީ ރާއްޖެއާއި ގާތް ގުޅުމެއް ބާއްވާ، ރާއްޖެއަށް މީގެ ކުރިންވެސް އެކި ދާއިރާތަކުން ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ގައުމެކެވެ.

ޖަޕާނުން ރާއްޖެއަށް ވެދީފައިވާ އެހީތަކަށް ބަލާއިރު، ސަރުކާރުގެ ކާނާގެ އެހީގެ ޕްރޮގްރާމުގެ ދަށުން ޖަޕާނުގެ ދީލަތި އެހީތެރިކަން ދިނުމާއި، ރާއްޖެއަށް މަސްދޯނިތަކުގައި އިންޖީނު އެޅުން ތައާރަފު ކުރުމާއި، ސްކޫލުތައް ބިނާ ކުރަން އެހީވުން ހިމެނެ އެވެ. އޭގެ އިތުރުން ޓީވީ މޯލްޑިވްސް އުފައްދައި ކުރިއެރުވުމުގައިވެސް ޖަޕާނުގެ އެހީތެރިކަން ރާއްޖެއަށް ވަނީ ލިބިފަ އެވެ.

މާލެ އާއި އަތޮޅުތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ބަނދަރު ތަރައްގީކުރުމުގާއި ކަނޑުތޮށި ލުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި މާލޭގެ ވަށައިގެން ގާއިމްކޮށްފައިވާ ކަނޑުތޮށި ފާހަގަކޮށްލެވެ އެވެ. އަދި ރަށްރަށަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ދިވެހިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި މަސްވެރިކަމުގެ ބައެއް އާލާތްތަކަށް ޒަމާނީ ބަދަލެއް ގެނެސްދިނީ ވެސް ޖަޕާނުގެ އެހީތެރިކަމާއެކުގަ އެވެ. މިގޮތުން ފައިބަރު ދޮށި ބޭނުންކުރުމާއި މަސްނޫއީ އެން ބޭނުންކުރުމަކީ ޖަޕާނުގެ އެހީތެރިކަމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކެކެވެ. މީގެއިތުރުން ރާއްޖެއިން އެންމެ ގިނައިން ރޯމަހާއި ހިކިމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ އެއް ގައުމަކީވެސް ޖަޕާނެވެ.

comment ކޮމެންޓް