ސައިންސް ބުނާގޮތުން އުފާކުރަން ކުރަންވީ ކަމަކީ މިއީ!

ސައިްނސް ބުނާގޮތުން އުފާވެރި މީހަކަށް ވެވޭނެ ގޮތްތައް

ކޮންމެ މީހެއްގެ ދިރިއުޅުމުގެވެސް "އަލްޓިމޭޓް ގޯލް"އަކީ އުފަލުގައި ހަޔާތުގެ ދުވަސްތައް ވޭތުކުރުމެވެ. މަސައްކަތުގެ ސްޓްރެސްއާއި، ދިރިއުޅުމުގެ އުދާސްތަކުން ސަލާމަތްވެ ހިތްހަމަޖެހިލައިގެން އުޅޭނެ ދިރިއުޅުމެއް ހޯދުމެވެ. މި އަމާޒާއި ހިސާބަށް ވާސިލްވުމަށް އެތައް ކަމެއް އެބަކުރަމެވެ. ދާދިފަހުން ސައިންވެރިންވެސް މިވަނީ އުފާވެރިކަން ހާސިލްކުރެވޭނެ ގޮތްތަކެއް ސައިންސްގެ އަލީގައި ހޯދާފައެވެ.

1. ކަސްރަތު

ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑުގައި އެންޑޯފިން ރިލީޒްކޮށްދެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މޫޑު ރަނގަޅުކޮށްދީ، ޑިޕްރެޝަންއާއި ދުރުކޮށްދެއެވެ. މިފަދައިން ކަސްރަތުކުރުމަށްޓަކައި ވަކި ހާއްސަ ކަމެއް ކުރާކަށް ނުޖެހެއެވެ. ދުވެލުން ހިނގާލުން، ބައިސްކަލު ދުއްވުން، ޔޯގާ، ނެށުން މިއީ ހައްތަހާވެސް ކުރެވިދާނޭ ކަންތައްތަކެވެ.

2. ކެއުމުގައި ފެހި ބާވަތްތައް ބޭނުންކުރުން

ފެހިކަން ގަދަ ފަތްތައް ކަމުގައިވޭ ސްޕިނެޗް، ކޭލް ފަދަ ބާވަތްތަކަކީ ފޮލޭޓް މާއްދާއިން މުއްސަނދި ބާވަތްތަކެވެ. އަދި މި ފަތްތަކުން ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ އާރްޑީއޭގެ މިންވަރުގެ 33 އިންސައްތަ ހޯދާދެއެވެ. މި މާއްދާއަކީވެސް ނަފްސާނީ މައްސަލަތަކުން ދުރުވެ، އުފާވެރިކަން ގެނެސްދޭނޭ މާއްދާއެކެވެ. 2012 ވަނަ އަހަރު މެދުއުމުރުގެ މީހުންގެ މެދުގައި ހެދި ދިރާސާއެއްގައި ޑިޕްރެޝަންގެ އަސަރު އެންމެ ކުޑަކޮށްދެއްކި މީހުންނަކީ، ފޮލޭޓް އެންމެ ގިނައިން ކެއުމުގައި ހިމެނި މީހުންނެވެ.

3. ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ

މިއީ އެންޒައިޓީއާއި ޑިޕްރެޝަންއަށް ޔަގީން ފަރުވާއެކެވެ. އަދި މިފަދަ މައްސަލައެއް ނެތަސް، ނެގެޓިވް ޚިޔާލު އަންނަނަމަ އެކަމަށްވެސް މިއީ ފަރުވާއެކެވެ. މި ފަރުވާގައި، ނެގެޓިވް ޚިޔާލު މެދުވެރިވާ ސަބަބުތައް ގެނެވި އެ ޚިޔާލުތައް ޕޮޒިޓިވްކުރުމަށް އެހީވެދެއެވެ.

4. އަމިއްލައަށް މާ ގަނޭ!

ފަހަރެއްގައިވެސް މާތަކަކީ ކޮންމެހެން ލޯބިވެރިޔާއަށް އެކަނި ދޭން ވީ އެއްޗެއްނޫނެވެ. އެންމެ ފުރަތަމަ ލޯބިވާންޖެހޭނީ އަމިއްލަ ނަފްސުދެކެއޭ ބުނާ ބީދައިން، ފުރަތަމަ މާ ގަނެދޭންވީވެސް އަމިއްލަ ނަފްސަށެވެ. ހާވާޑް ޔުނިވާސިޓީގެ ދިރާސާވެރިންތަކެއް ބުނާގޮތުން ގޭގައި ތާޒާ މާ ބެހެޢްޓުމަކީ އެމީހެއްގެ މޫޑަށް ހީވެސް ނުކުރާވަރުގެ ހިތްހަމަޖެހުމެއް ގެނެސްދޭނޭ ކަމެކެވެ. އަދި މިއީ ފޯރިއާއި ޖޯޝު ދިރިއުޅުމަށް ގެނެސްދޭނޭ ކަމެއްވެސް މެއެވެ.

5. ހީލާށެވެ!

ގަދަކަމުންވިޔަސް ހީލުމަކީ ސިކުޑީގެ "ހެޕިނަސް ސެންޓާ" އެކްޓިވޭޓް ކޮށްދޭނޭ ކަމެކެވެ. އެހެންކަމުން ފިލްމުތަކުން ފެންނަ "ލާފިން ކްލަބްސް"ތަކަކީ އަސްލުވެސް ހަގީގަތެކެވެ.

މީގެ އިތުރުންވެސް ސައިންސްވެރިންގެ މި ލިސްޓުގައި ތަފާތު އެތަައް ކަމެއް ހިމެނެއެވެ، ގެއިން ބޭރަށް ނިކުމެލުމާއި، ޗޮކްލެޓް، ކޮފީ އަދި ގްރީން ޓީ ބުއިމާއި، އެހެން މީހުންނާއި ވާހަކަދައްކާ އުޅުމަކީވެސް އަހަރެމެންގެ އުދާސްތައް ފިލުވާދީ އުފާކޮށްދޭނޭ ކަމެކެވެ. ސައިންސާއި ޓެކްނޮލަޖީއިން އިންސާނީ މުޅި ދިރިއުޅުން ބަދަލުކޮށްފައިވާއިރު، ހެޔޮ ބަދަލަކަށް މިއީވެސް ކުރެވިދާނެ ކަމެކެވެ.

comment ކޮމެންޓް