މި ސަރުކާރުގައި އަޅުގަނޑަށް ދެރަ ގޮތެއް ނުވާނެ: ގާސިމް

އޭޕްރީލް 29، 2019: ގާސިމް އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ސަލާމްކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭނާއަށް ދެރަ ގޮތެއް ނުވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ފާއިތުވި ހުރިހާ ސަރުކާރަކުންވެސް އޭނާއަށް ދެރަ ގޮތްތައް ދިމާވެފައި އެބަ ހުރި ކަމަށެވެ. އެކަމަކު، ރައީސް ސޯލިހުގެ ސަރުކާރުގައި އެހެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ހުރިހާ ސަރުކާރަކުންވެސް ވަރަށް ދެރަ ގޮތްގޮތް ދިމާވެފައި އެބަ ހުރި. މި ސަރުކާރަކުން ނޫން. އިރާދަކުރެއްވިއްޔާ މި ސަރުކާރަކުން އަޅުގަނޑަށް އެކަހަލަ ކަމެއް ދިމާ ނުވާނެ،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުގައި ކަންކަން އޮންނާނީ އޭނާއަށް ފަހި ގޮތަކަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"މުސްކުޅިން ބުނެ އުޅޭ، ތިނެތިން އެކަތި އޮވެއޭ ރާވެރިއެއްގެ ދަރިއަކަށްވެސް. ކުރީގެ ދެ އެތިފަހަރު، ފުރަތަމަ ދެ އެތިފަހަރު ހިނގައްޖެ. އެކަަމަކު މިފަހަރު އިރާދަކުރެއްވިއްޔާ އެކަހަލަ ނިކަމެތި ކަމެއް، ރާވެރިއެއްގެ ދަރިއަކަށްވެސް ދުވަހެއް އޮންނަންޏާ މިފަހަރު އަޅުގަނޑުވެސް ސަލާމަތްވާނެތާ. މިފަހަރު އަޅުގަނޑުމެންނަށް ފަހިކޮށް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، އޭނާއަށްވެސް އަދި ރައްޔިތުންނަށްވެސް އެންމެ ފަހި ގޮތްތަކަށް ރައީސް ސޯލިހު ކަންތައް ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީއިން ސަރުކާރު ކޯލިޝަނުގެ ޕާޓީތަކާ ވަކިން ވާދަ ކުރަން ނިންމުމުން، ކޯފާވެ ގާސިމް ވަނީ އެމްޑީޕީއަށާއި ސަރުކާރަށް މީގެ ކުރިން ފާޑުވިދާޅުވެފައެވެ. އެހެން ނަމަވެސް، ފަހުން އޭނާ ވަނީ ސަރުކާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

މި ސަރުކާރުގައި، ދައުލަތުން ބަދަލު ދިން ކުންފުނިތަކުގެ ތެރޭގައި ގާސިމްގެ ޑަބްލިއުއެލްޓީ ކުންފުނި ހިމެނެއެވެ. މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ ޑަބްލިއުއެލްޓީއަސް 29 މިލިއަން ޑޮލަރު ދިނުމަށެވެ. އެކަމަކު، މަޝްވަރާކޮށް އެ އަދަދު ވަނީ ފަހުން 15 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ. މިހާރު އެ ފައިސާ ދައުލަތުން ވަނީ ޑަބްލިއުއެލްޓީއަށް ދައްކައި ހަލާސްކޮށްފައެވެ.

ވިލާ ކުންފުންޏަށް ދައުލަތުން ދައްކަންޖެހޭ 130 މިލިއަން ރުފިޔާ ދައްކައިފި

comment ކޮމެންޓް