އެމްޑީއެން އާ ދެކޮޅަށް ރަށްތަކުގެ އަޑު ގަދަ!

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ކުށްވެރިކޮށް އަދި އެމްޑީއެން އުވާލުމަށް ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކުން ގޮވާލަމުން އެބަދެއެވެ.

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް މިހާތަނަށް 30 ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވެސް ހިމެނެއެވެ. އެ ކައުންސިލްތަކަކީ:

ހއ. ހޯރަފުށީ ކައުންސިލް، ހއ. އުލިގަމު ކައުންސިލް، ހދ. ނެއްލައިދޫ ކައުންސިލް، ހދ. ނައިވާދޫ ކައުންސިލް، ހދ. ކުޅުދުއްފުށީ ކައުންސިލް، ހދ. ނޮޅިވަރަމް ކައުންސިލް، ހދ. އަތޮޅު ކައުންސިލް، ނ. މާފަރު ކައުންސިލް، ނ. މަނަދޫ ކައުންސިލް، ނ. ލަންދޫ ކައުންސިލް، ރ. ކިނޮޅަހު ކައުންސިލް، ރ. އިނގުރައިދޫ ކައުންސިލް، ރ. މާކުރަތު ކައުންސިލް، ބ. ކިހާދޫ ކައުންސިލް، ބ. ގޮއިދޫ ކައުންސިލް، ކ. ގުރައިދޫ ކައުންސިލް، ކ. ހިންމަފުށީ ކައުންސިލް، ގއ. ގެމަނަފުށީ ކައުންސިލް، ގދ. ދެއްވަދޫ ކައުންސިލް، ގދ. ތިނަދޫ ކައުންސިލް، ގދ. ފިޔޯރީ ކައުންސިލް، ތ. ދިޔަމިގިލީ ކައުންސިލް، ތ. ތިމަރަފުށީ ކައުންސިލް، ތ. ކަނޑޫދޫ ކައުންސިލް، ތ. ކިނބިދޫ ކައުންސިލް، ތ. ވަންދޫ ކައުންސިލް، ތ. ވޭމަންޑޫ ކައުންސިލް، ތ. ހިރިލަންދޫ ކައުންސިލް، މ. ދިއްގަރު ކައުންސިލް އަދި ދ. މީދޫ ކައުންސިލް އެވެ.

މިއަދު ހުޅުދުއްފާރުގައި "ނަބިއްޔާގެ ދިފާއުގައި" ގެ ނަމުގައި ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ: ހުޅުދުއްފާރު ކައުންސިލް

ކައުންސިލްތަކުން ވަނީ އެމްޑީއެންގެ ރިޕޯޓަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައި ސިފަކޮށް، އެއީ ގާނޫނުތަކާ ވެސް ހިލާފު އަމަލެއް ކަމަށާއި އެކަމާ ގުޅިގެން ދައުވާ އުފުލަންޖެހޭ އެންމެހާ ފަރާތްތަކާ މެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށާއި އެފަދަ އަމަލުތައް ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ތިން ބާރަށާއި، އެންމެހާ މުވައްސަސާތަކަށް ގޮވާލައިފައެވެ.

މިއަދު ހުޅުދުއްފާރުގައި "ނަބިއްޔާގެ ދިފާއުގައި" ގެ ނަމުގައި ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ: ހުޅުދުއްފާރު ކައުންސިލް

ކައުންސިލްތަކުގެ އެމްޑީއެންގެ ރިޕޯޓު ކުށްވެރިކުރުމުގެ އިތުރުން، ރަށްރަށުގެ ރައްޔިތުން ވެސް އަންނަނީ އެ ރިޕޯޓު ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައި ހިނގާލުން ބާއްވަމުންނެވެ.

އެގޮތުން މިއަދު ވަނީ ތ. ހިރިލަންދޫގައި އެމްޑީއެން އުވާލަން ގޮވާލައި ހިނގާލުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އޭގެ އިތުރުން ރ. ހުޅުދުއްފާރުގައި ވެސް މިއަދު ވަނީ "ނަބިއްޔާގެ ދިފާއުގައި" ގެ ނަމުގައި ހިނގާލުމެއް ބާއްވައިފައެވެ.

މިއަދު ހުޅުދުއްފާރުގައި "ނަބިއްޔާގެ ދިފާއުގައި" ގެ ނަމުގައި ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ: ހުޅުދުއްފާރު ކައުންސިލް

މި ހިނގާލުންތަކުގައި ގިނަ އަދަދެއްގައި ޒުވާނުންނާއި ކުޑަކުދިން ވެސް ވަނީ ބައިވެރިވެފައެވެ.

ހިނގާލުމުގެ ބައިވެރިން ވަނީ އެމްޑީއެން އުވާލަން ގޮވާލުމުގެ އިތުރުން، ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ނުކުރުމަށާއި ދީނާ ދެކޮޅު މީހުން ސަރުކާރުގެ މަގާމުތަކުން ދުރުކުރުމަށް ވެސް ގޮވާލައި އަޑުއުފުލައިފައެވެ.

މިއަދު ހުޅުދުއްފާރުގައި "ނަބިއްޔާގެ ދިފާއުގައި" ގެ ނަމުގައި ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ: ހުޅުދުއްފާރު ކައުންސިލް

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބަލަމުން އަންނަ އިރު، ރިޕޯޓުގެ މައްސަލައިގައި މިހާރު އެ ޖަމިއްޔާ ވަނީ ސަސްޕެންޑް ކޮށްފައެވެ.

comment ކޮމެންޓް