އިންޑިއާގެ އެހީގައި ހަތަރު އެއާޕޯޓަކަށް ފަޔާމަނުން ތަމްރީނު ކުރަނީ

ކުޅުދުއްފުށި އެއާޕޯޓު -- ފައިލް ފޮޓޯ

އިންޑިޔާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ ވެރި ރަށް ނިއުދިއްލީގައި ހުންނަ ފަޔާ ޓްރެއިނިންގ ސެންޓަރުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އެއާޕޯޓު ބޭސިކް ފަޔާމަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 20 ފުރުސަތު ލިބިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ އެ ފުރުސަތުގައި ބައިވެރިވާން މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ފުރުސަތު ހުޅުވާލެވިފައިވަނީ އެއޮފީހުން ތަރައްގީކުރަމުންދާ ހަތަރު އެއާޕޯޓުތަކުގެ ފަޔާ އެންޑް ރެސްކިއުގެ ހިދުމަތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އެ އެއާޕޯޓުތަކަކީ ހދ. ކުޅުދުއްފުށީ އެއާޕޯޓު، ށ. ފުނަދޫ އެއާޕޯޓު، ގދ. މާވަރުލު އެއާޕޯޓު، އަދި ހއ. ހޯރަފުށި އެއާޕޯޓެވެ. މިއިން ކޮންމެ އެއާޕޯޓަކަށް ވެސް ފަސް ފަޔާމަނުން ތަމްރީނު ކުރަން ވަނީ ނިންމައިފައެވެ.

މި ފުރުސަތުގައި ތަމްރީނުވާން ފޮނުވޭނީ ސާނަވީ އިމްތިހާނަކުން އިނގިރޭސި އަދި ހިސާބު މިދެމާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން "ސީ" ގްރޭޑް ލިބިފައިވާނަމައެވެ.

އަދި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުމާއިއެކު، މަގާމަށް ބޭނުންވާ މެޑިކަލް ޓެސްޓް އިން ފާސްވާން ޖެހޭނެއެވެ.

މި ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް