ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ފޮންސޭކާ ވިދާޅުވެއްޖެ

ލަންކާގައި އަންނަ އޭޕްރިލް މަހު ބާއްވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ސިފައިންގެ ހައްޔަރުގައި ހުންނެވި އިދިކޮޅު ލީޑަރު ޖެނެރަލް ސަރަތު ފޮންސޭކާ ވިދާޅުވެއްޖެ އެވެ.


އަސްކަރީ އިންގިލާބެއް ގެނެސް ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފޮންސޭކާގެ އަސާސީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ އަންހެނުން އަނޯމާ ފޮންސޭކާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފައި ވަނީ، ފޮންސެކާ ހައްޔަރުކޮށްފައި ހުރުމުން އޭނާގެ އަސާސީ ހައްގުތަކެއް ގެއްލޭ ކަމަށް ބުނި ނަމަވެސް އެކަން ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ފޮންސެކާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ހުކުމް ކުރަމުން ކޯޓުން ބުނެފައި ވަނީ ފޮންސެކާގެ އާއިލާ އާއި ފޮންސެކާގެ ވަކީލުންނަށް ބޭނުން ވަގުތަކު ފޮންސެކާއާ ބައްދަލުކުރުމުގެ އިހްތިޔާރު ދީފައި އެބަ އޮތް ކަމަށެވެ. މިހެންކަމުން ފޮންސޭކާ އިންތިހާބުގައި ވާދަކުރެއްވުމަށް އެޕްލިކޭޝަން ފޯމް ފުރުއްވީ އޭނާގެ އަންހެނުން އަނޯމާ މެދުވެރިކޮށް ނޭވަލް ބޭސްއަށް ފޯމް ގެނުވައިގެން އެތަނުގައި ހުންނަވައިގެން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.


ސްރީ ލަންކާގައި ކުރި ޒަމާންވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައި އިރު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ކަމުގެ މަގާމުގައި ހުންނެވި ފޮންސެކާ އާއްމު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވެނީ ލަންކާގެ ހަ ސިޔާސީ ޕާޓީއެއް އެކުވެގެން އުފައްދާފައިވާ ޑިމޮކްރެޓިކް ނޭޝަނަލް އެލައަންސްގެ ޓިކެޓުގަ އެވެ. މިދިޔަ ޖެނުއަރީ މަހު ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ފޮންސޭކާއަށް ތާއީދުކުރި ޔުނައިޓެޑް ނޭޝަނަލް ފްރޮންޓް ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބައިބައިވެ، ރޫޅިގެން ގޮސްފަ އެވެ.


ފޮންސޭކާއާ ދެކޮޅަށް ދައުވާ ކުރުމަށް އޭނާ އަސްކަރީ ކޯޓަށް ހާޒިރުކުރައްވާނެ ކަމަށް ލަންކާ ސަރުކާރުން ކުރިން ބުނެފައި ވާއިރު، އޭނާއާ ދެކޮޅަށް މަދަނީ ކޯޓުގައިވެސް އިތުރު މައްސަލަތަކެއްގައި އޭނާގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ޓްރޭޑް މިނިސްޓަރ ޖީ.އެލް ޕެއިރިސް ވަނީ ވިދާޅުވެފަ އެވެ. ފޮންސޭކާއާ ދެކޮޅަށް ސަރުކާރުން ދެ ހަފްތާއެއްހާ ތެރޭގައި މަދަނީ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި، މަކަރާ ހީލަތުގެ މައްސަލަތަކަކާއި، ލަންކާ ސަރުކާރާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ މައްސަލައެއްގެ އިތުރުން ވަޒީފާއަށް ނިނުކުމެ ގަވާއިދާ ޚިލާފަށް އިހްތުޖާޖްކުރި ސިފައިންނަށް ރައްކާތެރިކަން ދިން މައްސަލައެއް ހިމެނެ އެވެ.  

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު