މެޑިކަލް އެކްސްޕޯ ރަސްމީކޮށް އިފްތިތާހުކޮށްފި

ދަރުބާރުގޭގައި ކުރިއަށްދާ މެޑިކަލް އެކްސްޕޯ ރަސްމީކޮށް އިފްތިތާހުކުރައްވާފައިވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކޮށް މައުލޫމާތު ހިއްސާކުރުމަށް ބާއްވަމުން އަންނަ "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ފެށި އެކްސްޕޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރެވެ.

އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސިއްހީ ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައިވެރިވާނެއެވެ. އެގޮތުން 20 ވުރެ ގިނަ ފަރާތްތަކުން އެ އެކްސްޕޯގައި ބައިވެރިވާއިރު އޭގެތެރޭގައި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއި ރާއްޖޭގެ ހޮސްޕިޓަލު އަދި ސިއްހީ ދާއިރާއާ ގުޅުންހުރި ޖަމިއްޔާތައް ހިމެނެއެވެ.

މެޑިކަލް އެކްސްޕޯގައި ރާއްޖެއިން ބޭރުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ބެންކޮކާއި ސްރީލަންކާ އަދި އިންޑިއާ ހިމެނެއެވެ.

މޯލްޑިވް މެޑިކަލް އެންޑް ހެލްޓް އެކްސްޕޯ ގެ މަގުސަދުތައް:

  • ސިއްހީ ދާއިރާއިން ލިބެންހުރި ހުދުމަތްތަކަށް މުޖުތަމަޢު ހޭލުން ތެރިކުރުވުން
  • ސިއްހީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައަށް އަންގައިދޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުން
  • ރާއްޖެ އާއި މި ރީޖަންގައި ހިމެނޭ ޤައުމުތަކުން ލިބެންހުރި ފެންވަރުރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހަކަމާ އެކު ހޯދޭނެ ގޮތަތަކަށް މުޖުތަމައު އަހުލުވެރިކުރުވުން.
  • ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތައް ފަސޭހަކަމާ އެކު ދެނެގަތުމަށް އެހީތެރިވެދިނުން

އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓާރު ޝާހު މާހިރު ވިދާޅުވީ އެފަދަ އެކްސްޕޯއެއްގެ ސަބަބުން ދިވެހީންނަށް ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅޭގޮތުން މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

އަދި މި ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރަނީ ރާއްޖޭގެ ހެލްތު ސެކްޓަރަށް ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

comment ކޮމެންޓް