މެކްސިކޯއިން އިންޑިއާގެ 311 މީހަކު ޑީޕޯޓުކޮށްފި

މެކްސިކޯއިން ބުނި ގޮތުގައި އެގައުމުން ޑީޕޯޓު ކުރީ އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ އިންޑިއާގެ 311 މީހަކު -- ފޮޓޯ: ގެޓީ

ދިއްލީ (އޮކްޓޯބަރު 18): މެކްސިކޯއިން އިންޑިއާގެ 311 މީހަކު އެއް ފަހަރާ ޑީޕޯޓުކޮށް، އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މެކްސިކޯގެ ނެޝަނަލް މައިގްރޭޝަން އިންސްޓިޓިއުޓް (އައިއެންއެމް)އިން ބުނި ގޮތުގައި އެގައުމުން ޑީޕޯޓު ކުރި އިންޑިއާގެ 310 ފިރިހެނަކާއި އެއް އަންހެނަކީ، އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވެ، ލިޔެކިޔުންތަކާ ނުލައި އެމެރިކާގެ ބޯޑަރު ހުރަސް ކުރަން އުޅުނު މީހުންނެވެ.

އަދި އެ 311 މީހުން މީހުން މިހާރު ވަނީ އިމިގްރޭޝަން އޮފިޝަލުންނާއި ފުލުހުންނާއެކު ޗާޓަރުކޮށްފައިވާ ފްލައިޓަކުން އިންޑިއާއަށް ފޮނުވާލާފަ އެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ދިއްލީއަށް މިހާރު ފޯރާވައިފާ އެމީހުންގެ ތެރެއިން ގިނައީ އެގައުމުގެ ޕަންޖާބަށް ނިސްބަތްވާ މީހުންނެވެ. އަދި އޭގެ ތެރެއިން އެއްވެސް މީހެއްގެ ކުށުގެ ރެކޯޑެއް އޮތްތޯ ފުލުހުން ބަލާނެ އެވެ.

އައިއެންއެމްއިން ބުނި ގޮތުގައި އެއީ އެގައުމުން އެގޮތަށް އެއް ފަހަރާ އެހާވަރަށް ގިނަ އަދަދެއްގެ މީހުން ޑިޕޯޓުކޮށް، ދުރުގައިވާ ގައުމަކަށް ފޮނުވާލި ފުރަތަމަ ފަހަރެވެ.

މެކްސިކޯއިން އެފަދައިން އަމަލު ކުރީ، އެގައުމު މެދުވެރިކޮށް އެމެރިކާއަށް ހިޖުރަ ކުރާ މީހުން މަދުނުކޮށްފި ނަމަ މެކްސިކޯގެ މުދަލުން ޑިއުޓީ ނަގާ މިންވަރު އިތުރު ކުރާނެ ކަމަށް ބުނެ އެމެރިކާއިން އިންޒާރު ދިނުމުން، ދެ ގައުމުގެ މެދުގައި މިދިޔަ ޖޫން މަހު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

އެ އެއްބަސްވުމުގައި މެކްސިކޯއިން ވަނީ ދެގައުމުގެ ބޯޑަރު ގަވާއިދާ ހިލާފަށް ހުރަސް ކުރާ މީހުންނާއި އިންސާނީ ވަގުފާރި ކުރާ މީހުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާއިން ވަނީ މެކްސިކޯއިން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާ ނަމަ އެގައުމުގެ މުދަލުން ނަގާ ޑިއުޓީ އިތުރު ނުކުރާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް