މޮޓޮރޯލާއިން ވެސް ފަތްޖަހާލެވޭ ފޯނެއް ނެރެނީ

މޮޓޮރޯލާއިން ނެރޭ ފަތް ޖަހާލެވޭ ސްމާޓްފޯން ކަމަށް ބެލެވޭ ފޯނުގެ ރެންޑަރ އެއް --- ފޮޓޯ : ޖީއެސްއެމް އެރީނާ

މަޝްހޫރު ޓެކް ކުންފުނި މޮޓޮރޯލާއިން ފަތް ޖަހާލެވޭ ފޯނެއް ތައްޔާރުކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް ފަށައިފިއެވެ.

އެކުންފުނީން ދަނީ ފަތްޖަހާލެވޭ ސްމާޓްފޯނެއް ދައްކާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ފޯނު ދައްކާލުމަށް ބާއްވާ އިވެންޓަށް މިހާރު ދައުވަތުތައް ފޮނުވަން ފަށައިފި އެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ފޯނު ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13ގައި އެމެރިކާގެ ލޮސް އެންޖެލެސްގައި ބާއްވާ އިވެންޓެއްގައެވެ.

މޮޓޮރޯލާގެ ފަތްޖަހާލެވޭ ފޯނަކީ އެކުންފުނީގެ "ރޭޒާރ" ފޯނު ސީރީޒްގެ ތެރޭގައި ހިމެނޭ ފޯނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިއަހަރުގެ ފަހުކޮޅުގައި، ފަތްޖަހާލެވޭ ފޯނެއް އާންމުންނަށް ދައްކާލާނެ ކަމަށް އެކުންފުނީން ވަނީ މިއަހަރުގެ ކުރީކޮޅުގައި ބުނެފައެވެ.

އެ ފޯނު ވިއްކަން ފަށާ އަގަކީ 1،500 ޑޮލަރުކަމަށް މައުލޫމާތު ލިބެއެވެ.

ސްމާޓްފޯނު އުފައްދާ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގްއާއި ވާވޭއިން ވަނީ މިހާރު ފަތްޖަހާލެވޭ ފޯނު އުފައްދާފައެވެ. "ސެމްސަންގް ފޯލްޑް" އާއި "މޭޓް އެކްސް"އަކީ ދެ ކުންފުނީގެ ފަތްޖަހާލެވޭ ފޯނެވެ. މޮޓޮރޯލާއިން ބުނަނީ އެކުންފުނީގެ ފަތް ޖަހާލެވޭ ފޯނު، އެހެން ކުންފުނިތަކުގެ ފޯނަށްވުރެ ތަފާތުވާނެ ކަމަށެވެ.

comment ކޮމެންޓް