އިންޓަނެޓުން ކުރާ ކޯލްތަކަށް ޓެކްސް ނަގަން ނިންމުމުން ލުބުނާނުގައި މުޒަހަރާތައް

އިންޓަނެޓުން ކުރާ ކޯލްތަކަށް ޓެކްސް ނެގުމާ ދެކޮޅަށް ލުބުނާނުގައި ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: އީޕީއޭ

ބެއިރޫތު (އޮކްޓޯބަރު 18): ވަޓްސްއެޕާއި ފޭސްބުކް ފަދަ އެޕްތަކުން އިންޓަނެޓު މެދުވެރިކޮށް ކުރާ ފޯނުކޯލްތަކަށް ޓެކްސްއެއް ނަގަން ލުބުނާނުގެ ކެބިނެޓުން ނިންމުމުން، އެކަމާ ދެކޮޅަށް އެގައުމުގެ ގިނަ އަދަދެއްގެ މީހުން މުޒާހަރާކުރަން ފަށައިފިއެވެ.

ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޖަމާލް އަލް ޖައްރާހު އިއްޔެ ވިދާޅުވި ގޮތުގައި އެގައުމުގެ ކެބިނެޓުން ނިންމީ، ވޮއިސް އޯވާ އިންޓަނެޓް ޕްރޮޓޮކޯލް (ވީއޯއައިޕީ) މެދުވެރިކޮށް ކުރާ ކޯލްތަކުން ދުވާލަކު 20 ޔޫއެސް ސެންޓްސް ނެގުމަށެވެ. އަދި އޭގެ ސަބަބުން އެގައުމުގައި ވަޓްސްއެޕާއި ފޭސްބުކް ފަދަ އެޕްތަކުން ގުޅާ 3.5 މިލިއަން މީހުންގެ އަތުން އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެ އެވެ.

ލުބުނާނުން އެ ޓެކްސް ނަގާ، ގައުމުގެ ވެލިއު އެޑެޑް ޓެކްސް އިތުރު ކުރަން މަޝްވަރާ ކުރަމުންދާކަން އިއުލާން ކުރީ އަންނަ އަހަރުގެ ބަޖެޓުގައި އާ ޓެކްސްއެއް ނުވަތަ ފީއެއް ނުހިމަނާނެ ކަމަށް މިދިޔަ މަހު ފިނޭންސް މިނިސްޓަރު ވިދާޅުވި ފަހުންނެވެ.

އަދި ލުބުނާނުގެ ޕާލިމެންޓަށް ފޮނުވާފައި ނުވާ ޑްރާފްޓް ބަޖެޓުގައި އާޓެކުހެއް ހިމަނާކަން އިއުލާން ކުރުމާއެކު އެގައުމުގެ އެކި ސަރަހައްދުގައި އެތައް ހާސް މީހުން މުޒާހަރާ ކުރަން ފެށިއެވެ. އެ މުޒާހަރާތަކުގައި ބައެއް މީހުން ވަނީ މަގުތައް ބަންދުކޮށް، ތަކެތީގައި ރޯކޮށްފަ އެވެ.

އޭގެ ސަބަބުން، އިންޓަނެޓް ކޯލްތަކުން ޓެކްސް ނުނެގުމަށް ބޮޑުވަޒީރު ސައަދު އަލް ހަރީރީ އެދިލެއްވިކަމަށް ޓެލެކޮމްސް މިނިސްޓްރީން އިއުލާންކުރި ނަމަވެސް މުޒާހަރާތައް ގާތްގަނޑަކަށް 10 ގަޑިއިރަށް ދެމިގެން ދިޔައެވެ. އަދި އެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ރަބަރު އުންޑައާއި ކަރުނަ ގޭސް ޖަހާފައެވެ.

ރެޑް ކްރޮސްއިން ބުނި ގޮތުގައި އެމުޒަހަރާތައް ކުރިއަށްގެންދިޔަ ސަރަހައްދުތަކުގައި 70 މީހަކަށް ފަރުވާ ދިން އިރު، 22 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.

comment ކޮމެންޓް