ރާއްޖޭގެ ބޯޑަރުގައި ސަލާމަތީ ބާގަނޑެއް!

ރާއްޖެ އައި ބަޔަކު ވެލާނާ އެއާޕޯޓްގެ އިމިގްރޭޝަން ކައުންޓަރުތަކުގައި: ޕައިސީސް ސިސްޓަމާ ހުރެ ރާއްޖޭގެ ބޯޑަރު ބަލަހައްޓަން ވަނީ އުނދަގޫވެފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ނިޒާމުގެ ވާހަކައިގެ އަޑު އެންމެ ގަދަވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރު އެވެ. އެމެރިކާ ސިފައިންނަށް ރާއްޖޭގައި ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ސޮއިކުރަން އުޅުނު، "ސޯފާ" އެގްރިމަންޓާ އެކު ދެން ގަދަވި އަޑަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ، "ޕައިސީސް" ބޯޑާ ކޮންޓްރޯލް ސިސްޓަމް ރާއްޖޭގެ ބޯޑަރުގައި ބެހެއްޓި ވާހަކަ އެވެ. އެއާ އެކު އޭރުގެ ސިޔާސީ ފަރާތްތަކުން އެއީ އެމެރިކާގެ އަތް ދަށަށް ރާއްޖެ ދިއުން ކަމަށް ވެސް ސިފަކުރި އެވެ.

އެކަމަކު އެ ތުހުމަތުތަކަށް އޭރުގެ ސަރުކާރުން ދިން ރައްދަކީ، ޕައިސީސް ސިސްޓަމް ބަހައްޓަން "މަޖުބޫރުވީ" އޭރު ނެކްސްބިޒްއާ އެކު ފަށާފައިވާ ބޯޑާ ކޮންޓްރޯލް ނިޒާމުގެ މަސައްކަތްތައް ހުއްޓި، ރާއްޖެއަށް އެ ހިދުން ހިދަށް ބޯޑާ ކޮންޓްރޯލް ނިޒާމެއް ފަސޭހައިން ބެހެއްޓެން އޮތީ އެގޮތަށް ކަމަށް ވާތީ އެވެ.

އޭރުވެސް "ޕައިސީސް"އާ މެދު އުފެދުނު ކަންބޮޑުވުމަކީ މުޅި އެ ނިޒާމުގެ ރިމޯޓް އެމެރިކާގެ އަތުގައި އޮތުމެވެ. ރާއްޖެ އެތެރެވެ ބޭރުވާ އެންމެންގެ މައުލޫމާތު އެ ނިޒާމްގެ ތެރެއިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ވަގުތުން ވަގުތަށް އެނގެމުން ދިޔުމެވެ. ރާއްޖެ އަންނަ ކޮންމެ މީހަކަށް އެމެރިކާއިން ބޭނުން ނަމަ ފާރަލުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އަދި ރާއްޖޭގެ ޕޮލިސީތަކާ އެއްގޮތަށް އިމިގްރޭޝަނުން ގެންނަން ބޭނުންވާ ބަދަލުތައް އެ ނިޒާމަށް ނުގެނެވި، އުނދަގުލުގައި އުޅެން ޖެހުމުގެ ޝަކުވާ ވެސް އޮތެވެ. އެކަމަކު، މާ މުހިންމު އެހެން ކަންކަމުގެ އަޑު ގަދަވެ، އެ ވާހަކަ ޒާތަކަށް އޭރު އޮބިގެން ދިޔައީ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަން ސިސްޓަމްތައް ގާއިމުކުރުން -- ފޮޓޯ/ މޯލްޑިވްސް އިމިގްރޭޝަން

އެކަމަކު ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކުރުމުގަިއ މިހާރު ވެސް ގެންގުޅޭ އެ ނިޒާމް، "ޕައިސީސް"އާ މެދު އިމިގްރޭޝަން ޑިޕާޓްމަންޓް އޮތީ އެއްގޮތަކަށް ވެސް ހިތްހަމަ ޖައްސާލައިގެނެއް ނޫނެވެ. ޕައިސީސްއާ އެކު ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި އޮތް ބޮޑު ނުރައްކަލުގެ ބާގަނޑެއްގެ ވާހަކަ އިމިގްރޭޝަނުން މި ވަނީ ރައްޔިތުން މަޖިލީހުގެ ސަމާލުކަމަށް ގެނެސް އެލާޓްކޮށްފަ އެވެ.

ބޯޑަރު ބަލަހައްޓައިދެނީ އެހެން ގައުމަކަށް!

"ޕައިސިސް އަކީ އެހެން ބަޔަކަށް އަޅުގަނޑުމެން ކޮށްދޭ މަސައްކަތެއް ކަހަލަ ގޮތަކަށް ވެފައި މި އޮންނަނީ،" އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ، އިބްރާހިމް އަޝްރަފް އެ ސިސްޓަމް ސިފަކުރެއްވި ގޮތަކީމި އެވެ.

އޭނާ އަދި ވިދާޅުވީ ވަރަށް ކެރިގެން ނިންމުންތައް ނިންމާ ގައުމުތަކުން ދަނީ އެ ސިސްޓަމް ބޭނުން ކުރުން މިހާރު ހުއްޓާލަމުން ކަމަށެވެ. ސަބަބަކަށް ވަނީ، އެ ގައުމުތަކުގެ ބޯޑަރުތައް ބެލެހެއްޓުމަށް އެ ނިޒާމު އެންމެ އެކަށީގެންނުވުމެވެ. އެ ގައުމުތަކުގެ ސިޔާސަތުތަކާ އެ ނިޒާމު ފުށު އެރުމެވެ. އަދި ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް ބައެއްގެ ދަށުވެ ކުރަން ޖެހުމެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން "ޕައިސީސް" ފަރުމާކުރުމުގައި އިސްކަން ދީފައީ ވަނީ ކުށްވެރިން ދެނެގަނެ، އެ މީހުން އަތުލައިގަތުމަށެވެ. ހާއްސަކޮށް ޓެރެރިސްޓުން ކަމަށް ޝައްކު ކުރެވޭ މީހުން އެ ސިސްޓަމްގެ ތެރެއިން ވަރަށް ފަސޭހައިން ދަމައިގަނެ އެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން، ހަނަފީ (ކ)ގައި: ޕައިސީސްގެ ބަދަލުގައި އާ ބޯޑާ ކޮންޓްރޯލް ނިޒާމެއް ބޭނުންވާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިމިގްރޭޝަނުން ގަބޫލު ކުރާ ގޮތުގައި އެ ސިސްޓަމް އާންމުކޮށް ބޭނުން ކުރަނީ ވެސް ކުށްކުރުމުގެ ވަރަށް ބޮޑަށް ގޯސްވެފައިވާ ގައުމުތަކުގަ އެވެ. ހާއްސަކޮށް ޓެރަރިޒަސްޓު ޖަމާއަތްތަކުގެ ބާރުގަދަ ގައުމުތަކާއި ޑުރަގުގެ ބޮޑެތި ނެޓްވޯކްތަކާއި ހިއުމަން ޓްރެފިކިންގެ ހަރަކާތްތައް ގިނައިން ހިނގާ ގައުމުތަކުގައި އެ ނިޒާމު ވަނީ ބަހައްޓައިފަ އެވެ.

މުޅި ދުނިޔެއިން ވެސް މިހާތަނަށް ބޯޑަރު ބެލެހެއްޓުމަށް އެ ނިޒާމް ބޭނުން ކުރަމުން އަންނަނީ އެންމެ 13 ގައުމެއްގަ އެވެ. މި އޭޝިޔާ ސަރަހައްދުގައި ވެސް އެ ނިޒާމު ބޭނުން ކުރަނީ، ރާއްޖޭގެ އިތުރަށް ޕާކިސްތާން ބަނގުލަދޭޝް އަދި ތައިލެންޑުގަ އެވެ.

"ޕައިސިސް ސިސްޓަމަކީ، ނާޒުކު ގައުމުތަކަށް ހަދާފައިވާ ސިސްޓަމެއް. ރާއްޖޭގެ ނީޑަށް އެ ސިސްޓަމް ބަދަލުލެއް ނުކުރެވޭނެ. މުޅި ސިސްޓަމް ބަދަލު ކުރަން ޖެހޭނީ. އަޅުގަނޑަކަށް ހިއެއް ނުވޭ ޕައިސިސް އިން އެކަމަށް ކޭޓާ ކުރެވޭނެހެން،" އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވި އެވެ.

ޕައިސީސް އިން ފޭދިގެންދާ ބައެއް!

ޕައިސީސް ސިސްޓަމް ބޭނުންކޮށްގެން ބޯޑަރު ބަލަހައްޓާތާ، ހަތް އަހަރު ވީއިރު އެ ނިޒާމުގެ ތެރެއަށް ނުވަދެ އަހަރެއްގެ މައްޗަށް 30،000 އެއްހާ މީހުން ރާއްޖެ އެތެރެވެ އެވެ. އެ މީހުންގެ މައުލޫމާތު އިމިގުރޭޝަނުން ބަލަހައްޓަން ޖެހިފައި ވަނީ، މެނުއަލް ކޮށެވެ. ތިލަކޮށް ބުނާ ނަމަ، ފޮތެއްގައި ލިޔެގެން ނޫނީ އެކްޝެލް ޝީޓަކަށް އަޅައިގެން އެވެ.

ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސާ މުހައްމަދު ޝިފާން އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، ކަނޑުމަގުން ރާއްޖެ އެތެރެވާ މީީހުންގެ ރިކޯޑްތައް ޕައިސީސް ސިސްޓަމްގެ ދަށުން ނުބެލެހެއްޓޭތީ ކަނޑު ޕޯޓްތަކުގެ ސަލާމަތާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އެ ސިސްޓަމްގެ، އެ މޮޑިއުލް ހިމަނައި ދިނުމަށް އެދުނު ނަމަވެސް އެކަން މިއަދާ ހަމަޔަށް ވެސް ވެފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ ސަބަބުން އެކަށީގެންވާ ގޮތަށް ބޯޑަރު ބެލެހެއްޓުމަށް ދަތިވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެއްގެ މައްޗަށް 30،000 އަށް ވުރެ ގިނަ މީހުން އެބަ އާދެ ރާއްޖެ ކަނޑުމަގުން، އެކަމަކު ޕައިސީސްގައި ނުހުރޭ ކަނޑުމަގުން އަންނަ މީހުން އެންޓާ ކުރެވޭނެ މޮޑިއުލްއެއް. ދެން އަޅުގަނޑުމެން މިޖެހެނީ އެކަން މެނުއަލްކޮށް ކުރަން. ދެން އެހެންވީމާ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑު،" ޝިފާން ވިދާޅުވި އެވެ.

ކްރޫޒްލައިނާ އަކުން ފޭބި ފަތުރުވެރިންތަކެއް މާލޭ ރަސްމީ ފާލަން ކައިރީގައި -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖެ-އިންޑިއާ ކޮޗިން ފެރީ ފެށުމަށް ސަރުކާރުގެ ސިޔާސަތުގައި އޮތް އިރު، ޕައިސީސް ސިސްޓަމާ އެކު އެކަން ފަށަން އިމިގްރޭޝަނުން ދެކޮޅެވެ. ސަބަބަކަށް ވަނީ އެހާ ބައިވަރު ބަޔަކު ކަނޑުމަގުން ރާއްޖެ އެތެރެވާއިރު، އެ ސިސްޓަމްގެ ތެރެއިން އެ މީހުން ސްކްރީން ކުރެވޭނެ މަގެއް ނެތުމެވެ.

"މި ސިސްޓަމް މިހެން ހުރިއިރު އަޅުގަނޑުމެންގެ ނެތް އެ ކެޕޭސިޓީއެއް މިހާ ބޮޑު ފެރީއަކުން އަންނަ ބަޔަކު މި ގޮތަށް ބެލެހެއްޓޭނެ. މިކަން އެބަ ޖެހޭ އެ ދަތުރުތަކުގެ ކުރިން ހައްލުކުރަން،" ޝިފާން ވިދާޅުވި އެވެ.

ޕައިސީސްގެ އެގްރިމަންޓް އިމިގްރޭޝަންގައި ނެތް!

ރާއްޖޭގައި ޕައިސީސް ބޯޑާ ކޮންޓްރޯލ،ް ސިސްޓަމް ބެހެއްޓުމަށް އެމެރިކާ އާއި ދިވެހި ސަރުކާރާ އެކު 2013 ގައި އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އެ އެގްރިމަންޓް އިމިގްރޭޝަނަށް ލިބިފައި ނެތް މައްސަލަ އެ އިދާރާއިން ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އޭގެ ނަތީޖާއަކަށް ވަނީ އެ ނިޒާމުގެ ދަށުން އެމެރިކާއަށް ދޭ މައުލޫމާތުތަކާއި ނުދީ ހިފެހެއްޓޭނެ މައުލޫމާތުތައް ކަނޑައަޅަން އިމިގްރޭޝަނަށް ނޭނގުމެވެ.

"[އެ އެގްރިމަންޓްގެ ދަށުން] ހިއްސާ ކުރަން ޖެހެނީ ކޮން މައުލޫމާތެއް ކަމާއި، ހިއްސާ ކުރަން ނުކުރެވެނީ ކޮން މައުލޫމާތެއް ކަމާއި އަޅުގަނޑުމެންގެ ޑޭޓާ ނެގުމާއި މިކަންކަން ކުރަނީ ކޮންކޮން ކަމަކަށް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ،" ކުރިން ވެސް ވާހަކަ ދެއްކެވި، ޝިފާން ވިދާޅުވި އެވެ.

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން

ޕައިސީސް ސިސްޓަމް ހަގީގަތުގައިވެސް ވެފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ކޮށްދޭ މަސައްކަތެއްގެ ގޮތުގަ އެވެ.

އޭގެ ނަތީޖާ ބައެއް ފަހަރު ހިތިކޮށްވެސް ފެނިފައި އެބަ ހުއްޓެވެ. އެމެރިކާއިން ބޭނުންވެފައިވާ ރަޝިޔާގެ ހެކަރަކު 2014 ވަނަ އަހަރުގެ ތެރޭގައި ވެލާނާ އެއާޕޯޓުން އެމެރިކާގެ ސީއައިއޭ އިން އައިސް ދަމައިގަތީ މި ނިޒާމާ އެކު އުފެދުނު "އޮޅުވާލުމެއްގެ" ތެރެއިން އެވެ. ރަޝިޔާގެ ޕާލިމަންޓް މެންބަރެއްގެ ދަރިއަކަށް އޭނާ ވުމާ އެކު އެ މައްސަލަ ބޮޑު ޑިޕްލޮމެޓިކް މައްސަލަގަނޑަކަށް ވެސް ވެގެންދިޔަ އެވެ.

މިކަމުން ލިބިގަންނަން ޖެހިފައި އޮތް ފިލާވަޅަނީ، އިމިގްރޭޝަނުން ރާއްޖޭގެ ބޯޑަރު ބަލަހައްޓަ ދޭން ޖެހޭނީ އެހެން ގައުމަކުން ބޭނުންވާ ގޮތަކަށް ނޫން ކަމެވެ. ސަބަކަށް ވަނީ، އެއީ ރާއްޖޭގެ ސަލާމަތާ ގުޅިފައިވާ ކަމަކަށް ވުމެވެ. ރާއްޖޭގެ ބޯޑަރުގައި ސަލާމަތީގޮތުން ބޮޑު ބާގަނޑެއް މިހާރުވެސް ހެދިފައި އޮތް އިރު އެ ބާގަނޑު ބައްދާލެވެން އޮތީ ބޯޑަރު ބެލެހެއްޓުމަށް މިހިރަ ނިޒާމު ބަދަލުކޮށް، ސީދާ ރާއްޖޭގެ ބާރު ހިނގާ ނިޒާމަކަށް ބަދަލުކޮށްގެން އެވެ. ނޫން ނަމަ، ރާއްޖޭގެ ބޯޑަރު ސަލާމަތްތެރިކަން ކަށަވަރެއް ނުވާނެ އެވެ.

comment ކޮމެންޓް