ރަފްހާން: ގަދައަޅައި ކުރި މަސައްކަތުން ތައުލީމުގެ ރެކޯޑަކަށް

ދ. އަތޮޅު މަދުރަސާގެ 2018 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަށް އިނާމު ހަވާލުކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ތައުލީމީ މައިދާނުގައި ކާމިޔާބު ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ވާދަވެރިކަމާއެކު ބުރަ މަސައްކަތް ކުރަންޖެހެ އެވެ. އެންމެ ބޭނުންވާ ކާމިޔާބީއާ ހަމައަށް ވާސިލްވެވެނީ އެތައް ގުރުބާނީއެއް ވެގެންނެވެ. ތައުލީމީ ހަޔާތުގައި އެންމެ ފުރަތަމަ ކުރިމަތިލާ އެންމެ މުހިއްމު ދުވަސްވަރަކީ ސާނަވީ ތައުލީމުގެ ދުވަސްވަރެވެ. ސާނަވީ ތައުލީމު ނިންމާއިރު ރަނގަޅު ނަތީޖާއެއް ލިބުމަކީ ކުރިއަށްދިޔުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެއެވެ.

މިދިޔަ އަހަރު، ދ. އަތޮޅު މަދަރުސާގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި އަހުމަދު ރަފްހާން ފާއިޒް އަކީވެސް ހިތްވަރާއެކު ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރި މަސައްކަތުން މައިންބަފައިންނާއި މުޅި ސްކޫލު ފަހުރުވެރިކޮށްލި ނަތީޖާއެއް ހޯދި ދަރިވަރެކެވެ.

"އެންމެ ފުރަތަމަ ގްރޭޑު އަށެއް ނުވަޔެއްގައި އުޅުނު އިރު ނަތީޖާ އެހާ ރަނގަޅެއް ނޫން. ބޭނުންވީ އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް. ގްރޭޑު 10ގައި އުޅުނު އިރު ވަރަށް ބުރަކޮށް މަސައްކަތް ކުރިން،" ގައުމީ ގަދަ 10ގެ ހަތަރު ވަނަ ހޯދި ރަފްހާން "ސަން" އާއި ވާހަކަ ދައްކަމުން ބުންޏެވެ.

ދ. އަތޮޅު މަދުރަސާގެ 2018 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަށް އިނާމު ހަވާލުކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އޯލެވެލްގައި ނަތީޖާ ރަަނގަޅު ނަތީޖާ ހޯދަން ޓީޗަރުންގެ ކޮންޓްރިބިއުޝަން ވަރަށް ބޮޑު. އަޅުގަނޑު ކުރި މަސައްކަތަށްވުރެ ބޮޑަށް ކިޔަވައިދެއްވި ޓީޗަރުންގެ ހިތްވަރު ބޮޑު. އަށެއް ނުވަޔެއްގައި އެހާ ނަތީޖާ ރަނގަޅު ނޫންވީމާ ޓީޗަރުން ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވި،"

ރަފްހާން ބުނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ކްލާހުގައި ނަގައިދޭ ފިލާވަޅު އެކަނި ދަސްކުރުމުގެ ބަދަލުގައި ފިލާވަޅާގުޅޭ އިތުރު މައުލޫމާތު ހޯދުންވެސް މުހިއްމު ކަމަށެވެ. ޕާސްޓްޕޭޕަރުހަދައި މުތޯލިޔާ ކުރުމަކީވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރާ ކުދިންނަށް ރަފްހާން ދިން ނަސޭހަތެކެވެ.

"ހެނދުނު ސްކޫލަށް އަންނަގޮތަށް ރޭގަނޑު ގެޔަށް ދަނީ. ޓީޗަރުންނާއެކު ވަގުތު ހޭދަކުރަނީީ އެކި މާއްދާތައް މުތޯލިޔާ ކުރުމަށް،" ރަފްހާން ބުންޏެވެ.

ދ. އަތޮޅު މަދުރަސާގެ 2018 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަށް އިނާމު ހަވާލުކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރަފްހާން ބުނީ ހަމައެކަނި ފިލާވަޅުތައް ދަސްކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި ސްކޫލުގައި ބާއްވާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ މީހާގެ ލޯ ހުޅުވި، ކިޔެވުމަށްވެސް އިތުރު ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ.

"މައިންބަފައިންގެ ބަސްއެހުން. ޓީޗަރުން ކިޔަވައިދޭއިރު އަޑުއެހުން. ފިލާވަޅުތައް ދަސްކޮށް މުތޯލިޔާކުރުން މިއީ މުހިއްމު ކަންތައް،" މިހާރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި އޭލެވެލް އަށް ތައުލީމު ހާސިލް ކުރަމުންދާ ރަފްހާން ބުންޏެވެ.

އޭނާގެ އަޒުމަކީ އޯލެވެލްގައި ހޯދި ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް އޭލެވެލްގައި ހޯދައި ސްކޯލާޝިޕެއް ކާމިޔާބު ކުރުމެވެ. އިންޖިނިއަރިންގެ ދާއިރާއން ކުރިއަށްދިޔުމަށް ބޭނުންވާ ރަފްހާން ވަނީ އޭނާއަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ތިބި އޭނާގެ މައިންބަފައިންނާއި އާއިލާ، ޓީޗަރުންނާއި ރައްޓެހިން އަދި ދ އަތޮޅު މަދުރަސާއަށް ޝުކުރު އަދާކޮށްފައެވެ.

ދ އަތޮޅު މަދުރަސާގެ އެންމެ ރަނގަޅު ދަރިވަރުގެ މަގާމު ހޯދި ރަފްހާން ވަނީ 2018 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން އޭ ސްޓާ އަދި ތިން މާއްދާއިން އޭ ފާސް ހޯދައިގެން ރާއްޖޭގެ ގަދަ 10ގެ ހަތަރު ވަނަ ގައި ހިމެނިފަ އެވެ. އޭނާ އަކީ މިހާތަނަށް އެ ސްކޫލުން އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރެވެެ.

comment ކޮމެންޓް