ހަރުދަނާ މުސްތަގުބަލަކަށް ރަނގަޅު އަހުލާގެއް ބޭނުންވޭ: ސިޔާމް

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު -- ސަން ފޮޓޯ: ފަޔާޒު މޫސާ

(ދ.މީދޫ): ހަރުދަނާ މުސްތަގުބަލަކަށް ރަނގަޅު އަހުލާގެއް ބޭނުންވާކަމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅު މަދުރަސާގެ 2018 ވަނަ އަަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ސިޔާމު ވިދާޅުވީ ސްކޫލު ދައުރު ނިންމާލުމަށްފަހު ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުމުގައި ކުއްޖާގެ އަހުލާގު މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. ކިޔެވުމުގެ ދައުރުގައި އަހުލާގު ރަނގަޅު ކުއްޖާ މަސައްކަތުގެ މައިދާނަށް ނިކުންނައިރުވެސް ހަރުދަނާވާނެ ކަމަށް ސިޔާމު ވިދާޅުވި އެވެ.

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަހުލާގު ނެތިއްޔާ މީހާ ހަލާކުވެގެން ދިޔައީ. ކިޔަވާ އެއްވެސް އެއްޗެއްގެ ބޭނުމެއް ނެތް އަހުލާގު ނެތިއްޔާ. ކޮންމެ ކުއްޖަކުވެސް ހަނދާންބަހައްޓަންވީ ބެލެނިވެރިން ރެޔާއި ދުވާލު ނުނިދާ ބުރަ މަސައްކަތްކަތް ކޮށްގެން ކުދިންނަށް ކިޔަވާދިނީމާ ކުދިން މައިންބަފައިންނަށް ދޭންޖެހޭނީ ރަނގަޅު ނަތީޖާ. ރަނގަޅު ސެޓްފިކެޓްތަކެއް،" ސިޔާމު ވިދާޅުވި އެވެ.

މީދޫ ދާއިރާގެ މެންބަރު ވިދާޅުވީ އެރަށުގެ ފުލުހުންނާއި ވާހަކަ ދައްކާލުމުން ރަށުގައި ކުށްކުރުން އިތުރުވާކަމުގެ މައުލޫމާތު ލިބިލެއްވި ކަމަށެވެ. އެކަމާމެދު ބެލެނިވެރިން ވިސްނުމަށް ސިޔާމު އިލްތިމާސް ކުރެއްވި އެވެ. ސްކޫލު ދަރިވަރުންނަކީ އަހުލާގު ރަނގަޅު ކުދިބަޔެއްގެ ގޮތުގައި ބޮޑުކުރުމަށް މީދޫގެ ބެލެނިވެރިންނަށް ސިޔާމު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"ހުރިހާ ބެލެނިވެރިންނާއި ޓީޗަރުން، ކިޔަވާކުދިންނަށް ރަނގަޅު މަގު ދަސްކޮށްދެއްވާ. އަހުލާގު ދަސްކޮށްދެއްވާ. އަހުލާގު ނެތްކަމުގައިވާނަމަ ކުށްތަކަށް އަރައިގަންނާނެ،" ސިޔާމު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެންބަރު ސިޔާމު ވިދާޅުވީ ގައުމެއް ބިނާކުރެވޭނީ ތައުލީމީ ބަޔަކު ތިބެގެން ކަމަށެވެ. ރަށެއް އާރާސްތުކުރުމަށްވެސް ބޭނުންވަނީ ތައުލީމީ ޖީލެއް ކަމަށް ސިޔާމު ވިދާޅުވި އެވެ.

"ރަށެއްވެސް އާރާސްތުކުރެވޭނީ ތައުލީމީ ގާބިލް ބަޔަކު ތިބެގެން. އެކަން މި މަދުރަސާއިންވެސް އެބަފެނޭ. މި ސްކޫލުގައި ކިޔަވާކުދިންނަކީ މަތީ ދަރަޖައަކުން ފާސްވާ މައިންބަފައިންގެ ބަސްއަހާ ކުދިންތަކެއް،" ސިޔާމް ވިދާޅުވި އެވެ.

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ދ އަތޮލު މަދުރަސާއަށޤ 3ޑީ ޕްރޮޖެކްޓަރު ހަދިޔާ ކުރެއްވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރޭގެ ޖަލްސާގައި މީދޫ ދާއިރާގެ މެންބަރު ސިޔާމް ވަނީ ދ އަތޮޅު މަދުރަސާއަށް ތްރީޑީ ޕްރޮޖެކްޓަރެއް ހަދިޔާ ކުރައްވައިފަ އެވެ. ސިޔާމް ވިދާޅުވީ ދ. އަތޮޅު މަދުރަސާއިން މިދިޔަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ދަރިވަރުންގެ މަތީތައުލީމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

މިދިޔަ އަހަރު ސާނަވީ ތައުލީމު ނިންމި ދަރިވަރުންގެ ތެރެއިން ދ އަތޮޅު މަދުރަސާގެ ދެ ދަރިވަރަކު ވަނީ އޯލެވެލް ގަދަ ދިހަޔެއްގައި ހިމެނިފަ އެވެ. އެ ދެދަރިވަރުންނަކީ އަހުމަދު ރަފްހާން ފާއިޒް އާއި ލުބާނާ އަހުމަދު އެވެ.

މިދިޔަ އަހަރު ދ އަތޮޅު މަދުރަސާގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރަކީ ރަފްހާން އެވެ. އޭނާ ވަނީ ފަސް އޭ ސްޓާ އާއި ތިން އޭއާއެކު ގައުމީ ގަދަ 10ގެ ހަތަރު ވަނާގައި ހިމެނިފަ އެވެ.

comment ކޮމެންޓް