"އެމްޑީޕީއަކީ ލާދީނީ ބައެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ"

މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ ---- ފޮޓޯ : މުހައްމަދު ނަޒީހު / ޓްވިޓާ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަކީ ލާދީނީ ބައެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ލާދީނީ ވުން ނޫން ކަމަށެވެ.

އަދި އެމްޑީޕީ މެމްބަރުންނަކީ ލާދީނީ ބައެއް ކަމަށް ލޭބަލްކޮށް އެކި ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސަމާލުކަން ދޭންޖެހޭ ވާހަކަތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށްވުރެ ދީނަށް އުޅޭ ބަޔަކު ރާއްޖޭގައި އުޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

" އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނާ އެއްވަރަށް މިސްކިތައް ނަމާދަށް އަރާ ބައެއް ވެސް، ޒަކާތްދޭ ބައެއް ވެސް، ރޯދަ ހިފާ ބައެއް ވެސް، ހެޔޮލަފާ ނަސޭހަތްދޭ ބައެއް ވެސް، ރަނގަޅަށް އުޅޭ ބައެއް ވެސް އަޅުގަނޑަށް ޔަގީން ކަށަވަރު މި ރާއްޖޭގައި ވަކި ނޫޅޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޔަކު ވާހަކަ ދެއްކި ނަމަވެސް މުހިއްމު ކަމަކީ އަމިއްލައަށް ރަނގަޅު ކަންކަން ކުރުމުގެ މަތީގައި ކުރިއަށް ދިޔުން ކަމަށެވެ.

އެމްޑީޕީއާއި އިސްލާމް ދީނާ ގުޅިފައިވާ ކަން އިތުރަށް ސާބިތުކޮށްދިނުމުގެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެޕާޓީގެ އަމާޒަކީ އަބަދުވެސް އިސްލާމްދީނުގެ އުސޫލުތައް މަތީ ސާބިތުވެ ތިބުން ކަމަށެވެ. އަދި ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރުމަކީވެސް އެޕާޓީގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް