ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބޭ ބިލު ތަސްދީގުކުރައްވައިފި

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބޭ ބިލު، ރައީސް ތަސްދީގުކުރައްވާފައިވަނީ މިއަދު --- ފޮޓޯ : ރައީސް އޮފީސް

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގައެވެ. ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ފާސް ކުރުމަށް 70 މެމްބަރުން ވޯޓު ދެއްވިއެވެ.

ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމާ ބެހޭ ބިލުގައިވާ ގޮތުން ވިސްލްބްލޯ ކުރެވިދާނެ ފަރާތްތަކަކީ ދައުލަތުގެ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ އެއްވެސް ޝަހުސެކެވެ.

އެ ބިލުގައިވާ ގޮތުން ގާނޫނީ ޒިންމާއެއް އަދާ ނުކުރުމާއި އިންސާނީ ހައްގަކާއި ހިލާފުވި ކަމުގެ މައުލޫމާތު ހިމާޔަތާ އެކު ހާމަ ކުރެވޭނެއެވެ. އޭގެ އިތުރުން ކޮރަޕްޝަނާއި، ތިމާވެއްޓަށް ނުރައްކާވާ ކަންކަން ކުރުމާއި، ދައުލަތުގެ މަގާމުގެ ނުފޫޒެއް ނާޖާޒު ގޮތުގައި ބޭނުން ކުރާނަމަ އެކަމުގެ މައުލޫމާތު ހާމަ ކުރުމަކީވެސް ވިސްލްބްލޯކުރުމަށް ބިލުގައި ވަނީ ބުނެފައެވެ.

އެފަދަ މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ހާމަކުރެވޭނެ ގޮތްތަކެއްވެސް ވަނީ ބިލުގައި ލިޔެފައެވެ. އެގޮތުން ސިޓީ، ފެކްސް، މެސެޖް، ފޯންކޯލް، ފަދަ ޒަރީއާތަކުން މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވިސްލްބްލޯ ކުރަން އުޅެގެން ނުވަތަ ކޮށްގެން އެކަން ހުއްޓުވަން ނުވަތަ އިންޒާރުދީ ހެދުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބިލުގައި ހިމަނާފައި ވާއިރު، އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަ މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް