މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ ރ. އިންނަމާދޫ، ބ. ހިތާދޫ، ތ. ކިނބިދޫ އަދި ނ. މިލަދޫގެ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރުމަށް ފަރާތްތަކަކާ ހަވާލުކޮށްފައެވެ.
އެގޮތުން ރ. އިންނަމާދޫ އަދި ބ. ހިތާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކޯޕައިން އިންވެސްޓްމެންޓް އާ ހަވާލުކުރީ ކޮންމެ ދަނޑެއްގެ މަސައްކަތް ވެސް 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ތ. ކިނބިދޫ ދަނޑުގެ މަސައްކަތް އޭއައި އިންވެސްޓްމެންޓާ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރިއިރު ނ. މިލަދޫ ދަނޑުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ ސަން ބްރަދާސްއާއެވެެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަހްލޫފްއެވެ. ކޯޕައިން އިންވެސްޓްމަންޓްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިހާމް ސޮއިކުރެއްވިއިރު އޭއައި އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އެވެ. މީގެ އިތުރުން ސަން ބްރަދަރސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިރުޝާދްއެވެ.
ޗައިނާ ސަރުކާރުގެ އެހީގެ ދަށުން 21 ފުޓްސަލް ދަނޑުގެ މަސައްކަތް ކުރެވެމުން އަންނައިރު އޭގެ ތެރެއިން ބައެއް ދަނޑުތައް ވަނީ ނިމިފައެވެ. ހަމައެހެންމެ މިނިސްޓްރީއިން ޚަރަދުކޮށްގެން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފުޓްސަލް ދަނޑުތައް އަޅަމުންނެވެ. ރާއްޖޭގެ ކުޅިވަރު އިންފްރަސްޓްރަކްޗަރ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މީގެ އިތުރުން ކުރީ ސަރުކާރުގައި ރާއްޖޭގެ ބައިވަރު ރަށްރަށުގައި ފުޓްސަލް ދަނޑުތައް އަޅައިފައި ހުރި ނަމަވެސް އެ ދަނޑުތައް އަލުން މަރާމާތުކުރަން ޖެހިފައިވާ ކަން މަހްލޫފް ވަނީ މީގެ ކުރިން ވެސް ފާހަގަކުރައްވައިފަ އެވެ. މަހްލޫފް ވިދާޅުވީ މި ސަރުކާރުން ބޮޑު އަގު ދީފައި ދަނޑުތައް އަޅަނީ އެކަން ކޮލިޓީކޮށް ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ގޮތަކަށް ކުރުމަށް ކަމަށެވެ.