ޓްރަމްޕް ފޮނުއްވި ސިޓީ އުރުދުޣާން ވައްްޓާލެއްވީ ޑަސްބިނަށް

ޓްރަމްޕް ލިޔުއްވި އިންޒާރުގެ ސިޓީ ރައީސް އުރުދުޣާން ޑަސްބިނަށް އެއްލާލެއްވި ކަމަށް ތުރުކީގެ އޮފިޝަލުން ބުނޭ -- ފޮޓޯ: ރޮއިޓާސް

އަންކާރާ (އޮކްޓޯބަރު 17): ސީރިއާގެ މައްސަލައާ ބެހޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ލިޔުއްވި ސިޓީ، އުރުދުޣާން ޑަސްބިނަށް އެއްލާލެއްވި ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެސިޓީ ފޮނުވީ، ސީރިއާގެ އުތުރުން އެމެރިކާގެ ސިފައިން ބާލަން ނިންމިކަން ރައީސް ޓްރަމްޕް އިއުލާން ކުރެއްވުމުން، އެސަރަހައްދުގައި ތުރުކީގެ އަސްކަރީ އޮޕަރޭޝަން ފަށާނެ ކަން އެގައުމުން ހާމަ ކުރި ދުވަހެވެ.

"ހިނގާ ރަނގަޅު އެއްބަސްވުމެއް ހަދަން! [އުރުދުޣާން] ބޭނުމެއް ނުވާނެ އެތައް ހާސް މީހުންގެ މަރަށް ޒިންމާވާން އަދި އަޅުގަނޑު ބޭނުމެއް ނޫން ތުރުކީގެ އިގުތިސާދު ފުނޑުކޮށްލުމަށް ޒިންމާވާން،" ޓްރަމްޕްގެ ސިޓީގައިވެ އެވެ.

އަދި ސީރިއާގެ މައްސަލައިގައި އުރުދުޣާން ރަނގަޅަށް އަމަލު ކުރައްވައިފި ނަމަ ދުނިޔޭގެ ތާރީހުގައި އުރުދުޣާން ފާހަގަ ކުރެވޭނީ ރަނގަޅު ގޮތަކަށް ކަމަށާއި ނަމަވެސް ގޯސްކޮށް އަމަލު ކުރައްވައިފި ނަމަ އުރުދުޣާން ފާހަގަ ކުރެވޭނީ "ޝައިތާނެއް"ގެ ގޮތުގައި ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޓްރަމަޕް ލިޔުއްވި ސިޓީގައި ވަނީ ރައީސް އުރުދުޣާނަށް އިންޒާރު ދެއްވާފަ -- ފޮޓޯ: ރޮއިޓާސް

އެސިޓީއާ ބެހޭ ގޮތުން ބީބީސީއާ ވާހަކަ ދެއްކެވި އޮފިޝަލުން ވިދާޅުވި ގޮތުގައި، ރައީސް އުރުދުޣާން އެސިޓީގައިވާ ވާހަކަތަކަށް ދެކޮޅު ހައްދަވާ، ސިޓީ ޑަސްބިނަށް އެއްލާލެއްވި އެވެ.

ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި މިދިޔަ ބުދަ ދުވަހު ތުރުކީން ސީރިއާގައި ފެށި އަސްކަރީ އޮޕަރޭޝަނުގެ މަގުސަދަކީ، ދެގައުމުގެ ބޯޑަރު ކައިރީން ކުރުދީ ހަނގުރާމަވެރިން ފޮނުވާލުމާއި، ތުރުކީގައި ތިބި ސީރިއާގެ ރެފިއުޖީންނަށް އެނބުރި ގައުމަށް ދެވޭނެ "އަމާން ސަރަހައްދެއް" ކަނޑައެޅުމެވެ. ތުރުކީން ދެކޭ ގޮތުގައި ސީރިއާގެ ކުރުދީ ހަނގުރާމަވެރިންނަކީ އެގައުމުން މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބަޔެކެވެ.

ސީރިއާގެ ކުރުދީންނަކީ އެގައުމުގައި އެމެރިކާގެ އެހީގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރި ސީރިއަން ޑިފެންސް ފޯސެސްގައި އިސްކޮށް ތިބޭ ޖަމާއަތެވެ.

ތުރުކީގެ އޮޕަރޭޝަނުގެ ސަބަބުން ސީރިއާގެ އުތުރުން 300،000އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށްދާން ޖެހިފައި ކަމަށް ސީރިއަން އޮބްޒަވޭޓަރީ އޮފް ހިއުމަން ރައިޓްސްއިން ބުންޏެވެ. އަދި އެހަމަލާތަކުގެ ސަބަބުން، ކުރުދީން ހައްޔަރުކޮށްފައި ތިބި ގިނަ އަދަދެއްގެ އައިއެސް ޖަމާއަތުގެ މެމްބަރުން ފިލަމުންދާ ކަމުގެ ހަބަރު ވަނީ ފެތުރިފަ އެވެ.

comment ކޮމެންޓް