ޖީހާންގެ ހުށަހެޅުމަކަށް ޕީޖީ ވަކިކުރާ މައްސަލަ ކޮމިޓީއިން ބާތިލްކޮށްފި

ޕީޖީ ބިޝާމް އާއި ޖީހާން (ކ-ވ)

ޕީޖީ އައިޝަތު ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށަން، އިއްޔެ ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކުރި ނިންމުން ހަމަ އެ ކޮމިޓީއިން މިއަދު ބާތިލްކޮށްފި އެވެ.

ޕީޖީ ބިޝާމް ބޭރުކުރަން، އިއްޔެ ތާއީދުކޮށް ވޯޓުދެއްވި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު މިއަދު ކޮމިޓީއަށް އަލުން ހުށަހެޅުއްވީ، ޕީޖީ މަގާމުން ދުރުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް އިއްޔެ ނިންމި ނިންމުން ބާތިލް ކުރުމަށެވެ.

ޕީޖީ ވަކިކުރާ މައްސަލަ ބާތިލް ކުރަން ޖީހާންހުށަހެޅުއްވީ، އެ މައްސަލަ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ. އެނގިފައިވާ ގޮތުގައި ޖީހާން އެގޮތަށް ވިދާޅުވަނީ ސިރާޖު އެކަމާ މެދު އެމްޑީޕީގެ ޕީޖީ ގުރޫޕްގައި މަޝްވަރާ ނުކުރައްވާތީ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް މިފަހުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ވެސް ވަނީ އެމްޑީޕީގެ މެންބަރަކު ހުށަހަޅުއްވައިގެން، ސީއެސްސީގެ ނައިބު ރައީސް ވަކިކުރުމުގެ މަސައްކަތް ކުރުމަށް ފާސްކޮށްފަ އެވެ. އަދި އެކަން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދާދި ފަހުން އިއުލާން ވެސް ކުރެއްވި އެވެ. އެ މެންބަރު ވެސް އެގޮތަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގައި މަޝްވަރާނުކޮށް ކަމަށްވެ އެވެ.

ހަތަރު މެންބަރަކު، ޖީހާންގެ ހުށަހެޅުމަށް ތާއީދުކޮށް ޕީޖީގެ މައްސަލަ ބާތިލް ކުރަން މިއަދު ވޯޓްދެއްވި އެވެ. އަދި ޕީޖީގެ އިތުބާރު ނެތް މައްސަލަ އިއްޔެ ހުށަހެޅުއްވި މެންބަރު ސިރާޖު ވެސް މިއަދު ކޮމިޓީއަށް ވަޑައި ނުގަންނަވަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޖީ ބިޝާމް ވަނީ، އޭރު މުޒާހަރާތަކުގަ އާއި އެހެން ވެސް ތުހުމަތުގައި ތަކުގައި ހައްޔަރު ކުރި އޭރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި މުޒާހަރާތަކުގައި ބައިވެރިވަމުން ދިޔަ އާންމު ރައްޔިތުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތައް އުފުއްލަވައިފަ އެވެ. އަދި އެގޮތަށް ހައްޔަރު ކުރެވޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ވޭތޯ ޕީޖީ ބައްލަވަމުން ގެންދަވާފަ ވެސް ނުވާ ކަމަށް މަޖިލީހުގެ މެންބަރުން ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައި ޕީޖީ އޭނާގެ ގާނޫނީ ޒިންމާ އަދާނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޕީޖީ ވަކިކުރަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަކުން ތާއީދު ނުލިބޭތީ ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ އެމްޑީޕީއަށް އަމާޒުވެފައިވެ އެވެ.

އިންތިގާލީ އިންސާފު ގާއިމްކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު