ސީއެޗްއެސްއީގައި އަށް ބުރީގެ އާ އިމާރާތެއް އަޅަނީ

ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މަތީ ސާނަވީއަށް ކިޔަވައިދެމުންނަ އަންނަ މާލޭގެ ސްކޫލް ސެންޓަ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި އަށް ބުރީގެ އާ އިމާރާތެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީއެޗްއެސްސީގެ އާ އިމާރާތް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ވަނީ ހަވާލުކޮށްފައެވެ.

އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި ރަޝީދު ކާޕެންޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.

އެ މަސައްކަތް ރަޝީދު ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 420 ދުވަހުން ނިންމާ ގޮތަށް 33.4 މިލިއަން ރުފިޔާއަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމާރާތުން މަސައްކަތް އަންނަ އަހަރު ފަހުކޮޅު ނިމި އެތަން ޑިސެމްބަރު މަހު ބޭނުންކުރެވޭވަރު ވާނެ ކަމަށެވެ.

މިއީ ދައުލަތުގެ ޕީއެސްއައިޕީގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

ސްޓޭޓް މިނިސްޓަރު ރިޔާޒް "ސަން" އަށް ވިދާޅުވީ އާ އިމާރާތާއެކު އެ ސްކޫލަށް ދިމާވެފައިވާ ޖާގާއިގެ ދަތިކަަމަށް ހައްލެއް އަންނާނެ ކަަމަށާއި އަދި އެތަނުގައި އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ އެ ސްކޫލްގެ ދެ ލެބޯޓްރީ ހުންނަ ދެ ބުރީގެ އިމާރާތް އެމްއެންޑީއެފްއިން އެސެސްމަންޓްތައް ހެދުމަށްފަހު ބަންދުކޮށްފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެެވެ. އަދި އަށް ބުރީގެ އިމާރާތް އަޅާނީ އެތަނުގައި ކަމަށްވެސް ސޮފޫރާ ވިދާޅުވިއެވެ.

ސީއެޗްއެސްއީގެ އިމާރާތް--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

"މިހާރުވެސް ޖާގައިގެ ދަތިކަމާ ގުޅިގެން ލެބްތައް ހިންގަނީ ފިޒިކްސް ލެބާއި އަމީނިއްޔާގެ ބިލްޑިގްންގް ތެރޭގައި. ކްލާސްރޫމްގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު. އާއިމާރާތުގައި ހުންނާނެ ލެބޯޓަރީއާއި ކްލާސްރޫމާއި އޮފީސް ބައިތައްވެސް،" ސޮފޫރާ ވިދާޅުވިއެވެ.

އާ އިމާރާތުގައި 19 ކްލާސްރޫމާއި ހަ ލެބޯޓަރީގެ އިތުރުން ހަތަރު ސްޓާފްރޫމްވެސް ހުންނާނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.

ސީއެޗްއެސްއީގައި މިހާރުވެސް 1100 އެއްހާ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

comment ކޮމެންޓް