މާސްޓާކާޑުގެ ފުލް ރޭންޖާއެކު ފުރަތަމަ ފަހަރަށް ބިޒްނަސް ޑެބިޓް ކާޑު ތައާރަފްކޮށްފި

މާސްޓަރ ކާޑުގެ ފުލް ރޭންޖް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާކާޑުގެ ފުލް ރޭންޖާއެކު ބިޒްނަސް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކާޑުތައް ތައާރަފް ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމްއެވެ.

ބީއެމްއެލްއިން މާސްޓާކާޑުގެ ބައެއް އުފެއްދުންތަކުގެ ޚިދުމަތްތައް މިހާރު ވެސް ފޯރުކޮށްދެމުން އަންނައިރު، މިއަދު ތައާރަފުކުރި ފުލް ރޭންޖުގެ ތެރޭގައި ބިޒްނަސް ޑެބިޓް ކާޑާއި ޕްރިމިއަމް މާސްޓާކާޑުގެ އިތުރުން ވޯލްޑް ކްރެޑިޓް ކާޑު ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމޮތީ ސޯޔަރ ވިދާޅުވީ މާސްޓާކާޑުގެ ފުލް ރޭންޖާއެކު އަލަށް ތައާރަފްކުރި ބިޒްނަސް ޑެބިޓް ކާޑަކީ ބީއެމްއެލްއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމުގެ ގޮތުން ތައާރަފްކުރި ޚިދުމަތެއް ކަމަށެވެ.

"ބިޒްނަސް ޑެބިޓް ކާޑު ލިންކް ކުރެވިގެންދާނީ ވިޔަފާރި އެކައުންޓަށް. މީގެ ސަބަބުން ވިޔަފާރީގެ ކޭޝްފްލޯ ވަކިން ބެލެހެއްޓުމާއި ރެކޯޑް ބަލަހައްޓަން ފަސޭހަ ވެގެންދާނެ. އަޅުގަނޑުމެން ދޫކުރާ އެހެން ކާޑުތަކެކޭ އެއްގޮތަށް މި ކާޑަކީވެސް އެންމެ ޒަމާނީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ކާޑެއް." ސޯޔަރ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މާސްޓާކާޑުގެ ފުލް ރޭންޖުގެ އިތުރުން ބީއެމްއެލްގެ މާޗަންޓް ޕޯޓަލްއާއި އެމްޕޮސް އެޕްލިކޭޝަން ވެސް ވަނީ ތައާރަފްކޮށްފައެވެ.

comment ކޮމެންޓް