އަމިއްލަ އެދުމާއި މަސްލަހަތަށްވުރެ, ރައްޔިތުންގެ އެދުމާ މަސްލަހަތާ އުންމީދުތައް އިސްކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުންނަށް ޝަރަފުގެ ނިޝާނާއި ކުލަ ދިނުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބުކުރައްވައި، ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތެރެއިން ކުރިއަރައި ދާންވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ އެދުމާ އުންމީދުތައް އިސްކުރާ ބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓާ ބަޔަކަށްވެސް ފުލުހުން ވާންޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ތިމާގެ އަމިއްލަ އެދުމާ މަސްލަހަތަށްވުރެ ރައްޔިތުންގެ އެދުމާ މަސްލަހަތާ އުންމީދުތައް އިސްކުރާށޭ. ދެވަނަކަމަކީ ހަގީގަތުގައިވެސް މިވަގުތަށް ވަރަށް މުހިއްމުކަމެއް. އަޅުގަނޑުހިތުން ކޮންމެ މަދަނީ ތަހުޒީބު މުޖުތަމައެއްގައި އެންމެ މުހިންމު އެއްސިފައަކީ އެބައެއްގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރަން އޮންނަ މުއައްސަސާއާމެދުގައި އިތުބާރު ޔަގީންކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކަރާމާތާއި، މުއައްސަސާގެ ޝަރަފާއި އިއްޒަތް ދަމަހައްޓަން ތިބޭނީ ހަމަ ފުލުހުންކަމަށާއި އެހެންކަމުން ކޮންމެ އޮފިސަރަކީވެސް ތިމާގެ އަމިއްލަ އެދުމާއި މަސްލަހަތު މިމުއައްސަސާގެ ކަރާމާތާއި، ޝަރަފާއި، އިއްޒަތާ ފުށުއަރާހިނދު ތިމާގެ އަމިއްލަ އެދުމާއި މަސްލަހަތު ދޫކޮށް މުއައްސަސާގެ ޝަރަފާއި ކަރާމަތާއި އިއްޒަތް ދެމެހެއްޓޭނެ ބޭފުޅަކަށްވާން ޖެހޭ ކަމަށެވެ.
އެސިފަތައް އަށަގަންނުވައިގެން ކުރިއަށްދާނަމަ ރައްޔިތުން އުއްމީދުކުރާ ޝަރަފްވެރި އަބުރުވެރި އިއްޒަތްތެރި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ މުވައްސަސާ ވެގެންދާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކިބައިން ހާއްސަކޮށް މުއައްސަސާގެ އިސްބޭފުޅުންގެ ކިބައިން ރައްޔިތުން އުއްމީދުކުރާނެ ކަމެއް އެބައޮތްކަމަށެވެ.
"އެކަން އެހެންވާންޖެހެނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހެދިބޮޑުވެގެންދަނީ، މުއައްސަސާތައް ދެމެހެއްޓިގެންދަނީ މުއައްސަސާތައް ފުރިހަމަވެގެންދަނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެންކަމަށްވާތީ" މިނިސްޓަރ ވިދާޅުވިއެވެ.