ޓެކްސް ކޮމިޝަނަރުންނަށް އާންމުންގެ ހިޔާލު ހޯދަނީ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ނަންތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް، ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް ފޮނުއްވާފައި ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަމެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅެއްގެ ނަން ރައީސް ވަނީ ފޮނުއްވައިފަ އެވެ. އެ ބޭފުޅުންނަކީ:

  • މުހައްމަދު ސިރާޖު މުނީރު / ދަނޑިމަގު، ނިއުލައިޓް، ޏ. ފުވައްމުލައް
  • އަސްމާ ޝަފީއު / ވައިޖެހޭގެ، ހއ. އިހަވަންދޫ
  • އިސްމާއިލް ސާޖިދު / މއ. ވިލާރޮދި
  • އަހްމަދު ޝަރީފް / އަނބުގަސްދޮށުގެ، ނ. މަނަދޫ
  • އަހްމަދު ވާފިރު / ވ. އެލަމް
  • ހަމްދީ އަގީލް / ހ. ރަންގަލި 4

މި ބޭފުޅުންގެ ނަންތައް ދިރާސާކުރަން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފައި ވާއިރު، އެ ފަރާތްތަކާ މެދު ޝަކުވާއެއް ވާނަމަ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެ ޝަކުވާއެއް މަޖިލީހަށް ހުށަހަޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އީމެއިލް ނުވަތަ ލިޔުމުން ވެސް ޝަކުވާ ހުށަހޭޅެ ކަމަށް މަޖިލީހުން ބުންޏެވެ.

comment ކޮމެންޓް