ފެތުމުގެ މުބާރާތް، ރޯޑްރޭހާ އެއް ފެންވަރުގައި ބާއްވާނަން: ދިރާގު

ފުރަތަމަ ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން މިއަހަރު މުޅިން އަލަށް ފެށި ދިރާގު އޯޕެން ވޯޓަރް ސްވިމިންގް މުބާރާތް ކުރިއަށް އޮތްތާ ފުޅާކޮށް، މިހާރު ބާއްވަމުން އަންނަ ރޯޑް ރޭސް ފަދަ ކާމިޔާބު ބޮޑު ހަރަކާތަކަށް ހަދާނެ ކަމަށް ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ރަސްފަންނާ ދިމާ މޫދުގައި ބޭއްވި ރާއްޖޭގެ އެންމެ ބޮޑު ފެތުމުގެ ރޭހުގައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ފެތުމަކީ ކޮންމެ ދިވެއްސަކުވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ކަމުން ކުރިއަށް އޮތްތާގައި މި މުބާރާތް އިތުރަށް ފުޅާކޮށް މިހާރު ކުރިއަށް ގެންދާ "ދިރާގު ރޯޑް ރޭސް" ފަދަ ކާމިޔާބު އިވެންޓަކަށް އެ މުބާރާތްވެސް ހަައްދަވާނެ ކަމަށެވެ.

ފުރަތަމަ ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"މީގެ 13 އަހަރު ކުރިން ދުވުމުގެ ރޭސް [ރޯޑްރޭސް] ބާއްވަން ފެށީ، ފުރަތަމަ އަޅުގަނޑު ހަނދާން ވަނީ [އެ ރޭހުގައި] ބައިވެރިވީ 150 މީހުން. އެކަމަކު މިހާރު ލިމިޓް ކޮށްގެން 4،000 ބައިވެރިވޭ. އެއީ އެ އަދަދު ހަމަވަނީމަ ރެޖިސްޓްރޭޝަން ބަންދު ކުރަނީ. އަޅުގަނޑު ގަބޫލު ކުރަނީ މިކަންތައް ވެސް [ފެތުމުގެ މުބާރާތް] ކުރިއަށް އޮތްތާ މިފަދަ ކާމިޔާބު އިވެންޓަކަށްވެ މިއަށް ވުރެން ގިނަ މީހުން ވެސް ބައިވެރިވާނެ ކަމަށް،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

މިފަހަރުގެ ފެތުމުގެ މުބާރާތުގައި ޖުމުލަ ހަތް ކެޓަގަރީއަކުން 198 މީހުން ވަނީ ބައިވެރިވެފަ އެވެ. މި އަދަދަކީ މުބާރާތަށް ހުޅުވާލި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ކާމިޔާބު އެޓެންޑެންސެއް ކަމަށް އެމްޑީ ވަނީ ވިދާޅުވެފަ އެވެ. އަދި ފަތިހު މުބާރާތް ބޭއްވި އިރު އެހާ ގިނަ އަދަދެއްގެ ބަޔަކު އައުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ރަޝީދު ވިދާޅުވީ، ރާއްޖޭގެ ބޮޑު އިންސައްތަ އަކީ ފެން ކަމުގައި ވުމުން ފަތަން ދަސް ކުރުމަކީ ހުރިހާ ދިވެހިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތް ދިރާގުން ސްޕޮންސާ ނަގަން އިސްނެގި ނެގުމަކީ އެކަމުގެ އެއް ސަބަބު ކަމަށެވެ. އޭގެ އަނެއް ސަބަބަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ޒުވާނުން ކަން ކަމަށް ހޭލުންތެރި ކުރުމާއި އެންޕަވާ ކުރުން ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތްތާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ މުބާރާތްތައް ބޭއްވުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންދާކަމަށް އެމްޑީ ވިދާޅުވި އެވެ.

ދިރާގާއި ސްވިމިންގް އެސޯސިއޭޝަނާއި ގުޅިގެން އަންނަ އަހަރު ވެސް މި މުބާރާތް ބޮޑެތި އިންތިޒާމްތަކަކާ އެކު ބާއްވަން ނިންމާފައިވާ ކަން ސްވިމިންގް އެސޯސިއޭޝަނުން ވަނީ އިއުލާން ކޮށްފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އަންނަ އަހަރު މި މުބާރާތް އޮންނާނެ ތާރީހު ވެސް އިއުލާން ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. ސްވިމިންގް އެސޯސިއޭޝަނާއި ދިރާގާއި ދެމެދު ވެފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެކެވެ.

comment ކޮމެންޓް