ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގައި ހުރި ފެނާއި ނަރުދަމާގެ ހިދުމަތްތަކުގެ ތަފާތު ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެކުންފުނީގެ އޯޕަން ޑޭ މިއަދު ފަށައިފި އެވެ.
ޔޫތު މިނިސްޓްރީގެ "އެކްސްޕްލޮރެޝަން ޕްރޮގުރާމް" ގެ ދަށުން ކުރިއަށް ގެންދާ އޯޕަން ޑޭ ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އާޒިމް ދެއްކެވި ވާހަކައިގައި ކޮންމެ މީހަކު ވެސް އެމީހަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.
އޯޕަންޑޭ ކުރިއަށްދަނީ 10 ޒުވާނުންނާއެކު އެވެ. އެމްޑަބްލިއުއެސްސީން ބުނީ އޯޕަން ޑޭގެ މަގުސަދަކީ އެކުންފުނީގެ ފެނާއި ނަރުދަމާގެ ތަފާތު ވަޒީފާތަކާ ބެހޭ ގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ވަޒީފާގެ މާހައުލާ މެދު ޒުވާނުން ހޭލުންތެރިކުރުވުން ކަމަށެވެ.
އެގޮތުން ޕްރޮގުރާމްގެ ބައިވެރިނަން ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މައުލޫމާތު ފޯރުކޮށްދީ، އެ ޑިޕާޓްމަންޓުތަކުގެ މަސައްކަތްތައް ދައްކާލައި އެކަންކަން އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެ އެވެ.
ހަމައެއާއެކު އެ ކުންފުނީގެ އާރުއޯ ޕްލާންޓާއި ބޮޓްލިންގެ ފެކްޓަރީ އަދި ވޭސްޓް ވޯޓާ ޕަމްޕިން ސްޓޭޝަން ފަދަ ފެސިލިޓީތަކަށްވެސް ޕްރޮގުރާމްގެ ބައިވެރިން ޒިޔާރަތް ކުރާނެ އެވެ.
ޔޫތު މިނިސްޓްރީއިން ކުރިއަށް ގެންދާ "ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ" ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި، ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ސޯޝަލް ސެކްޓަރުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާއި ބެހޭގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދީ ވަޒީފާގެ މާހައުލާއި މެދު ހޭލުންތެރިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.