ފެރޯ އައިލަންޑްސްއިން ފަހަތުން އަރައި ރާއްޖެ ބަލިކޮށްފި

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު: އެ ޓީމު އަންނަނީ ބަންގްލަދޭޝްގައި ކުރިއަށްދާ ޔޫއެފާ އެސިސްޓް މުބާރާތުގައި ބައިވެރި ވަމުން ---

ޔޫއެފާގެ އެހީއާ އެކު ބަންގްލަދޭޝްގައި އިއްޔެ ފެށި 16 އަހަރުން ދަށުގެ ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި ފެރޯ އައިލެންޑްސް މެޗު ކާމިޔާބު ކޮށްފި އެވެ.

ބަންގަލަދޭޝްގައި އިއްޔެ ހަވީރު ކުޅުނު އެ މެޗުން ފެރޯ އައިލެންޑްސް ރާއްޖެ އަތުން މޮޅުވީ 3-10 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ރާއްޖޭގެ މުހައްމަދު ހަންނާން އާދަމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި މުބާރާތުގައި ހަތަރު ޓީމު ވާދަ ކުރާއިރު ދެން ކުޅޭ ދެ ޓީމަކީ ބަންގްލަދޭޝްއާއި ކެމްބޯޑިއާ އެވެ. އެ ދެ ޓީމު އިއްޔެ ކުޅުނު މެޗުން ބަންލަދޭޝް ވަނީ ކެމްބޯޑިއާ އަތުން 0-2 ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ.

އިއްޔެގެ މެޗު ފެށިގެން މޮޅަށް ކުޅެމުން ދިޔައީ ރާއްޖެއިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ފަސް މިނަޓުގެ ތެރޭގައި ހަންނާން ވަނީ ގޯލެއް ޖަހައި ރާއްޖެއަށް ލީޑު ނަގައިދީފަ އެވެ. އޭގެ އިރަކޮޅެއް ފަހުން އާމިން އުމަރް މޫސާ ނަގައިދިން ހުރަހަކުން ހަންނާނަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު އިރު އެ ބޯޅަ ދިޔައީ ރަނގަޅަށް ފަޔަށް ނާރަ އެވެ.

ހަންނާން ރާއްޖެއަށް ލީޑު ފުޅާ ކޮށްދިނީ 20 ވަނަ މިނަޓުގެ ތެރޭގަ އެވެ. އޭރުވެސް މެޗު ޑޮމިނޭޓް ކުރަމުން ދިޔައީ ރާއްޖެއިންނެވެ. ނަމަވެސް އެ ގޯލާ އެކު ފެރޯ އައިލެންޑުން ޓީމު ކުރިއަށް ޖައްސައި ހަމަލާތައް އިތުރު ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ.

ދެވަނަ ހާފު ފެށިގެން އަނެއްކާ ވެސް ރާއްޖެއިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. ހަންނާން ގެ ހެޓްރިކާ އެކު ހިތްވަރާ އެކު ރާއްޖެ ކުޅެމުން ދަނިކޮށް އަނެއްކާވެސް ފެރޯ އައިލެންޑުން ނެގި ހުރަހަކުން ވަނީ ގޯލެއް ޖަހައިފަ އެވެ.

އެ ގޯލާ އެކު ރާއްޖެ ކުޅުންތެރިންގެ އުންމީދު ގެއްލުނު ކަހަލަ އެވެ. ފެރޯ އައިލެންޑުން އޭގެ ފައިދާ ނަގައި ގިނަ ގޯލުތަކެއް ވަނީ އެ ދަނޑިވަޅުގައި ޖަހައިފަ އެވެ.

ރާއްޖޭގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ކެމްބޯޑިއާއާ ދެކޮޅަށް ކުޅުމަށް ފަހު މެޗުގައި އާދީއްތަ ދުވަހު ވާދަކުރާނީ ބަންގްލަދޭޝާ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

އެފްއޭއެމުން 16 އަހަރުން ދަށުގެ ޓީމު ބޭނުންކުރަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ވާންވާއިރަށް ޒުވާން ޓީމެއް ބިނާކުރާށެވެ. އެގޮތުން ޓީމު އެކަތިގަނޑެއްގެ ގޮތުގައި ބެހެއްޓުމަށްޓަކައި މިއަހަރު އޮންނަ 3 ވަނަ ޑިވިޝަން މުބާރާތުގައި މި ޓީމު ބައިވެރިވާނެ ކަމަށް އެފްްއޭއެމް އިން ވަނީ ބުނެފަ އެވެ.

ޔޫއެފާގެ އެހީއާއެކު ރާއްޖޭގައި ވެސް މި އަހަރު ވަނީ 14 އަހަރުން ދަށުގެ މުބާރާތެއް ބާއްވައިފައެވެ. އެ މުބާރާތުގެ ފައިނަލުގައި ވާދަ ކުރީ ބޫޓާނާއި ލެޓްވިއާއެވެ. އެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ލެޓްވިއާއިންނެވެ. އެ މުބާރާތުގައި ރާއްޖެއިން ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފައެވެ.

comment ކޮމެންޓް