ލަންކާގެ ޖަފްނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައިފި

ލަންކާގެ ޖަފްނާ އިންޓަނޭޝަނަލް އެއާޕޯޓު މިއަދު ވަނީ ހުޅުވާފަ -- ފޮޓޯ: އައްޒާމް އަމީން

ކޮލަމްބޯ (އޮކްޓޯބަރު 17): ސްރީލަންކާގެ ޖަފްނާ އިންޓަނޭޝަނަލް އެއާޕޯޓު މިއަދު ރައީސް މައިތިރިޕާލާ ސިރިސޭނާ ހުޅުއްވައި ދެއްވައިފި އެވެ.

ލަންކާގެ ތިން ވަނަ އިންޓަނޭޝަނަލް އެއާޕޯޓުގެ ގޮތުގައި ހުޅުވި އެ އެއާޕޯޓު އޮންނަނީ ޖަފްނާ ސިޓީއާ 20 ކިލޯމީޓަރު ދުރުގަ އެވެ. މީގެ ކުރިން އަސްކަރިއްޔާއިން ބޭނުން ކުރަމުން އައި އެ އެއާޕޯޓު ތަރައްގީ ކުރުމަށް 2.25 ބިލިއަން ރުޕީސް (12,432,816 ޑޮލަރު) ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 1.95 ބިލިއަން ރުޕީސް ހަރަދު ކުރީ ލަންކާ ސަރުކާރުންނެވެ. އަދި ބާކީ 300 މިލިއަން ރުޕީސްއަކީ އިންޑިއާ ސަރުކާރުން ދިން އެހީ އެވެ.

ލަންކާގެ މިނިސްޓާ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން އަރުޖުނާ ރަނަޓުންގަ ވިދާޅުވި ގޮތުގައި 2.5 ކިލޯމީޓަރުގެ ރަންވޭއެއް އޮންނަ އެ އެއާޕޯޓުގެ ސަބަބުން އެގައުމުގެ އުތުރުން ފަސޭހަ ކަމާއެކު އިންޑިއާގެ ދެކުނުގެ ސިޓީތަކަށް ދެވޭނެ އެވެ. އަދި މުސްތަގުބަލުގައި ޖަފްނާ އެއާޕޯޓުން ރާއްޖެއަށާއި މެލޭޝިއާއަށްވެސް ދަތުރުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރަނަޓުންގަ ވިދާޅުވި އެވެ.

ޖަފްނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގަ އެވެ.

comment ކޮމެންޓް