ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނުވާނެ: ޝަޒައިލް

ޝަޒައިލް: ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް އިހުތިރާމް ކުރާ ކަމަށް ވިދާޅުވި --

ސަރުކާރުގެ "ޒީރޯ ޓޮލެރެންސް" ސިޔާސަތުގެ ދަށުން ހުށަހެޅިފައިފާ ޝަކުވާތަކާ ގުުޅިގެން، މަގާމުން ސަންޕެންޑް ކުރުމަށް ނިންމި ނިންމުމަށް އިހުތިރާމް ކުރާ ކަމަށާއި ނަމަވެސް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގާ ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެ އެވެ.

"ޒީރޯ ޓޮލިރެންސް ޓްދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާ އޮންލައިން ޕޯޓަލްއަށް ޝަޒައިލްއާ ގުޅޭ ގޮތުން ހުށަހަޅާފައި ހުރި މައްސަލަތަކާ ގުޅިގެން ސަރުކާރުން އޭނާ ސަސްޕެންޑް ކުރުމަށް ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެކަމާ ގުޅިގެން ޝަޒައިލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާ އަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. ޝަޒައިލް ވިދާޅުވީ، އޭނާ ކުންފުނި ހިންގާފައިވާ ގޮތް ހިސާބުތަކުން ފެންނަން ހުންނާނެ ކަމަށެވެ.

"ސަސްޕެންޑް ކުރުމަށް ނިންމެވި ނިނުންމަށް އިހުތިރާމްކޮށް މަރުހަބާ ކިޔަން....ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގައިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިފުރުސަތުގައި އެންމެންނަށް އަރުވަން،" ޝަޒައިލް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާޙިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވީ، ޕޯޓަލްއަށް ޝަޒައިލްއާ ގުޅޭ ގޮތުން ހުށަހެޅިފައިވަނީ "ކްރިޑިބަލް" ނުވަތަ އިތުބާރު ހިފޭ މައުލޫމަތުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އެއާއެކު އެ މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑް ކުރަން ނިންމީ ކަމަށް ހޫދު ވިދާޅުވި އެވެ.

"ރެގިއުލާކޮށް އެ ޕޯޓަލް އަޅުގަނޑުމެން ޗެކް ކުރަން. އެގޮތައް ޕޯޓަލް އަށް ހުށަހެޅޭ މައްސަލަތައް އެވަލުއޭޓް ކުރުމަށް ފަހު ކްރިޑިބަލްތޯ ބަލާފައި އަޅުގަނޑުމެން ފިޔަވަޅެއް އަޅަނީ މައްސަލަ ބަލައި ނިމެންދެން،" ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ، އެގޮތަށް ހުށަހެޅޭ ސީރިޔަސް މައްސަލަތަކާ މެދު އަމަލު ކުރާ ގޮތަކީ އާންމު އުސޫލުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުން ކަމަށެވެ. ނަމަވެސް ޝަޒައިލްގެ މައްސަލަ އޭސީސީ އަށް ފޮނުވި ކަމެއް ނުވަތަ ނުފޮނުވާ ކަމެއް ހޫދު ވިދާޅެއް ނުވެ އެވެ.

މޯލްޑިވް ގޭހުން އަގު ބޮޑުކޮށް ތިން ވަނަ ފަރާތަކުން ގޭސް ގަންނަ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.

އެކަމާ ގުޅިގެން ތިން ކުއާޓަރުގެ ތަފާސްހިސާބުތަކާ އެކު ކުރެއްވި ޕޯސްޓެއްގައި ޝަޒައިލް މީގެ ކުރިން ވިދާޅުވެފައިވަނީ، "ކުންފުނީގެ ތެރޭގައި ހުރި ކަންކަން ރަނގަޅުކޮށް، ބާގަނޑު ބައްދާލީމަ ބަޔަކަށް ހަޖަމް ނުވެގެން ކިޔާ އެއްޗަކަށް ފަރުވާލެއް ނެތް" ކަމަށެވެ.

މޯލްޑިވް ގޭހުން ތިން ވަނަ ފަރާތަކުން އަގުބޮޑުކޮށް ގޭސް ގަންނަ ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އޭރުއްސުރެ ހިންގަމުން އައި ކޮރަޕްޝަން މިހާރުވެސް ހިނގަމުންދާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް އެސްއޯއީ ކޮމިޓީއަށް ހުށަހެޅި މައްސަލަ އަންނަނީ ބަލަމުން އެވެ.

އެ މައްސަލައިގައި ތިން ވަނަ ފަރާތަކުން ގޭސް ގަތުން ހުއްޓާލައި ސީދާ ސަޕްލަޔަރުގެ އަތުން ގޭސް ގަތުމަށް މޯލްޑިވް ގޭހަށް އަންގަން އެ ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ލަފާކުރެއްވި ގޮތުގައި އެ "ކޮރަޕްޝަން" ހުއްޓުވިއްޖެ ނަމަ، ކޮންމެ ގޭސް ފުޅިޔަކުން 10 ވަރަކަށް ރުފިޔާ އަގު ހެޔޮ ކުރެވޭނެ އެވެ.

ތަފާސްހިސާބުތަކަށް ބަލައި ކޮމިޓީ ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ އެއް ޓަނު ގޭސް ޝިޕްމަންޓެއް ގެންނަން އެ ކުންފުނިން އިތުރަށް 130،000 - 140،000 ޑޮލަރު ހަރަދު ކުރަން ޖެހޭ ކަމަށެވެ.

މި ހަބަރަށް އިތުރު މައުލޫމަތު ހޯދުމަށް ޝަޒައިލްގެ ފޯނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.

https://sun.mv/125527

ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިން އަށް ޅިޔަނު ކިޔާ ޝަޒައިލްއަށް މޯލްޑީވް ގޭހުގެ އެމްޑީގެ މަގާމު ހަވާލުކުރީ، މިދިޔަ ޖެނުއަރީ މަސް ތެރޭގަ އެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ. އެ ވެރިކަމުގައި އެންމެ ފަހުން ހުންނެވީ، ޓުރައަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ނަމަވެސް ސިޔާސީ ހިޔާލު ތަފާތުވުންތަކާއެކު ސައުދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން ޝަޒައިލް ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ޝަޒައިލްއަށް ގޭސްގެ އެމްޑީކަން ދިނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސުލޮޓެއްގަ އެވެ.

comment ކޮމެންޓް