ސައުދީގައި ބަހެއް އެކްސިޑެންޓްވެ 35 އުމުރާވެރިއަކު ނިޔާވެއްޖެ

ބަސް އެކްސިޑެންޓްވެ އަލިފާން ރޯވެފައި. -- ފޮޓޯ/ އަރަބް ނިއުސް

އުމުރާވެރިންތަކެއް ގޮވައިގެން މަދީނާ ކައިރިން ދަތުރުކުރަމުން ދިޔަ ބަހެއް، އެހެން ވެހިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި އަލިފާން ރޯވެ، 35 މީހަކު ނިޔާވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ނޫސް އެޖެންސީތަކުން ބުނި ގޮތުގައި، އުމްރާއަށް ގޮސް ތިބި ބޭރުގެ ބަޔަކު ގޮވައިގެން ދަތުރުކުރި އެ ބަސް އެކްސިޑެންޓްވީ މަދީނާގެ 170 ކިލޯ މީޓަރު ދުރުގައި އޮންނަ "ހިޖުރަ" ކިޔާ މަގެއްގަ އެވެ. ސައުދީ ގަޑިން ރޭ 7:00 އެހާކަން ހާއިރު ހިނގި އެ ހާދިސާގައި އެ ބަސް ގޮސް ޖެހިފައި ވަނީ، އެކްސްކަވޭޓަރެއްގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

އެ އެކްސިޑެންޓްގައި ބަހުގައި ތިބި 39 އުމްރާވެރިންގެ ތެރެއިން 35 މީހަކު ނިޔާވެފައިވާ ކަމަށް ވެސް ސައުދީގެ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ބުންޏެވެ. އަދި ސަލާމަތްވި މީހުންނަށް ވެސް އެކިވަރުގެ ޒަހަމްތަކާއި އަނިޔާތައް ވެފައިވާ ކަމަށް ބުންޏެވެ.

ނިޔާވެފައިވާ އެންމެންނަކީ ވެސް އުމްރާވުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ގޮސް ތިބި ބޭރު ގައުމުތަކުގެ މީހުން އެވެ.

އެ ބަހުގައި އެ ވަގުތު ތިބީ އޭޝިޔާ އާއި އަރަބި ބައެއް ގައުމުތަކަށް ނިސްބަތްވާ އުމްރާވެރިން ކަމަށް ސައުދީގެ ނޫސް އެޖެންސީތަކުން ބުންޏެވެ.

އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ހިމެނޭތޯ އިސްލާމިކް މިނިސްޓްރީއާ "ސަން"އިން ސުވާލުކުރުމުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ފޮރިން މިިނިސްޓްރީއިން ބުނީ އެކަހަލަ ރިޕޯޓެއް އަދި ނުލިބޭ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު