ގަދަ އަޅައި ކުރި މަސައްކަތުން ރަސަލް ވިދާލައިފި

އަހުމަދިއްޔާ ސްކޫލްގެ ސާނަވީ ބެސްޓް އޯލް ރައުންޑްގެ އިނާމް ރައީސް ނަޝީދު ރަސަލްއަށް އަރުވަނީ--- ފޮޓ: އަހުމަދިއްޔާ

މިދިޔަ ހޮނިހިރު ދުވަހު ނިމިގެން ދިޔަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާއިން ފެނުނު އެންމެ އަލިގަދަ އެއް ތަރިއަކީ އޭނާ އެވެ. ސާނަވީން ހޮވި "ބެސްޓް އޯލް ރައުންޑް"ވެސް ލިބުނީ ހަމަ އެ ދަރިވަރަށެވެ.

އަހުމަދު ރަސަލް ތަސްލީމަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ފަހުރުވެރިވާ ދަރިވަރެކެވެ. ގަދައަޅައި ކުރި މަސައްކަތުން ސްކޫލުގެ ނަން ރަސަލް ފަވައިދިނެވެ.

ރަސަލް ވަނީ ރާއްޖޭގެ އޯލެވެލްގެ ގައުމީ ގަދަ 10ގައި ތިން ވަނަ ހޯދައިފަ އެވެ. އޯ ލެވެލް އިމްތިހާންގައި ރަސަލް ވަނީ ހަ އޭ ސްޓާއާއި ދެ އޭ ހޯދައިފައެވެ.

އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގެ ތިންވަނައިގައި ހިމެނުނަސް ރަސަލް ގަދަ އަޅައި މަސައްކަތް ކުރީ އެއަށްވުރެ ރަނގަޅު ނަތީޖާއެއް ލިބޭތޯއެވެ. ނަމަވެސް ހިސާބުންނާއި އިސްލާމުން އޭ ސްޓޭ ނުލިބުމުން އެކަން ހާސިލް ނުވީއެވެ. ހިސާބަށް މޮޅު ރަސަލްއަށް އިމްތިހާން ތަންކޮޅެއް އުނދަގޫ ސުވާލެއް އޮތުމުން އެ ޕޭޕަރު ކުޑަކޮށް އުނދަގޫވިއެވެ.

އަހުމަދިއްޔާގެ އިނާމް ދިނުމުގެ ޖަލްސާގައި ރަސަލް---އަހުމަދިއްޔާ ސްކޫލްގެ ސާނަވީ ބެސްޓް އޯލް ރައުންޑްގެ އިނާމް ރައީސް ނަޝީދު ރަސަލްއަށް އަރުވަނީ--- ފޮޓޯ: އަހުމަދިއްޔާ

"ވަރަށް ބޮޑަށް ދެރަވެފައި ކަރުއެލިފަ ހުރީ. އެކަމަކު އެހެން ހުއްޓައި ލިބުނީ އެއަށްވުރެ އުފާވެރި ހަބަރެއް. ވޯލްޑް ޓޮޕް ލިބުނު ހަބަރު ދެން ލިބުނީ. ދެ މާއްދާއިން ދުނިޔެއިން އެއްވަނަ އަދި އެކައުންޓްސްއިން ތިންވަނަ ދުނިޔެއިން ލިބުނު. ބިޒްނަސްއާއި އިކޮޮނޮމިކްސްއިން ދުނިޔެއިން އެއްވަނަ ލިބުނީ. ރާއްޖޭގެވެސް ރެކޯޑެއް ދެ މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދުން. އަހުމަދިއްޔާގެވެސް ރެކޯޑެއް،" ރަސަލްގެ މަންމަ ބުންޏެވެ.

ކާމިޔާބީގެ އުހަށް ވާސިލްވުމަށް ދުރާލާ މަސައްކަތް ކުރި ކަމަށް ރަސަލް ބުންޏެވެ. އެގޮތުން ނިމިގެން ދިޔަ އަހަރު އޭނާ ވަނީ ހަ މާއްދާއިން ޓިއުޝަން ނަގައިފައެވެ.

ރަސަލްއަށް އިނާމް އަރުވަނީ ---- ފޮޓޯ: އަހުމަދިއްޔާ

ކިޔެވުމަށް އިންތިހާއަށް އަހައްމިއްޔަތުކަން ދިން ރަސަލްއަކީ އަހުމަދިއްޔާގެ ސީނިއާ ޕްރިފެކްޓެއްވެސް މެއެވެ. އޭގެ އިތުރުން ސްކޫލުގައި ބޭއްވި އިންގްލިޝް ލިޓެރަރީ އެކްޓިވިޓީސްގެ އިތުރުން އިންޓަނޭޝަނަލް ރޮބޮޓިކްސް ކޮންފަރެންސްގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ.

"ފްރީޓައިމްގައި ވަރަށް ކުޅިވަރުވެސް ކުޅެން. ބާސްކެޓްވެސް ކުޅެން. ދެން ބާސްކެޓްގެ ހައިލައިޓްސް ހެނދުނު ބަލާ ބިރުވެރި ވާހަކަ ފޮތްވެސް ކިޔަން." ރަސަލް ބުންޏެވެ.

ރަސަލްއަށް އިނާމް އެރުވުމަށްފަހު--- ފޮޓޯ: އަހުމަދިއްޔާ

އޯ ލެވެލްގައި ހޯދި ފޮނި ނަތީޖާއާއެކު ރަސަލް މިހާރު އަތުކުރި އޮޅާލައިފައި ހުރީ ކުރިއަށް އޮތް އޭލެވެލް އިމްތިހާނުގައިވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށެެވެ. އޭގެ އިތުރުން މުސްތަގުބަލުގައި ރަނގަޅު ކެރިއަރެއް ބިނާކުރު މަކީވެސް އޭނާ ދެކެމުން އަންނަ އިތުރު ހުވަފެނެކެވެ.

"އޮޑިޓާއަކަށް ވާން ބޭނުންވަނީ. ކުރީ އަހަރު ދިޔައިން އޮޑިޓާ ޖެނެރަލް އޮފީހަށް އެއްމަހުގެ ވާކް އެކްސްޕީރިއަންސްއަށް." ރަސަލް ބުންޏެވެ.

comment ކޮމެންޓް