ޓްރަމްޕްގެ ކުރުދީންނަށް: ޕީކޭކޭ އައިސިސްއަށް ވުރެ ނުބައި

ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންތަކެއް---

ތުރުކީގައި ހަރަކާތްތެރިވާ ކުރުދީންގެ ހަނގުރާމަވެރި ގްރޫޕް ޕީކޭކޭއަކީ ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތަށްވުރެވެސް ނުބައިކަން ބޮޑު ގްރޫޕެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފައެވެ.

ޕީކޭކޭ ހަނގުރާމަވެރި ގްރޫޕާ ސީރިއާގައި ހަރަކާތްތެރިވާ ކުރުދީންގެ އެސްޑީއެފް ގްރޫޕާ ގުޅުން އޮންނަަކަމަށް ތުރުކީން ބުނެއެވެ.

އެމެރިކާއިން ދާދި ފަހުން ވަނީ އެގައުމުގެ ސިފައިން ސީރިއާއިން ބާލަން ފަށައިފައެވެ. އެއާއެކު ތުރުކީން ވަނީ ސީރިއާގައި ހަރަކާތްތެރިވާ ކުުރުދީންނާ ދެކޮޅަށް ބޮޑު މިލިޓަރީ އޮޕަރޭޝަނެއްވެސް ފަށައިފައެވެ.

ސީރިއާއިން އެމެރިކާގެ ސިފައިން ބާލައި ކުރުދީން، ތުރުކީގެ ހަމަލާތަކުގެ ޝިކާރައަކަށް ވާން ދުކޮށްލުމުން އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް އަދި ޓްރަމްޕް ނިސްބަތްވެެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންވެސް އެކަމަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ނަމަވެސް އެ ނިންމުން ދިފާއުކުރައްވައި ޓްރަމްޕް ވިދާޅުވީ ކުރުދީންނަކީ މީހުން ހީކުރާ ފަދަ ހުދު ކާފޫރެއް ނޫން ކަމަށެވެ.

" ތުރުކީއާ ސީރިއާއިން ކުރާ ހަނގުރާމައެއްގެ ތެރެއަށް ނުވަންނާނަނ. ހާއްސަކޮށް ބުނަން ކުރުދީންނަކީ މީހުން ހީކުރާ ފަދަ ހުދުކާފޫރު ބައެއް ނޫން. ޕީކޭކޭއާއި އައިސިސްއާ އަޅައިބަލާއިރު ޕީކޭކޭ މާ ވަރުގަދަ. ހުދު އައިސިސްއިންވެސް ޕީކޭކޭއަށް އިހްތިރާމްކުރަނީ އެހެންވެ." ޓްރަމަޕް ވިދާޅުވިއެވެ.

ސީރިއާގައި ކުރުދީން ހަރަކާތްތެރިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ އައިސިސް ހަނގުރާމަވެރިން ޖަލުގައިވެސް ބަންދުކޮށްފައި އެބަތިއްބެވެ. ނަމަވެސް ތުރުކީން އެ ސަރަހައްދަށް ހަމަލާ ދޭން ފެށުމާއެކު އައިސިސްގެ ބައެއް ހަނގުރާމަވެރިން ވަނީ ޖަލުތަކުން ފިލައިފައެވެ. ކުުުރުދީން ޖަލުތަކުން އައިސިސް ހަނގުރާމަވެރިން ގަސްދުގައި ދޫކޮށްލަމުންދާކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފައެވެ. ޓްރަމްޕް ވިދާޅުވީ ކުރުދީން އެކަން ކުރަނީ ބައިނަލްއަގުވާމީ ދުނިޔޭގެ ހަމްދަރުދީ ހޯދަން ކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ ސީރިއާއަށް ވުރެ އެމެރިކާގެ ބޯޑަރު ސަރަހައްދުތައް ރަަނގަޅަށް ބެެލެހެއްޓުން މާ މުހިންމު ކަމަށެވެ.

ތުރުކީން ސީރިއާގެ ކުރުދީންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފް އެތަކެއް އަމަލްތަކެއް ދަނީ ހިންގަމުންނެވެ. ހަމައެފަދައިން ކުރުދީންވެސް ސީރިއާގެ އުތުރުގައި އުޅޭ އަރަބިންނާއި އަސީރިއަން ކްރިސްޓިއަން ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފް އެތަކެއް އަމަލުތަކެއް ހިންގައެވެ.

comment ކޮމެންޓް