ސެޓެލްމަންޓް ކޮމެޓީގެ މަސައްކަތް ހާމަކުރަން ޖެހޭ: ޓްރާންސްޕޭރަންސީ

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެކްޓިން އެގްޒެކެޓިވް ޑިރެކްޓަރު އައިމަން ރަޝީދު: ސެޓަލްމެންޓް ކޮމެޓީގެ މަސައްކަތް ދެފުށްފެންނަ ގޮތަށް ހާމަކުރުމަށް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލާފައި --- ފޮޓޯ/ ރާއްޖެ އެމްވީ

ކޯޓުން ބޭރުގައި ހައްލު ކުރަން ޖެހިފައިވާ، ސަރުކާރު ޝާމިލުވާ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި އުފެއްދި ސެޓަލްމެންޓް ކޮމެޓީގެ މަސައްކަތް ދެފުށްފެންނަ ގޮތަށް ހާމަކުރުމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމްއިއްޔާއެއް ކަަމަށްވާ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ފަހަކަށް އައިސް ސަރުކާރުން ދަނީ، ކުރީ ސަރުކާރުން ގަވާއިދާ ޚިލާފަށް އެގްރިމަންޓްތައް އުވާލައިފައިވާ ކަމަށްބުނެ ސިއްސައިގެންދާފަދަ ބޮޑެތި އަދަދުތަކުން ބައެއް ކުންފުނިތަކަށް ބަދަލު ދެމުންނެވެ.

އޭގެ ތެރޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ހެދުމަށް ހަވާލުކުރި ނެކްސްބިޒް ކުންފުނީގެ އެއްބަސްވުން 2013 ގައި އުވާލި މައްސަލައިގައި، ދިވެހި ސަރުކާރުން ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި 280 މިލިއަން ރުފިޔާ އާއި، ޑަބްލިއުއެލްޓީ ކުންފުންޏަށް ދައްކަން ޖެހުނު 130 މިލިއަން ރުފިޔާ އާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުންޏަށް ދޭން ޖެހުނު 800 މިލިއަނެއްހާ ރުފިޔާ ހިމެނެ އެވެ.

ސެޓަލްމެންޓް ކޮމިޓީއަށް ހުށަހެޅޭ މާލީ ލިޔެކިޔުންތައް އޮޑިޓްކޮށް، ގެއްލުމުގެ މިންވަރު ދެނެގަނެ، ބަދަލުގެ ގޮތުގައި ލިބެން ޖެހޭ މިންވަރު އެކަށެއެޅުމަށްޓަކަައި މިނިވަން އޮޑިޓް ފާމްތައް އައްޔަން ކުރަން އޮޑިޓާ ޖެނެރަލް އޮފީހުން މިހާރު ވަނީ ނިންމައިފައެވެ.

ސެޓަލްމެންޓް ކޮމެޓީގެ މަސައްކަތް ދެފުށްފެންނަ ގޮތަށް ހާމަކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިރޭ ކުރި ޓްވީޓެއްގައި ހަތަރު ކަމަކަށް ވަނީ ގޮވާލައިފައެވެ.

އޭގެ ތެރޭގައި އޯލްޓަނެޓް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ކޮމެޓީގެ މަސައްކަތާއި ހިންގުން ހާމަކޮށް ކޮމެޓީ ހިންގުމުގައި ޖަވބާބުދާރީ ކުރަނިވި އުސޫލުތަކެއް ތަންފީޒްކުރުމަށް ވަނީ ގޮވާލައިފައެވެ.

އޭގެ އިތުރުން އެފަދަ ގެއްލުން ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައި ނުވާނެކަން ޔަގީންކުރުމަށް އަޅާ ފިޔަވަޅުތައް އިސްނެގުމާއެކު ހާމަކޮށް ގެއްލުން ލިބޭގޮތަށް އަމަލުކޮށްފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށްވެސް ޓްރާންސްޕޭރަންސީން ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް