އާބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވަދޫ ތަރައްގީ ކުރާނަން: ރައީސް

ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

އާބަން ސެންޓަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ތަރައްގީކުރަން ނިންމަވާފއިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުޑަހުވަދޫއަކީ ރައްޤީގެ މަސްރޫޢުތައް ހިންގުމަށް ފައްކާވެފައި އޮތް ރަށެއް ކަމަށެވެ.

އެގޮތުން އެރަށުގައި ވަސީލަތްތައް އެބަހުރި ކަމަށާއި އެކަށީގެންވާ އާބާދީއެއްވެސް އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ކުޑަހުވަދޫގައި މިހާރުވެސް ރަޖިސްޓްރީއަށްވުރެ ގިނަ މީހުން އެރަށުގައި ދިރިއުޅެމުން ދާ ކަަމަށާއި މަސްވެރި އަދި ފަތުރުވެރިކަންވެސް އެ އަތޮޅުގައި ފުޅާކޮށް އެބައޮތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭނުގައި މި ސަރަޙައްދުގައި ގާއިމުކުރެވޭ އާބަން ސެންޓަރެއްގެ ގޮތުގައި އަޅުގަނޑުމެން މި ރަށް ތަރައްގީ ކުރާނަން. އަދި އެފަދަ އާބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އިރާދަކުރެއްވިއްޔާ މިރަށުގައި ގާއިމު ކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

އާބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވަދޫ ތަރައްގީވެގެން ދާއިރު ހޮސްޕިޓަލް ތަރައްގީކުރުމުގެ އިތުރުން ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، މަގުތައް ހެދުމާއި، ފެރީ ޓާމިނަލް ހެދުމާއި، އެމިރަށަށް ބޭނުންވެފައިވާ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓާއި، އަދި މި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެގޮތްތައް އިންތިޒާމު ކުރެވިގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އެ ރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސައި އެރަށުގައި ޒޯން ސްޓޭޑިއަމެއް ރަނގަޅަށް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ތެރެއިން ގިނަ މަސައްކަތްތަކަކީ އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށްގެންދެވޭނެ މަސްރޫޢުތަކެއް ކަމުގައިވެސް އަޅުގަނޑު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް 50 އަހަރު ފުރިގެން އެކަން ފާހަގަކުރިޔަސް، އެންމެ އެކަށީގެންވާ ފެންވަރަށް އަދިވެސް ސިއްހިީ ހިދުމަތް ލިބެން ނެތްކަމަށާއި އެކަމުގައި ވަރަށް ގިނަ ދަތިތައްވެސް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ވަސީލަތްތަކުގެ ދަތިކަމާއި ޖާގައިގެ ދަތިކަމާއި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަންވެސް އިންތިހާއަށް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތީ، މި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަސްތަކެއް. މި ހޮސްޕިޓަލުގެ އާ ޢިމާރާތް ފަރުމާކޮށް ނިމި، އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ވަނީ ބަޖެޓްކުރެވިފައި. އެހެންވީމާ، މިހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން ރާވާފައިވާ ގޮތަށް ކުރިއަށް ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މުޅި ކުޑަހުވަދުއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެމަޖެންސީ ހާލަތުގައި މާލެއަށް ގެންދަންޖެހޭ ބަލިމީހާ ގެންދިޔުމަށް ހުރި ދަތިތައް ކަމަށެވެ.

ހާއްސަކޮށް، ވައިގެ މަގުން ބަލިމީހާ މާލެއަށް ގެންދިޔުމުގައި ދަތިތައް އެބަހުރި ކަމަށާއި އެކަމަށް އަވަސް ހައްލެއް ގެނައުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

comment ކޮމެންޓް