ކޯޓުތަކުގެ ހުކުމް ކެެނެރީގެއިން ޕްރިންޓްވެގެން އަންނާކަށް ޖާގައެއް ނުދޭނަން: ޕީޕީއެމް/ ޕީއެންސީ

ޕީޕީއެމް- ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ކޯޓުތަކުގެ ހުކުމަކީ ކެެނެރީގެއިން ޕްރިންޓްވެގެން އަންނަ ހުކުމަށްވުމަށް ޖާގައެއް ނުދޭނެކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިރޭ ބޭއްވި ނިއުސްކޮންފަރެންސްއެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ދެއްކެވި ވާހަކައިގައި ވަނީ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ ތެރެއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒުފޯރުވާކަމަށް ތުހުމަތު ކުރައްވާފައެވެ.

"މި ޕާޓީގެ ނާއިބު ރައީސުންގެ އަތުގައި އެބަހުއްޓޭ އެ މައުލޫމާތު އެމަނިކުފާނު ސީދާ އަތް ބާނާފައި ހުކުމްތެރެއަށް ވަކިގޮތަކަށް މައްސަލަ ނިންމުމަށް. ޓެކްސްޓް ކުރައްވަނީ، މެސެޖު ކުރައްވަނީ. އެހެންވީމާ މިއޮތީ އަޅުގަނޑުމެންގެ ވެރިކަމުގައި އޮތް އިރު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ތުހުމަތުކުރި ޖުޑިޝަރީއަށް އަޅުގަނޑުމެން އަތްބާނާ ވާހަކަ،" ޝުޖާ ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުން އަމަލު ކުރަމުންދަނީ ރައީސް ނަޝީދު އަމަލުކުރައްވާ ގޮތަށް ކަމަށް ސުޖާއު ތުހުމަތު ކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މި ދަންނަވަނީ ކެނެރީގޭ ތެރެއިން ކޯޓުތަކުން ނިންމާ ނިންމުން ނުވަތަ ހުކުމް ޕްރިންޓްވެގެން އަންނަތަނަކަށް ކެނެރީގެވާކަށް އަޅުގަނޑުމެންނެއް ޖާގައެއް ނުދޭނަމޭ،" ޝުޖާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ބެލުމުގެ އެއްވެސް ހައްގެއް ޖޭއެސްސީއަށް ލިބިގެންނުވާ ކަމަށާއި އެ ކޯޓުން ނިންމާ ނިންމުންތަކުގެ މައްސަލަތައް ބެލެންޖެހޭނެ ކަމަށް ޖޭއެސްސީގެ މެމްބަރުންނަށް ގަބޫލުކުރެވޭނަމަ އެ މައްސަލަ ބަލަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު އެންމެ ބޮޑަށް ބަލަންވީ ކަމަކީ ކޯޓެއްގެ ފަނޑިޔާރަކު ވަގަށް ނެގި މައްސަލަ އެބަޖެހޭ އަލުން އަނބުރާ ބަލަން. އަޅުގަނޑުމެން މިއަދު ގޮވާލަނީ ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ބަސްކިޔާ ފަރާތަކަށް ޖޭއެސްސީ ވާކަމަށް ވެއްޖިއްޔާ މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވަނީ އެ ފަނޑިޔާރުގެ ހައްގު ހޯދަން. އެ މައްސަލަ އެބަ ބެލެންޖެހޭ،" ޝުޖާއު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ގޮތުން ޖޭއެސްސީން އަންނަނީ ސުލޫކީ މައްސަލަތައް ބަލައި ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންނެވެ. އެކަމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ ފަނޑިޔާރުންގެ ކަރަށް މަޅި އަޅުގައި ޖޭއެސްސީން ބޭނުންވާގޮތަކަށް ކަންތައްތައް ކުުރުމަށް އެ މަޅި ބާރުކުރަމުންދާ ކަމަށެވެ.

ޝުޖާއު މިހެން ވިދާޅުވިއިރު، ގާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އޭގެތެއިން އެއް މައްސަލަ ބަލައި މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ. އެއީ ސިވިލް ކޯޓުގައި އޮތް ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓުން ގެންގޮސް، އެ މައްސަލާގައި އިންސާފު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅި މީހުންނަށް އިންސާފު ލިބުމަށް އޮތް މަގުތައް ސުޕްރީމް ކޯޓުން ބަންދުކުރި މައްސަލައެވެ. އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ނިންމީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އަދި އެ ކޯޓުގެ އިތުރު ދެ ފަނޑިޔާރަކަށް ނަސޭހަތް ދިނުމަށެވެ.

އެ މައްސަލައިގައި ނަސޭހަތް ދިނުމުގެ ލިޔުން ފޮނުވުމުން އުއްތަމަ ފަނޑިޔާރު ވަނީ އެ ލިޔުމާ ހަވާލުވެވަޑައިގަތުމަށް ދެކޮޅު ހައްދަވައިފައެވެ.

މީގެއިތުރުން އުއްތަމަ ފަނޑިޔާރުގެ އިތުރު މައްސަލައެއް ބެލުމަށް އެ ކޮމިޝަނަށް ހާޒިރުވުމަށް އެމަނިކުފާނަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޮމިޝަނަށް ލިބިގެންނުވާކަމަށް ބަޔާން ކުރައްވައި ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ސިޓީއެއް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

comment ކޮމެންޓް