ލިވިން ބްރޯކް އިން މާލެ: ކުޑަކުޑަ ބަދިގޭގެ ތަރުތީބު ގެއްލުވާނުލާތި

ބަދިގެއަކީ ގެއެއްގެ ހިތެވެ. ބަދިގެ ސާފުވެފައި، ތަރުތީބުނަމަ އެ ގެއެއްގެ މަލަމަތި އެ ރަނގަޅުވީ އެވެ. އެކަމަކު ކުޑަކުޑަ ޖާގަތަކުގައި ގެންގުޅޭ ހުރިހާ ސާމާނެއް "ފިޓު" ކުރާނެހާ ތަނެއް މިއަދު މާލޭގައެއް ނެތެވެ. ދެން މިޖެހެނީ ގެންގުޅޭ ސާމާނު ވީހާވެސް މަދުކޮށް، ގިނަ ކަންކަމަށް ބޭނުންކުރެވޭނެހެން ގަންނާށެވެ. މިއީވެސް ވަކި ފަސޭހަކަމެއް ނޫނެވެ.

މިފަހަރުގެ "ލިވިން ބްރޯކް އިން މާލޭ"ގެ އެޕިސޯޑުގައި، ބްރޯކްއޭސްއެމްވީއިން މި ކިޔާދެނީ ކުޑަ ބަދިގެތަކުގައި ޖާގަ ސަލާމަތްކޮށް، ރީތިކޮށް އެއްޗެހި ތަރުތީބުކޮށްލާނެ ގޮތްތަކެވެ.

1. ހަވާދާއި ހާބްސް ކުދި ފުޅިއަށް

ދިވެހި ބަދިގެއެއް ހަވާދުގެ ބާވަތްތަކާއި ނުލާ ފުރިހަމައެއް ނުވާނެއެވެ. އަސޭމިރުހާއި، ތެޅިމިރުހާއި، ދިރި، ކުކުޅު ހަވާދު، ރީނދޫ މިހެން ގޮސް ހުރިހާ ހަވާދެއް ގަންނަން ލިބެނީ އެކި ސައިޒުގެ ޕެކެޓުގައެވެ. އެއްފަހަރުން ހުސް ނުވާ މިފަދަ ތަކެތި ކަނޑާފައި ބަދިގޭގެ އެތަން މިތަނުގައި ބަހައްޓައިގެން ގިނަ ފަހަރަށް ތަންތަނަށް އެޅެއެވެ. އޭގެ ބަދަލުގައި ފުޅި ނުވަތަ ކޮންޓެއިނަރަށް މިތަކެތި އަޅާފައި ބަހައްޓާށެވެ. މިއީ ކެއްކުމުގައި އެންމެ ގިނައިން ބޭނުންކުރާ ތަކެތި ކަމުން، ވީހާވެސް ފަސޭހައިން އަތުޖެހޭ ހިސާބެއްގައި ބެހެއްޓުން ބުއްދިވެރިއެވެ. އަދި ފުޅި ނުވަތަ ކޮންޓެއިނަރުގެ ބޭރުގައި ލޭބަލް ޖަހައި ހަރުކޮށްލުމުން ވަކިކުރަންވެސް ފަސޭހަވާނެއެވެ.

ބަދިގޭގައި ތަކެތި ތަރުތީބުކުރާނެ ގޮތް -- ސަން ފޮޓޯ

2. ހަނޑޫ، ހަކުރު، ފުށް ބޮޑެތި ޖާރއަށް

ހަނޑޫ، ހަކުރު އަދި ފުށަކީ ދިވެހީންގެ "ސްޓޭޕަލް ފުޑް"އެވެ. ހުރިހާ ގެއެއްގައި މިތަކެތި ހުންނާނެއެވެ--ނަމަވެސް އެކި ގޭގޭގެ ނިސްބަތުން، ތަކެތި ގެންގުޅޭ މިންވަރު ތަފާތުވާނެކަން ޔަގީނެވެ. ދެ މީހަކު އުޅޭ ގެއަކަށް އެހާ ބައިބަރު ބޭނުމެއް ނުވާނެއެވެ. އެހެންކަމުން، ހަނޑުލާއި ހަކުރާއި ފުށް ފަދަ ތަކެތި ރައްކާކުރެވޭ ވަރަށް ގަނެފައި، މިފަދަ ބޮޑެތި ފުޅި (ޖާރ)އަށް އާޅާފައި ބެހެއްޓިދާނެއެވެ.

3. ތެއްޔާއި ތަވާ

މިއީ ވަރަށް އުނދަގޫ ކަމެކެވެ--ތަފާތު އެއްޗެހި ކެއްކުމަށް ތަފާތު ސައިޒާއި ބައްޓަމުގެ ތެއްޔާއި ތަވާ ހުންނައިރު، މި ހުރިހާ އެއްޗެއް ބަހައްޓާނީ އަޅެ ކިހިނެއް ހެއްޔެވެ؟ ޕިންޓްރެސްޓުން ފެންނަހާ ސަޅި ގޮތަކަށް އެއްޗެހި އަތުރާލަން ކިތަންމެ ހިތްއެދުނަސް ޖާގަ ނެތީއެވެ. ނުވަތަ ކުއްޔަށް އުޅޭ އެޕާޓްމެންޓުގައި އެގޮތްގޮތަށް ބަހައްޓަން ހުއްދަ ނުލިބުނީއެވެ. ހާސްވާނެ ކަމެއް ނެތެވެ--ވީޑިއޯއިން ފެންނަ ފަދައިން، އެއް ތެލި މައްޗަށް އަނެއް ތެލި ލައި ތަރުތީބުކޮށްލެވޭނެއެވެ. އަދި ތެއްޔާއި ތެލީގެ މަތި ބަހައްޓަން ވީޑިއޯގައި ފެންނަ ފަދަ ހޯލްޑަރުތަކެއްގެ ބޭނުން ހިފާށެވެ. ކުޑަ ޖާގައިގައި ފަސޭހައިން ގެންގުޅެވޭހެން ތަކެތި އިސާހިތަކު ތަރުތީބުކޮށްލެވުނީއެވެ.

ބަދިގޭގައި ތަކެތި ތަރުތީބުކުރާނެ ގޮތް -- ސަން ފޮޓޯ

4. ތަށި "ސްޓެކު"ތަކެއް

ގޭގައި އެންމެ ދެ މީހުން އުޅުނަސް ކާން ގެންގުޅޭނީ އެންމެ ދެ ތައްޓެއް ނޫނެވެ. ރޯދަ ވީއްލުމަށާއި ކެއުންތަކަށް މެހެމާނުން ގެއަށް ގެންނަ އިރު އެމީހުންނަށްވެސް ސާވްކުރަން ތަށި ގެންގުޅެންޖެހެއެވެ. ކެއިން ބުއިމަށްވެސް ތަފާތު ސައިޒާއި ބައްޓަމާއި ވައްތަރުގެ ތަށި ހުންނަ އިރު، މިފަދައިން "ސްޓެކް"ކޮށްލެވިދާނެއެވެ--ވަރަށް ބޭސިކް ކަމެއް ނޫންތޯއެވެ؟ އިތުރު ޖާގަ ހެދޭނެހެން ކުޑަ ޝެލްފުކޮޅެއްވެސް ބެހެއްޓިދާނެއެވެ.

ބަދިގޭގައި ތަކެތި ތަރުތީބުކުރާނެ ގޮތް -- ސަން ފޮޓޯ

5. ކޮންޓެއިނާސް

ބަދިގެތެރޭގައި އެކި ކާތަކެތި އަޅައި، މަތިޖަހާފައި ރައްކާތެރިކުރުމަށް، ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމަށް އެންމެ ބޭނުންތެރި އެއްޗަކީ ފުޑް ސްޓޯރޭޖް ކޮންޓެއިނާސްއެވެ. އެހެންކަމުން މިތަކެތިވެސް ބަދިގެތެރޭގައި ތަރުތީބުކޮށްފައި ބަހައްޓަން އެބަ ޖެހެއެވެ. މިކަން ކުރެވިދާނެ އެއް ގޮތަކީ ހެޔޮވަރު ވަރެއްގެ ބާސްކެޓެއްގައި އެތަކެތި އަޅާފައި ބެހެއްޓުމެވެ. މިފަދައިން ބަހައްޓާއިރު، ބޮޑެތި ކޮންޓެއިނަރުތަކުގެ ތެރެއަށް ކުދި ކޮންޓެއިނަރު ލުމުން ޖާގަ އިތުރަށް ސަލާމަތްވެއެވެ.

ކޮންމެއަކަސް، ބަދިގެތެރޭގެ ތަރުތީބު ގެއްލި، ސާފުތާހިރުކަން ނެތިއްޖެނަމަ ކައްކާ އެއްޗެހީގެ ރަހައަށްވެސް އަސަރުކޮށްފާނެއެވެ. ނުވަތަ އެކި ފާޑުގެ ސޫފިތައްވެސް ބަދިގެއިން ފެނުން އެކަށީގެންވެއެވެ. އެހެންކަމުން ބަދިގޭގެ ސާފުތާހިރުކަމާއި ތަރުތީބުކަން ވަރަށް މުހިންމެވެ.

comment ކޮމެންޓް