ތުރުކީގައިވާ އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުތައް، އުރުދުޣާންވަނީ ރަހީނުކޮށްފާ: ނިއުޔޯކް ޓައިމްސް

ވޮޝިންޓަން (އޮކްޓޯބަރު 16) : ތުރުކީ ސިފައިން ސޫރިޔާގެ އިރުއުތުރަށް އަރައި ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެމެރިކާއާއި ތުރުކީގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެ ތުރުކީގައިވާ އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުތައް ތުރުކީ ސިފައިން އަތްދަށުލައި ރަހީނުކޮށްފައިވާ ކަމަށް ނިޔުޔޯކް ޓައިމްސް ބުނެފިއެވެ.

އެނޫހުގެ ބައިނަލްއަގްވާމީ ކަންތައްތަކާބެހޭ މަޝްހޫރު ލިޔުންތެރިޔާ އެޑަމް ޓެއިލާ ލިޔުއްވާފައިވާ ގޮތުގައި އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގާބިލްކަން ތުރުކީއަށް ވަރަށް ބޮޑެވެ. މީގެތެރޭގައި ތުރުކީއަކީ ނޭޓޯގެ ގައުމަކަށްވުމާއި އެމެރިކާ ބޭނުންކުރުމަށް ދީފައިވާ ތުރުކީގެ އިންޖްރިލިކް ވައިގެ ބޭހުގައި އެމެރިކާ ރައްކާކޮށްފައިވާ ގިނަ އަދަދެއްގެ ނިއުކްލިޔާ ހަތިޔާރު ތުރުކީ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވުމާއި އެމެރިކާގެ ހަތިޔާރުގެ ބަދަލުގައި ރަޝިޔާގެ ހަތިޔާރުގަނެ އެމެރިކާއަށް ބިރު ދެއްކުމުގެ ފުރްސަތު ތުރުކީއަށް ލިބިފައިވުން ހިމެނެއެވެ.

ނިޔުޔޯކް ޓައިމްސް އެޑަމް ޓެއިލާ ލިޔުއްވާފައިވާ މަޒްމޫނެއްގައިވަނީ ތުރުކީގެ އިންޖްރިލިކް ވައިގެ ބޭހުގައި އެމެރިކާއިން ރައްކާކޮށްފައިވާ 50 އަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރުގެ ކޮންޓްރޯލް ތުރުކީ ސިފައިން އަތުލާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. މިކަން އެޑަމް ކަށަވަރުކޮށްދެއްވާފައިވަނީ ނަންހާމަކުރަންނޭދޭ އެމެރިކާގެ ޖާސޫސީ ސިއްރު ސޯސް އަކާ ހަވާލާދީއެވެ.

އިންޖްރިލިކް ވައިގެ ބޭހުގައި އެމެރިކާއިން 50 އަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ރައްކާކޮށްފައިވަނީ ތުރުކީ ސިފައިންނަކީ ނޭޓޯގައި ހިމެނޭ ބައަކަށްވާތީ ތުރުކީ ސިފައިންގެ އެހީގައެވެ. އެހަތިޔާރު ބެހެއްޓުމަށްޓަކައި އެމެރިކާގެ މަދު އަދަދެއްގެ އަސްކަރީ މުސްތަޝާރުން ފިޔަވައި އިންޖްރިލިކް ވައިގެ ބޭހުގައި ތިބެނީ އެމެރިކާގެ މަދުއަދަދެއްގެ ސިފައިންނެވެ. އެހެންކަމުން ތުރުކީގައި އެމެރިކާ ރައްކާކޮށްފައިވާ ނިއުކްލިޔާ ހަތިޔާރަށް އެމެރިކާއަށް އެކްސެސްވެވެނީ ތުރުކީ ސިފައިންގެ ބެލުމުގެ ދަށުންކަމަށާ ތުރުކީ ސިފައިން ސޫރިޔާއަށް ދޭ ހަމަލާތަކާ ގުޅިގެން އެމެރިކާއިން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއްޔެ އެޅުމުން ތުރުކީގައިވާ އެމެރިކާގެ ނިއުކްލިޔާ ހުރިހާ ހަތިޔާރެއް ތުރުކީ ސިފައިންވަނީ އެމެރިކާގެ ބާރު ނުހިނގާގޮތަށް ރަހީނުކޮށްފައި ކަމަށް އެމެރިކާގެ ޖާސޫސީ ސިއްރު ސޯސް އަކާ ހަވާލާދީ ނިޔުޔޯކް ޓައިމްސް ބުނެއެވެ.

80 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އަސްކަރީ ގޮތުން ބާރުގަދަ ތުރުކީއަކީ ނޭޓޯގެ ގައުމުތަކުގެ ތެރެއިން އެމެރިކާ ފިޔަވައި އެންމެބޮޑު ސިފައިންގެ ލަޝްކަރު އޮންނަ ގައުމެވެ. ތުރުކީ ސިފައިންނަކީ ޒަމާނީ ބަރު ހަތިޔާރު ލިބިފައިވުމުގެ އިތުރުން ހަނގުރާމައިގެ ވަރުގަދަ ތަމްރީނާއި ތަޖްރިބާއާއި ލިބިފައިވާ ބައިމިލިޔަނެއްހާ ސިފައިން ތިބި ލަޝްކަރެއްކަމަށްވެފައި ތުރުކީއަކީ އަމިއްލައަށް ހަތިޔާރު އުފައްދާ ގައުމަކަށްވާތީ ތުރުކީއާ އަސްކަރީ ގޮތުން ކުރިމަތިލައިގެން ކާމިޔާބު ހޯދުމަކީ އެމެރިކާއަށް ކުޅަދާނެކަމެއްނޫނެވެ.

މިިދޔަ ބުރާސްފަތި ދުވަހު ތުރުކީ ސިފައިން ސޫރިޔާގެ އިރުއުތުރަށް އަރައި ހަނގުރާމަ ފެށުމުން އެމެރިކާވަނީ ސޫރިޔާގެ އުތުރުގައިވާ އެމެރިކާ ސިފައިންގެ ސަލާމަތަށްޓަކައި އެމެރިކާ ސިފައިން ބަލާފައެވެ. އަދި ޓްރަމްޕް ވަނީ ތުރުކީ ސިފައިންނާ ކުރިމަތިލައިގެން ސޫރިޔާގެ ކުރުދީން ދިފާއުކުރުމަކީ އެމެރިކާއަށް ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވެ ތުރުކީގެ ޝިކާރައަކަށްވުމަށް (އެމެރިކާގެ ބައިވެރިން ކަމަށްވާ) ކުރުދީން ދޫކޮށްލާފައެވެ.

ތުރުކީ ސިފައިން ސޫރިޔާގެ އިރުއުތުރަށް އަރައި ހަނގުރާމަކުރާ މައްސަލާގައި އެމެރިކާއިން ތުރުކީއާ ދެކޮޅަށް އިއްޔެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން އުރުދުޣާން ވަނީ ރުޅިވެރިކަން ފާޅުކުރައްވައި ރައްދުގައި އެމެރިކާ ޖެހިލުންވާވަރުގެ ފިޔަވަޅުތަކެއް އެމެރިކާއާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.

comment ކޮމެންޓް