ޝެއިޚް ކަމާލް ކަޕުގައި ވާދަ ކުރުމަށް ޓީސީ ބަންގްލަދޭޝްއަށް ފުރައިފި

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަންނަ ހަފްތާގައި ފަށާ ޝެއިޚް ކަމާލް ކަޕުގެ ޑިފެންޑިންގް ޗެމްޕިއަން ޓީސި ސްޕޯޓްސް ކުލަބު، އެ މުބާރާތުގައި މިފަހަރުވެސް ވާދަ ކުރުމަށް ބަންގްލަދޭޝްއަށް ފުރައިފި އެވެ.

މިއީ ޝެއިޚް ކަމާލް ކަޕް ބާއްވާ ތިން ވަަނަ ފަހަރެވެ. ފުރަތަމަ ތަށި 2015 ވަނަ އަހަރު ޗިޓަގޮން އަބާހާނީން ހޯދިއިރު، މީގެ ދެ އަހަރު ކުރިން 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ތަށި އުފުލާލީ ޓީސީންނެވެ. ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ޓީސީން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދެކުނު ކޮރެއާގެ އެފްސީ ޕޮޗެއޮން ބަލިކުރުމަށް ފަހު އެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިފަހަރު ޓީސީއާއި އެއް ގުރޫޕެއްގައި ދެން ހިމެނެނީ އިންޑިއާގެ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އާއި ލާއޯސްގެ ޗެމްޕިއަން ޔަންގް އިލެފަންޓް އެފްސީ އެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ދެން އޮތް ގުރޫޕުގައި ހިމެނެނީ ބަންގްލަދޭޝްގެ ޗެމްޕިއަން އަދި ރާއްޖޭގެ ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން އިރުޝާދުދެމުން އަންނަ ބަޝުންދުރާ ކިންގްސް، ޑާކާ އަބަހާނީ، އިންޑިއާގެ ޗެއްނާއީ ސިޓީ އެފްސީގެ އިތުރުން މެލޭޝިއާ ސުޕަ ލީގުގެ ޓެރެންގަނޫ އެފްސީ އެވެ.

މުސާރަ ނުދޭ މައްސަލައިގައި ޓީސީގެ ގޯލުން މި ސީޒަނުގައި ފެނުނު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ޓީސީއާ އެކު ބަންގްލަދޭޝްއަށް ދަތުރުކޮށްފައި ނުވި ނަމަވެސް ޓީސީ މާލޭ ބަސް ޓާމިނަލުން ނައްޓާލަންދެން އޭނާ ވަނީ ޓީމަށް ހިތްވަރު ދިނުމުގައި ހަރަކާތްތެރިވެފަ އެވެ. އަދި ޓީސީން މި ސީޒަން ފެށުނު އިރު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި މުހައްމަދު އާތިފް (އާތީ) ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިނުމާ ގުޅިގެން މި މުބާރާތަށް ޓީމުގެ ކޯޗެއްގެ ގޮތުގައި ގޮސްފައި ވަނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލީ ހާލަތު ދަށްވެ ކުޅުންތެރިންނަށް އަންނަ ސީޒަން ފެށުމުގެ ކުރިން ދަރަނި ނުދެއްކިއްޖެ ނަމަ ޓީސީ ފުރަތަމަ ޑިވިޝަނުން ނުފެންނާނެ ކަމަށް އެ ކުލަބުގެ ފައުންޑަރ އަހުމަދު ނަޝީދު (ޑޭވް) ވަނީ ބުނެފަ އެވެ. އޭނާ ބުނީ ޝެއިޙް ކަމާލް ކަޕުގައި ވާދަ ކުރުމަށް ޓީސީން މިފަހަރު ނިންމީ ވެސް އެ މުބާރާތުގައި ބައިވެރިވުމުން އިންތިޒާމް ކުރާ ފަރާތްތަކުން ފައިސާގެ އެހީތެރިކަމެއް ދޭތީ ކަމަށެވެ.

އެގޮތުން މުބާރާތުގައި ވާދަ ކުރާ ކޮންމެ ޓީމަކަށް 10،000 ޑޮލަރު ދޭނެ ކަމަށާއި އެ ފައިސާއިން ވެސް ކުޅުންތެރިންނަށް ކޮންމެސް ވަރެއްގެ ޙަރަދެއް ދެވޭނެ ކަމަށް ޑޭވް ބުންޏެވެ.

މިއަދުގެ ދަތުރަށް ޓީސީ ދިއުމުގެ ކުރިން ޓީމާއި ވާހަކަ ދައްކަމުން ޑޭވް ބުނީ، މިފަހަރުގެ މުބާރާތް ވެސް ޓީސީއަށް ކާމިޔާބު ކުރެވޭނެ ހިތްވަރު ޓީމުގައި އެބަހުރި ކަމަށެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"މިދިޔަ ފަހަރުވެސް އަހަރަމެން މުބާރާތަށް ދިޔައިރު ނޫސްތަކުގައި ކޮށްފަ ހުރި ކޮމެންޓުތައް އަހަރަމެންނަށް ފެނުނު. އެ ކޮމެންޓުތައް ހުންނާނެ ސްކްރީންޝޮޓް ވެސް ނަގައިފަ. މިފަހަރުވެސް އިރާދަކުރެއްވިއްޔާ ވާނެ. އަހަރަމެން މުބާރާތަށް މިދަނީ ޑިފެންޑިންގް ޗެމްޕިއަނުންގެ ގޮތުގައި. ނުވާންވީ އެއްވެސް ސަބަބެއް ނެތް." ޑޭވް ބުންޏެވެ.

ޓީސީއިން މުބާރާތް ފަށާ މެޗުގައި ވާދަ ކުރާނީ ޗިޓޮންގް އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު ބަންގްލަދޭޝްގެ ބަންގްދު ބަންގްދު ސްޓޭޑިއަމުގަ އެވެ.

comment ކޮމެންޓް