ބްރޯޑްބޭންޑް ޕޮލިސީއާ އެކު އިންޓަނެޓްގެ އެންމެ ދަށް ސްޕީޑް 30 އެމްބީޕީއެސް ވަރު ހެދޭތޯ ބަލަނީ

ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ބްރޯޑްބޭންޑް ޕޮލިސީ ކަނޑައެޅުމާއެކު ރާއްޖޭގައި ބޭނުންކުރާ އިންޓަނެޓް ޚިދުމަތުގެ އެންމެ ދަށް ސްޕީޑް 30 އެމްބީޕީއެސްއާ ހަމައަށް އިތުރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިން ބުނެފި އެވެ.

ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ބްރޯޑްބޭންޑް ޕޮލިސީ އެކުލަވާލާ ނިމުމުން އިންޓަނެޓްގެ އެންމެ ދަށް ސްޕީޑު ކަނޑައެޅި، ޓޮޕް-އަޕް ކުރާ ޑޭޓާ ޖެހިގެން އަންނަ މަހަށް ދާ ގޮތް ހަމަޖެހޭނެ ކަމަށެވެ.

މިނިސްޓަރު މަލީހުގެ ވާހަކަތަކުގެ ތަފްސީލު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އަފްޒަލް އިބްރާހިމް ވިދާޅުވީ، ބްރޯޑްބޭންޑް ޕޮލިސީ އެކުލަވާލުމަށް ޓަކައި އީޔޫއާއި ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގެ ޕޮލިސީތައް ބެންޗްމާކެއްގެ ގޮތުގައި ބަލައިގެން އެސެސްމަންޓްތައް ހަދަމުންދާ ކަމަށެވެ.

"އޫރަޕިއަން ޔޫނިއަންގައި އެކަން [އިންޓަނެޓް ޚިދުމަތުގެ އެންމެ ދަށް ސްޕީޑް] މި އޮންނަނީ 30 އެމްބީޕީއެސްގެ ގޮތުގައި ޑިފައިން ކޮށްފައި. އެހެންކަމުން އަޅުގަނޑުމެން ވެސް އެއާ ގާތްކުރާ އަދަދެއް ނޫނީ ފަހަރެއްގައި އެއާ އެއްވަރު އަދަދެއް ޑިފައިން ކުރުމުގެ މަޝްވަރާތައް މި ދަނީ ކުރިއަށް ގެންދަމުން،" އަފްޒަލް ވިދާޅުވި އެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، މިހާތަނަށް އައިއިރު އެކަން ކުރެވިފައި ނުވާތީ އާންމުންގެ ފަރާތުން އެމަނިކުފާނުގެ ސަރުކާރަށާއި މިނިސްޓްރީއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

comment ކޮމެންޓް