އުއްތަމަ ފަނޑިޔާރުގެ ބަސް: ޖޭއެސްސީގެ އަމަލުތައް ޣައިރު ގާނޫނީ، ހުއްޓުވައިދީ!

ފެބްރުއަރީ 18، 2019: ޖުޑިޝަލް އިއާ 2019ވަނަ އިފްތިތާހްކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާ ގުޅޭ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަކީ ގާނޫނާ ހިލާފު ޣައިރު ދުސްތުރީ އަމަލެއް ކަމަށާއި އެކަން ހުއްޓުވައިދެއްވުމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ގޮވާލައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނާތީ އެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް" ގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތަކެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ޖޭއެސްސީން ބަލަމުން އަންނަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ ސުލުކީ މައްސަލައެކެވެ.

އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު، އެއްވެސް މައްސަލައެއްގައި އެ ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމަށް ގޮންޖަހައި ތައުނު ކުރުމާއި، ނިންމުންތަކަށް ތަބާ ނުވެ އެ ނިންމުމަށް އިހްތިރާމް ނުކޮށް ކޯޓުގެ ހުރުމަތް ކެނޑުމާއި، އެ ނިންމުން ނިންމި ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި އެ ނިންމުން ނިންމިކަމަށްޓަކައި ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުމާއި، ސުޕްރީމް ކޯޓުގެ ނިންމުމުގެ ދުސްތޫރީ ނުވަތަ ގާނޫނީ ސައްހަ ކަމާމެދު ގޮތް ނިންމުމަށް ދައުލަތުގެ އެހެން އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރުދުސްތޫރީ އަމަލުތަކެއް ކަމަށެވެ.

https://sun.mv/125581

އަދި ޖުޑީޝަލް ނިންމުމެއް، އެއީ ހުކުމެއް ނުވަތަ އަމުރެއް ނުވަތަ އެފަދަ އެހެން ނިންމުމެއް ނަމަވެސް، އެއަށް ތައުނު ނުކޮށް، އެ ނިންމުން ސައްހަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ގޮތުން އެއްވެސް އިޖުރާއަތެއް ހިންގުމަކީ ދައުލަތުގެ އެހެން އެއްވެސް ބާރަކަށް އޮންނާނެއް ބާރެއް ނޫން ކަމަށާއި އެގޮތުން ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

އަދި ޖޭއެސްސީއަށް ދުސްތޫރީ ގޮތުން ހަވާލުކޮށްފައިވާ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް ބަލާއިރު، ރާއްޖޭގެ ކޯޓަކުން ނެރޭ އެއްވެސް އަމުރަކާ ގުޅިގެން އެ އަމުރެއްގެ ޝަރުއިއްޔަތާ އަދި ދުސްތޫރިއްޔަތާމެދު ގޮތް ކަނޑައެޅުމާއި، ކޯޓެއްގެ އެއްވެސް ކަހަލަ ގަޟައީ ނިންމުމެއް މުރާޖައާ ކުރުމާއި އޭގެ މެރިޓް ވަޒަންކުރުމާއި، މެރިޓަށް ބަލައިގެން އެއްވެސް ފަނޑިޔާރަކަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަށްޓަކައި އެއްވެސް ކަހަލަ އިޖުރާއަތެއް ހިންގުމުގެ އެއްވެސް ބާރެއް ނުވަތަ އިހްތިސޯސެއް އެ ކޮމިޝަނަށް ގާނޫނީ ގޮތުން ލިބިގެން ނުވާ ކަމަށެވެ.

\އެފަދަ ކަމެއް ޖޭއެސްސީގެ އެއްވެސް މެމްބަރަކު ކުރުމަކީ، ނުވަތަ އެފަދަ ކަމެއް ކުރުމުގައި މެމްބަރަކު ބައިވެރިވުމަކީ ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެއީ މެމްބަރު ކޮށްގެން ހުންނަ ހުވަޔާ ކަނޑައެޅިގެން ހިލާފުވުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ޖޭއެސްސީން ފޮނުވާފައިވާ "ސުލޫކީ މައްސަލަ ބަލަން ނިންމުމާ ގުޅިގެން ފަނޑިޔާރަށް ދޭ ނޯޓިސް" ގައި ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި 15 ކަމެއް ހިމަނާފައި ވީނަމަވެސް އޭގެ ތެރޭގައި އެ ކޮމިޝަނުގެ ދުސްތޫރީ މެންޑޭޓުގެ ދަށުން އެ ކޮމިޝަށް ބެލުމުގެ ބާރު ލިބިގެންވާ ފަދަ އެއްވެސް ސުލޫކީ މައްސަލައެއް ނެތް ކަމަށް ބަޔާނުގައިވެއެވެ.

"އެއިން ކޮންމެ ކަމަކީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޤަޟާއީ ގޮތުން ނިންމާފައިވާ ނިންމުމެކެވެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ނުވަތަ އެހެން ކޯޓަކުން ވެސް ނިންމާފައިވާ ޤަޟާއީ ނިންމުމެއް މުރާޖައާ ކުރުމާއި، އޭގެ ސައްހަކަން ބެލުމާއި، އެއީ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތް ކަމެއްތޯ ބެލުމަށް ނޮން-ޖުޑީޝަލް އެއްވެސް އިޖުރާއަތެއް ހިންގުމަކީ ގާނޫނު އަސާސީން ތަންދޭ، އަދި ގާނޫނުއަސާސީ ދަންނަ ކަމެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

https://sun.mv/125879

"އެފަދަ އިޖުރާއަތެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިޔަސް، އަދި ދައުލަތުގެ އެހެން ބާރަކުން ވިޔަސް ހިންގުމަކީ ކަނޑައެޅިގެން ޣައިރުދުސްތޫރީ އަދި ޣައިރުގާނޫނީ އަމަލެކެވެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި ފަނޑިޔާރުން ޤަޟާއީ ގޮތުން ނިންމާ ނިންމުންތަކުގެ މެރިޓަށް ބަލައި އެއީ ސުލޫކީ މައްސަލަތަކެއް ކަމަށް ބެލުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ އިތުރުން ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމާ ބެހޭ އެންމެހައި ބައިނަލްއަގުވާމީ މިންގަނޑުތަކާއި ތަހުޒީބީ ދުނިޔޭގެ އެންމެހައި ނިޒާމުތަކުގައި އަމަލު ކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރަކު ވަކި ގޮތަކަށް އިޖްތިހާދުކޮށް ވަކި ރައުޔެއް ނެރެ ވަކި ނިންމުމެއް ނިންމާފައި އޮތުމަކީ އޭގެ ޒާތުގައި ސުލޫކީ މައްސަލައެއް ކަމަށް ބެލުމަކީ ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމައަކުން ނުވަތަ އުސޫލަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖޭއެސްސީގެ އަމަލުތަކަކީ ގާނޫނު އަސާސީއާ ހިލާފު، އަދި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މިނިވަން، މުސްތަގިއްލު އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރުގެ ބާރު ކަނޑުވާލައި، އެ ބާރުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނިގުޅައިގަނެ، ވަކި ބައެއްގެ ބާރާއި ނުފޫޒުގެ ދަށަށް ކޯޓުތައް ގެންގޮސް، ފަނޑިޔާރުންނަށް ބިރު ދައްކައިގެން ފަނޑިޔާރުން ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށް ހިންގާ އަމަލެއް ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން އެކަން ހުއްޓުވައި، ދިވެހި ދައުލަތުގައި ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ބާރު ހިންގަވައިދެއްވައި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކޮށް ނަގަހައްޓަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް، އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

comment ކޮމެންޓް