ކަލާ ރަން އާއެކު މޫދު ކުޅިވަރުތަކާއި ގުޑި ފެސްޓިވަލް!

މިދިޔަ އަހަރު ބޭއްވި އުރީދޫ ކަލާ ރަންގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާމިދިޔަ

އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އުރީދޫ ކަލާ ރަން ބާއްވާ ހަފްތާ ބަންދުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫ ކަލާ ރަން އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާއިރު އެ ހަފްތާ ބަންދުގައި އެކި ކަހަލަ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އުރީދޫ އިން ބުނީ ކަލާ ރަން ހޮނިހިރު ދުވަހު ބާއްވާ އިރު، ހުކުރު ދުވަހުގެ ހެނދުނު، އުރީދޫ "މޫދު މަޖާ" ކިޔާ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ. މޫދު މަޖާ ހަރަކާތުގައި އަތިރިމައްޗަށް އާއިލާތައް އެއްވެ ވަގުތު ހޭދަކުރުމާއި މޫދު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ. އަދި އަނބުމަޖާ އާއި މަސްކާށި ފަދަ ތަކެތި ލިބޭނެ ފަދަ އިންތިޒާމު ވެސް މޫދު މަޖާ ހަރާކާތުގެ ތެރެއިން ލިބިގެން ދާނެ އެވެ.

ހުކުރު ދުވަހުގެ ހަވީރު "ގުޑި މަހާސަމާ"ގެ ހަރަކާތް ވެސް ކުރިއަށް ދާނެ އެވެ. ފެސްޓިވަލް އެއްގޮތަށް ކުރިއަށްދާ އެ ހަރަކާތަކީ ރާއްޖޭގައި ކުރީގައި އޮތް ގުޑިއެރުވުމުގެ އާދަތައް އާލާކުރުން ކަމަށް އުރީދޫއިން ބުނެ އެވެ.

ހޮނިހިރު ދުވަހަކީ އުރީދޫ ކަލާ ރަން ބާއްވާ ދުވަހެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ އުރީދޫ މިއުޒިކް ފެސްޓިވަލް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ފެސްޓިވަލްގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ބައިވެރިވާނެ އެވެ. އޭގެތެރޭގައި "ހަބޭސް" ބޮޑުބެރު ގްރޫޕާއި މޫޝަން އަދި ޒަކިއްޓެ ހިމެނެ އެވެ.

މި ހުރިހާ ހަރަކާތްތަކެއް ވެސް ކުރިއަށްދާނީ ހުޅުމާލޭގަ އެވެ.

މީގެ ކުރިން ބޭއްވި ކަލާ ރަންތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ކަލާ ރަންގައި ވެސް ތަފާތު އެކި ވަނަތައް ހޮވާނެ އެވެ. އޭގެ ތެރޭގައި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ އާއި އެންމެ އެންޓަޓެއިނިންގް ދުވުންތެރިޔާ ހިމެނެ އެވެ.

އުރީދޫއިން މި އަހަރުގެ ޖޫން މަހު އައްޑޫ ސިޓީގައި ބޭއްވި ކަލާ ރަން އަދި މިދިޔަ އަހަރު ނޮވެމްބަރު މަހު ހުޅުމާލޭގައި ބޭއްވި ކަލާ ރަންއަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އެ ހަރަކާތުގައި 5،000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް