ލައިސެންސް ބާތިލް ކުރި "ބަނޑަހަ"އާ އަބޫ ހަނީފްއާ ގުޅުމެއް އޮތްތޯ ބަލަނީ

އަބޫ ހަނީފް: އޭނާ އާ ބަނޑަހަ ފައިނޭންސްގެ ފައިސާތަކުގެ މައްސަލައެއް ބަލަނީ

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ރެމިޓެންސް އާއި މަނީ އެކްސްޗެންޖާ ލައިސެން ހިފަހެއްޓި "ބަނޑަހަ ފައިނޭންޝަލް" އާއި ޑިޕޯޓް ކުރި ބަންގްލަދޭޝްގެ އަބޫ ހަނީފު އާ ގުޅުމެއް އޮތްތޯ ބަަލަމުންދާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

އެމްއެމްއޭ އިން ވަނީ މިދިޔަ މަހު 25 ވަނަ ދުވަހު ބަނޑަހަ ފައިނޭސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ރެމިޓެންސް ލައިސެންސްއާއި ބަނޑަހަ ކެފޭ އަށް ދޫކޮށްފައިވާ މަނީ އެކްސްޗޭޖް ލައިސެންސް ވަނީ ހިފަހައްޓާފަ އެވެ.

އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ އަބޫ ހަނީފް ވިސާއާ ހިލާފުވެގެން އިމިގްރޭޝަނުން އޭނާ ޑީޕޯޓްްކޮށްލީ މިދިޔަ މަހު 14 ވަނަ ދުވަހު އެވެ.

އިއްޔެ ރައްޔިތުުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޗީފް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އަބޫ ހަނީފް ޑިޕޯޓްކޮށްލި ފަހުން އޭނާއާ ގުޅިގެން ޝޯޝަލް މީޑިއާ އިން ލިބުނު މައުލޫމަތުގެ މައްޗަށް ތަހުގީގެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން މިހާރު ތަހުގީގަށް ލިބުނު މައުލޫމަތުން އޭނާ އަކީ ބަނޑަހަ ކެފޭ އެއްގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރާއްޖެ އައި މީހެއްކަން އެނގިފައިވާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

"ދެން[މިހާރު] އަޅުގަނޑުމެން ބަލަމުން މިދަނީ، ބަޑަހަ ފައިނޭންސްގެ އެމްޑީ ރާއްޖެ އިން ބޭރަށް ފޮނުވި ފައިސާތަކެއްގެ މައްސަލަގައި އޭނަ އާއި ހަނީފްއާ އޮތީ ކޮން ގުޅުމެއްތޯއާއި ކޮބާތޯ ފައިސާތަކުގެ ހަނީފްގެ ދައުރަކީ. އެބައިތައް ތަހުގީގު ކުރަމުންދަނީ މިހާރު،" ބަޝީރު ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމެއްގައި ބަޝީރު ވާހަަކަ ދައްކަވަނީ: އަބޫ ހަނީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަޝީރު ވިދާޅުވީ، އަބޫ ހަނީފްގެ މައްޗަށް ކުރެވެނީ މަނީ ލޯންޑަރިންގެ ތުހުމަތު ކަމަށާއި އޭނާ ރާއްޖެ އިން ބޭރުގައި ހުރުމުން އޭނާއާ ސުވާލު ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

"މިހާރު ހުރި ތުހުމަތުތަކަށް ބަލާއިރު، ދެން އަބޫ ހަނީފް ރާއްޖެއިން ބޭރުގައި ހުރުމުން އޭނާއާ ސުވާލު ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން. ދެ ގައުމުގެ އޮންނަ ބައިލެޓްރަލް ރިލޭޝަންޝީޕްގެ ތެރެއިން ނުކުރެވޭނެޔޭ އެއް ނޫން. ނަމަވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުރެގެން ކަން ކުރަން ޖެހޭ ގޮތައް މިކަންތައް ނުހިނގޭނެ،" ބަޝީރު ވިދާޅުވި އެވެ.

އެކަމުގައި އިންޓަޕޯލް އެހީތެރިކަން ހޯދައިގެން އޭނާއާ ސުވާލު ކުރަން ވިސްނަވަންތޯ މުގައްރިރު އަދި މަރަދޫ ދާއިރާ މެމްބަރު އިބްރާޙިމް ޝަރީފް ސުވާލުކުރެއްވުމުން ބަޝީރު ވިދާޅުވީ، ތަހުގީގު ކުރިއަށްދާ ވަރަކުން، އެ މަގުން ދާން ޖެހުނަސް އެކަން ވެސް ކުރާނެ ކަމަށެވެ.

އަބޫ ހަނީފްއާ ގުޅޭ ފައިސާގެ މައްސަލައެއް 2015ގައި ބެލި!

ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އަބޫ ހަނީފްއާ ގުޅޭ ފައިސާތަކެއް 2015 ގައި އަތުލައިގަނެވުނު -- ފޮޓޯ/މަޖިލިސް

ކޮމިޓީ ބައްދަލުވުުގައި ވާހަކަ ދައްކަވަމުން ބަޝީރު ވިދާޅުވީ، މީގެ ކުރިން އަބޫ ހަނީފް އާ ގުޅޭ މައްސަލައެއް އެ މުއައްސަސާ އަށް ހުށަހެޅިފައި ނުވާ ކަމަށެވެ. ނަމަވެސް 2015 ވަނަ އަހަރު ފުލުހުން ބަލަމުން ދިޔަ ބަންގްލަދޭޝްގެ އަށް ރައްޔިތެއްގެ ފައިސާގެ މައްސަަލައިގައި އޭނާ ފުލުހަށް ހާޒިރުވި ކަމަށެވެ.

"2015 ވަނަ އަހަރު އެބައިން އަޅުގަނޑުމެންނަށް ހިޓް ވެފައި އެއީ ބަންގްލަދޭޝްގެ އަށް ރައްޔިތެއްގެ ފައިސާތަކެއް ހިފައިގެން ދިޔަ މީހެއްގެ މައްސަލައިގައި، އަޅުގަނޑުމެން ބަލަމުން ދިޔަ މައްސަލައިގައި، އެ ފައިސާތަކަކީ އެ އަށް މީހުންގެ ފައިސާތަކެއް ކަމަށް ބުނެ ޕޮލިސް އަށް ހާޒިރުވެފައި އެބަހުރި އޭނާ [އަބޫ ހަނީފް]،" ބަޝީރު ވިދާޅުވި އެވެ.

އަބޫ ހަނީފުގެ މުއްސަނދި ދިރިއުޅުމުގެ ފޮޓޯތަކެއް ޝޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އޭނާގެ މައްޗަށް ސީރިޔަސް ތުހުމަތުތަކެއް ކުރެވޭ އިރު، އޭނާގެ މައްޗަށް ތަހުގީގެއް ނުކޮށް ޑިޕޯޓްކޮށްލުމުން އިމިގްރޭޝަނަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ކޮމިޓީ ބައްދަލުވުމުގައި، އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު މުހައްމަދު (ހަނަފީ) ވިދާޅުވީ، އޭނާ ޑީޕޯޓުކޮށްލި އިރު، އެނާގެ އެއްވެސް މައްސަލައެއް އެއްވެސް އިދާރާއަކަށް ހުށަހެޅިފައިވާ ކަން އެ މުއައްސަސާއަށް އެވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށެވެ.

"އަބޫ ހަނީފާއި އެ ހުރިހާ އެންމެން ފޮނުވާލި އިރުވެސް އަޅުގަނޑުމެންނަށް ނެތް އެވެސް ތަނަކަކުން އޭނައަކީ މިކަހަލަ ތުހުމަތުތަކެއް ކުރެވޭ މީހެއް ކަމަށް. އިމިގްރޭޝަން ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކުރި ކަމެއް،" ހަނަފީ ވިދާޅުވި އެވެ.

ހަނަފީ ވިދާޅުވީ، މިހާރު އިމިގްރޭޝަން ހިންގަނީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް އިމިގްރޭޝަން ހިންގާ ގޮތަށް ވަރަށް ދެފުށް ފެންނަ ގޮތަށް ކަމަށާއި ފޮރުވާނެ އެއްވެސް ކަމެއް މިހާރު އިމިގްރޭޝަންގައި ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް