ތައިލެންޑްގެ ބެންކޮކްގައި ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައިފި

ތައިލެންޑުގައި ރާއްޖޭގެ އެމްބަސީ ހުޅުއްވައިދެއްވައި، ފޮރިން މިނިސްޓަރު އެމްބަސީގެ މުވައްޒަފުންނާއެކު --- ފޮޓޯ/ ދިވެހި އެމްބަސީ ތައިލެންޑް

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިފިއެވެ.

ތައިލެންޑުގައި ރާއްޖޭގެ އެމްބަސީއެއް އެންމެ ފުރަތަމަ އުފައްދައި ގާއިމުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި، 30 ޖެނުއަރީ 2018 ގައެވެ.

ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީ ރަސްމީކޮށް މިއަދު އިފްތިތާހުކޮށްދެއްވީ، މިހާރު ބެންގްކޮކްއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީ ހުންނަނީ ވެރިރަށް ބެންކޮކްގެ ބަންގް ރަކް ޑިސްޓްރިކްޓްގައެވެ.

ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައިވަނީ މުހައްމަދު ޖިނާހުއެވެ. އަދި ޑެޕިއުޓީ އެމްބެސެޑަރަކީ ހުދާ އަލީ ޝަރީފެވެ.

ތައިލެންޑުގައި ހުންނަވާ ފުރަތަމަ ދިވެހި ސަފީރުގެ މަގާމު އަދާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމްބަސީ ރަސްމީކޮށް ހުޅުވުމަކީ ތައިލެންޑާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ބަދަހިވެ، އަދި ތައިލެންޑަށް ދާ ދިވެހީންނަށް ރަނގަޅު ފެންވަރުގައި ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ އިޖްތިމާއީ، އިގްތިސޯދީ އަދި ވިޔަފާރީގެ ކަންކަމާއި ރާއްޖޭގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ޕްރޮމޯޓުކުރުމުގެ އިތުރުން، ދެގައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި މަސައްކަތްތެރީންނަށް އެމްބަސީއިން ފޯރުކޮށްދޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ތައިލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެގައުމުގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމުދްވިނައިގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖެއާ ތައިލެންޑާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ.

comment ކޮމެންޓް