ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ޖަޒީރާ ރާއްޖޭގެ ބިންގާ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން އެދޭ ތަރައްގީގެ ބިންގާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ތަސައްވުރަކީ ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުން ކަމަށެވެ.

"މިކަން ހާސިލް ކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖްލީހަށް ލާމަރުކަޒީ ގާނޫނަށް ބަދަލުގެންނަން ހުށަހަޅާފަ. މިއީ އަޅުގަނޑުމެން އެދޭ ތަރައްގީގެ ބިންގާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޓުވީޓު ކުރެއްވި ހަތް ސިކުންތުގެ ކުރު ވީޑިއޯއަކާ އެކު ވިދާޅުވީ "ލާމަރުކަޒީ ރާއްޖެ - ޖަޒީރާ ތަރައްގީގެ ބިންގާ" ކަމަށެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ގާނޫނުއަސާސީއަށާއި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ދެ ބިލެއް ހުށަހަޅައިފަ އެވެ.

ރައީސްގެ އިތުރުން މިނިސްޓަރުން ވެސް އަންނަނީ އެ ވީޑިއޯ ޓުވީޓުކޮށް، ލާމަރުކަޒީ ރާއްޖެއާ މެދު އެބޭފުޅުންގެ އުންމީދުތައް ހިއްސާކުރައްވަމުންނެވެ.

"އެއް ސައިޒަށް ހެދުން ކަނޑާ އުސޫލުން ކައުންސިލްތައް ހިންގުން ނިމުމަކަށް ގެންނާނެ"

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އެއް ސައިޒަށް ހެދުން ކަނޑާ އުސޫލުން ކައުންސިލްތައް ހިންގުން ނިމި ކޮންމެ ރަށެއްގެ ތަރައްގީއަކީ އެ ރަށެއްގެ ރައްޔިތުން އެދޭ ގޮތަށް ހިންގޭނެ ތަރައްގީކަން މިސަރުކާރުން ޔަގީން ކޮށްދޭނެ ކަމަށެވެ.

"މާލޭގެ ފިނި ކޮޓަރިއަކުން 200 ރަށް ތަރައްގީ ނުކުރެވޭނެ"

ކޮމިނިއުކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ފިނިކޮޓަރިއެއްގައި އިނދެގެން ރާއްޖޭގައި މީހުން ދިރިއުޅޭ 200 ވަރަކަށް ރަށް ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ އިހުސާސްތަކާއި ވިންދާ އެއްގޮތަށް ރަށްތައް ތަރައްގީ ކުރެވޭނީ ހަގީގީ މާނައިގައި ލާމަރުކަޒީކޮށް ކައުންސިލްތައް ޖަވާބުދާރީ ވެސް ކުރެވިގެން ކަމަށް މިނިސްޓަރު މަލީހު ވަނީ ވިދާޅުވެފަ އެވެ.

"ސަރުކާރުން ހުށަހެޅި އިސްލާހު އެ މަގަށް،" މަލީހް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް:

  • ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅުން.
  • ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުން.
  • ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުން.
  • ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުން.
  • ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުން.
  • ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 ހާއްސަ ކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައެޅުން.
  • އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ދޭގޮތަށް ހަމަޖެއްސުމަށާއި އޮފީސް ހިންގާނެ ތަން ހަމަޖައްސައިދިނުން ފަދަ އިންތިޒާމުތައް، ކައުންސިލުތަކުން ފޯރުކޮށްދޭންވާނެ ކަމަށް ކަނޑައެޅުން.
  • ރަށު ކައުންސިލުތަކެކޭ އެއްފަދައިން ސިޓީތަކުގައިވެސް އާބާދީއަށް ނިސްބަތްކޮށް މެންބަރުން އިންތިހާބުކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާ ގޮތް ބަދަލުކުރުން.
  • ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފަދަ އާންމު ހިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާގުޅޭ އުސޫލުތަކާއި، ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭނަމަ، އެ ކަމާބެހޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ކަނޑައެޅުމާއި، އެފަދަ ތިންވަނަ ފަރާތަކުން ހިދުމަތް ފޯރުކޮށްދޭ ހާލަތުގައިވެސް، އެ ހިދުމަތަކާ ގުޅޭގޮތުން އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ގޮތަށް ހަމަޖެއްސުން.
  • ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގައި ކައުންސިލަރުން ތަމްސީލުވާނެ ގޮތަށް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
  • ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުންނާއި، ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ވީ ވަރަކުން ކައުންސިލުތަކުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ކަނޑައެޅުން.
  • ކައުންސިލުގެ ޒިންމާދާރު ވެރިޔާ އައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުން.

މީގެ އިތުރުން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ގާނޫނުއަސާސީއަށް ވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ގާނޫނުއަސާސީގެ އަށްވަނަ ބާބަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސް ނުވަތަ މޭޔަރާއި އޭނާގެ ނައިބު އިންތިހާބުކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމެވެ.

އަދި ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލުގައި ތަމްސީލުކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލުތަކުގެ މެމްބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސުން ކަމުގައި ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން ދެން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލުތަކުގެ އުމުރު، ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމެވެ.

comment ކޮމެންޓް