އިންތިހާބުވެއްޖެނަމަ، ހަނގުރާމައިގެ ޖަރީމާތައް ތަހުގީގެއް ނުކުރާނަން: ގޯޓާބަޔަ

ލަންކާގެ ރައީސްކަމަށް އިންތިހާބުވެއްޖެ ނަމަ ދާހިލީ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ނުކުރާނެ ކަމަށް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ ވިދާޅުވެފަ -- ފޮޓޯ: އޮންލަންކާ

ކޮލޮމްބޯ (އޮކްޓޯބަރު 16): ސްރީލަންކާގެ ރައީސްކަމަށް އިންތިހާބުވެއްޖެ ނަމަ އެގައުމުގެ ދާހިލީ ހަނގުރާމައިގައި ހިނގާދިޔަ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރަން އދއާއެކު ހެދި އެއްބަސްވުމަށް އަމަލު ނުކުރާނެކަމަށް ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނީ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައެވެ. އޭރު ރައީސް ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ހުންނެވީ ޑިފެންސް ސެކްރެޓަރީގެ މަގާމުގައެވެ. އެ ހަނގުރާމައިގެ ފަހުކޮޅު ލަންކާ ސިފައިން ވަނީ 40،000 ތަމަޅަ ރައްޔިތުން މަރާފައި ކަމަށް އދއިން ވަނީ ލަފާކޮށްފައެވެ.

އޭގެ ފަހުން 2015 ވަނަ އަހަރު ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސަރުކާރުން ވަނީ ލަންކާ ހަނގުރާމައިގައި ބައިވެރިވި ދެ ފަރާތުން ހިންގި ޖަރީމާތައް ތަހުގީގުކުރުމަށް މިނިވަން ޕެނަލެއް އެކުލަވާލުމަށް ގޮވާލާ، އދއިން ފާސްކުރި ގަރާރަށް ތަބާވާން އެއްބަސްވެފައެވެ. ނަމަވެސް ބޭރުގެ ފަނޑިޔާރުންނާއި ވަކީލުންނާއެކު ބަލަން އެންގި އެމައްސަލަތަކަށް އަދިވެސް ހާއްސަ ޕެނަލެއް ހަދާފައި ނުވެއެވެ.

ގޯޓާބަޔަ އިއްޔެ ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރުގައި ލަންކާއިން އދއާއެކު މަސައްކަތް ކުރާނެކަމަށާއި ނަމަވެސް ކުރީގެ ސަރުކާރަކުން ހަދާ އެއްބަސްވުމަކަށް އަމަލު ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް އދއާއެކު މަސައްކަތްކުރާނަން. ނަމަވެސް އދއިން ކުރީގެ ސަރުކާރުތަކާއެކު ހަދާފައިވާ އެއްބަސްވުމެއް އަޅުގަނޑަކަށް ބަލައެއް ނުގަނެވޭނެ،" ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ގޯޓާބަޔަ ވިދާޅުވިއެވެ.

އަދި ލަންކާއިން މިހާރު އިސްކަން ދޭން ޖެހެނީ ގައުމުގެ މުސްތަގުބަލަށް ކަމަށާއި ތަމަޅަ ދަރިކޮޅުގެ މީހުންގެވެސް ޝައުގުވެރިކަން މިހާރު ހުރީ ވަޒީފާއާއި ތައުލީމާއި އެހެނިހެން ވަސީލަތްތަކަށް ކަމަށް ވިދާޅުވެފައެވެ.

މަހިންދަ ރާޖަޕަކްސަވެސް ބައިވެރިވެވަޑައިގެންނެވި އެ ޕްރެސް ކޮންފަރެންސުގައި ދެބޭފުޅުން ވަނީ ހަނގުރާމައިގެ ފަހުކޮޅު އާންމު ރައްޔިތުން މެރިކަމަށް ބުނާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި އެދުވަސްވަރު ތަމަޅަ ޓައިގަރުން އާންމު ރައްޔިތުން "އައްޑަނައެއްގެ" ގޮތުގައި ބޭނުން ކުރިކަމަށް ވިދާޅުވިއެވެ.

އަންނަ މަހުގެ 16 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ގޯޓާބަޔަގެ އިތުރުން 34 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއެވެ. ލަންކާގައި މިހާރު ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ނިސްބަތްވާ ކޯލިޝަނުން ވާދަކުރައްވަނީ ކުރީގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސައެވެ.

ލަންކާގެ ރައީސް މައިރުތިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީން ވަނީ ގޯޓާބަޔަ ރާޖަޕަކްސައަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.

ގޯޓާބަޔައާއި ސަޖިތުގެ އިތުރުން ދެން އެންމެ ގާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ވާތު ފިޔައިގެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ކެންޑިޑޭޓު އަނޫރަ ކުމާރަ ޑިސާނާޔަކައަށެވެ.

comment ކޮމެންޓް