"ފްރެންޑްސް"ގެ ސެލްފީއަކާއެކު ޖެނިފާ އެނިސްޓަން އިންސްޓަގްރާމަށް!

ޖެނިފާ އެނިސްޓަން، ފްރެންޑްސްގެ ކާސްޓާއެކު ނަގައި އަޕްލޯޑުކުރި ސެލްފީ --- ފޮޓޯ/ ޖެނިފާ އެނިސްޓަން (އިންސްޓަގްރާމް)

މަޝްހޫރު ޓީވީ ޝޯ "ފްރެންޑްސް"ގެ ކާސްޓާއެކު ނަގާފައިވާ ސެލްފީއަކާއެކު އެ ޝޯގެ "ރޭޗަލް ގްރީން"ގެ ރޯލުން ފެނިފައިވާ ޖެނިފާ އެނިސްޓަން އެންމެ ފަހުން އިންސްޓަގްރާމް އެކައުންޓެއް ހަދައިފިއެވެ.

ޖެނިފާ އިންސްޓަގްރާމްއާ ގުޅުމާއެކު އެތައް ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައިވެއެވެ. އެހެން އެކްޓަރުންތަކުން ފެށިގެން ގިނަ ފޭނުންގެ ލޯތްބާއި ތަރުހީބު ދަނީ ޖެނިފާއަށް އޮހެމުންނެވެ.

މަޝްހޫރު ތަރިން ކަމަށްވާ މަރާޔާ ކޭރީ އާއި ޗާލީ ޕުތު އަދި ކެރީ ވޮޝިންޓަންގެ އިތުރުންވެސް ގިނަ ބަޔަކު ވަނީ ޖެނިފާއަށް މަރުހަބާ ކިޔާފައެވެ.

ޖެނިފާ އިންސްޓަގްރާމް އާ ގުޅިފައިވަނީ "ފްރެންޑްސް" ކާސްޓުގައި ހިމެނޭ އެކްޓަރުންނާ އެކު ނަގާފައިވާ ސެލްފީއަކާއެކުގައެވެ. މިއީ އެތައް އަހަރުތަކަކަށް ފަހު ފްރެންޑްސްގެ ކާސްޓުން އެކީ ދިމާވެފައިވާ ފުރަތަމަ އަހަރެވެ.

ޖެނިފާ ޕޯސްޓުކުރި ސެލްފީގައި ޑޭވިޑް ޝްވިމާ އާއި މެޓް ލިބްލާންކް އާއި މެތިއުޕެރީ އާއި ކޯޓްނީ ކޮކްސް އަދި ލީސާ ކުދްރޯ ހިމެނެއެވެ.

މިއީ ފްރެންޑްސްގެ ފޭނުން ވަރަށް އުފާވެގެން ދިޔަ ކަމެކެވެ.

ޖެނިފާ އިއްޔެ އިންސްޓަގްރާމް އެކައުންޓެއް ހެދިއިރު އެތައް މިލިއަން ބަޔަކު ދަނީ އޭނާ ފޮލޯކުރަން ފަށާފައެވެ. އެގޮތުން އެއް ދުވަހުގެ ތެރޭގައި ޖެނިފާގެ އެކައުންޓަށް ވަނީ ހަ މިލިއަނަށްވުރެ ގިނަ ފޮލޮވާސް ލިބިފައެވެ.

comment ކޮމެންޓް